Advertisement

175،000 ސިފައިންނާ އެކު ރަޝިއާ އިން ޔޫކްރެއިނަށް ހަމަލާ ދޭން އުޅޭކަމުގެ ތުހުމަތު!

4 ޑިސެންބަރު 2021 - 12:36 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރަޝިއާ ސިފައިންގެ ޓޭންކަރެއް. -- ފޮޓޯ: އޭއޭ


175،000 ސިފައިންނާ އެކު ރަޝިއާ އިން ޔޫކްރެއިނަށް ހަމަލާ ދޭން އުޅޭކަމުގެ ތުހުމަތު!

4 ޑިސެންބަރު 2021 - 12:36 0

ވޮޝިންޓަން، އެމެރިކާ (ޑިސެމްބަރު 4) - ރަޝިއާގެ 175،000 ސިފައިންނާ އެކު ޔޫކްރެއިންގެ އެކި ދިމަދިމާލަށް އަންނަ އަހަރުގެ ކުރީކޮޅު ހަމަލާ ދޭން ތައްޔާރުވަމުންދާ ކަމަށް ވޮޝިންޓަން ޕޯސްޓް ނޫހުން ރިޕޯޓުކޮށްފި އެވެ.

އެމެރިކާ ސަރުކާރުގެ ނަން ހާމަނުކުރާ އޮފިޝަލަކާ ހަވާލަދީ އެ ނޫހުން ބުނީ ރަޝިއާ އިން ރާވައިގެން އުޅެނީ "ހަނގުރާމައިގެ 100 ޓެކްޓިކަލް ގްރޫޕަކަށް 175،000 ސިފައިން ބަހާލައިގެން ބަރު ހަތިޔާރާ އެކު ހަމަލާ ދިނުމަށް" ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޕެންޓަގަން އިން ބުނީ ޖާސޫސީ މައުލޫމާތާ ގުޅޭ ކަންކަމުގައި ވަކި އެއްޗެއް ބުނެވެން ނެތް ކަމަށެވެ. ނަމަވެސް "ޔޫކްރެއިނާ ދެކޮޅަށް ހަމަލާ ދޭން ރަޝިއާ އިން ރާވާކަމުގެ ހެކި ހުރުމުން ވަރަށް ކަންބޮޑުވާ" ކަމަށް ބުންޏެވެ.

"އަޅުގަނޑުމެން އަބަދުވެސް ތާއީދުކުރަނީ އެ ސަރަހައްދުގެ ހަމަނުޖެހުން ކުޑަކޮށް، އިރުމަތީ ޔޫކްރެއިންގެ މައްސަލަ އަށް ޑިޕްލޮމެޓިކް ހައްލެއް ހޯދަން،" ޕެންޓަގަންގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ޓޯނީ ސެމެލްރޮތް ވިދާޅުވި އެވެ.

ވޮޝިންޓަން ޕޯސްޓް ނޫހުން ރިޕޯޓު ކުރި ގޮތުގައި ރަޝިއާ ސިފައިން މި ވަގުތު ދަނީ ހަތަރު ސަރަހައްދަކަށް ޖަމާވަމުންނެވެ. އަންނަ މަހު ރަޝިއާ އިން ހަމަލާ ދޭން އުޅޭކަމަށް ބުނެ ޔޫކްރެއިނުން ވެސް ވަނީ މި ދަނޑިވަޅުގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ރަޝިއާ އިން ޔޫކްރެއިނަށް އަރަން ކުރާ މަސައްކަތް ހުއްޓުވަން އާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. ރަޝިއާ އާއި ޔޫކްރެއިން ގުޅޭ ބޯޑަރު ކައިރީގައި މިހާރު 100،000 އަށް ވުރެ ގިނަ ރަޝިއާ ސިފައިން އެބަ ތިބި ކަމަށް ޔޫކްރެއިނުން ބުނެ އެވެ.

ނަމަވެސް ރަޝިއާ އިން އަންނަނީ އެ ތުހުމަތުތައް ދޮގުކުރަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ރަޝިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުމަށް ފަހު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ރަޝިއާ އިން ހަމަލާ ދޭން ނިންމައި، މަސައްކަތް ކުރިއަށް ގެންގޮސްފި ނަމަ "ނަތީޖާ ސީރިއަސްވާނެ" ކަމުގެ އިންޒާރު ބްލިންކެން ދެއްވި އެވެ. ޔޫކްރެއިން މައްސަލައިގައި ބައިޑެން އާއި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވާޗުއަލްކޮށް މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޔޫކްރެއިންގެ ދަށުގައި އޮތް ކްރައިމިއާ އަށް އަރައި، ރަޝިއާ އިން އެތަން ހިފީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން އިރުމަތީ ޔޫކްރެއިންގައި ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ގްރޫޕުތަކަށް ރަޝިއާ އިން އަންނަނީ އެއްބާރުލުން ދެމުންނެވެ. އެ ހަމަނުޖެހުމުގައި 13،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.