Advertisement

ހާޓްއެޓޭކަށް ފަހު އެރިކްސަން ފުރަތަަމަ ފަހަރަށް ޕްރެކްޓިހަށް

3 ޑިސެންބަރު 2021 - 10:06 0


ހާޓްއެޓޭކަށް ފަހު އެރިކްސަން ފުރަތަަމަ ފަހަރަށް ޕްރެކްޓިހަށް

3 ޑިސެންބަރު 2021 - 10:06 0

ކޯޕެންހާގެން (ޑިސެމްބަރު 3) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ހާޓްއެޓޭކެއް ޖެހިގެން ދަނޑުންބޭލި ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ފުރަތަމަ ފަހަރަށް ޕްރެކްޓިހަކަށް ނުކުމެއްޖެ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ފިންލެންޑާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި އެރިކްސަން ހިތްހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނެވެ. ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީ ހެދި ޓެސްޓްތަކުން އެނގުނީ އެރިކްސަން ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) ލައްވަން ޖެހޭ ކަމެވެ.

އެރިކްސަން ހިތަށް އައިސީޑީ ލެއްވިއިރު، އެ ޑިވައިސް އަކީ ހިތުގެ ވިންދު ކޮންޓްރޯލް ވަރެއްގައި ދެމެހެއްޓުމަށް ހަރުކުރާ ޑިވައިސް އެކެވެ. ހިތުގެ ވިންދު މާ އަަވަސްވާނަމަ އައިސީޑީން އެ ޑިޓެކްޓްކޮށް ކޮންޓްރޯލް ކުރާނެ އެވެ. އައިސީޑީ ލައްވައިގެން ހުރެ، އިޓަލީގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމަކީ މަނާ ކަމެކެވެ. އެހެންވެ، އިންޓަ އިން ރަސްމީކޮށް ވަނީ އެރިކްސަން ދޫކޮށްލަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.

އެރިކްސަން، 29، ވަނީ ޕްރޮފެޝަަނަލީ ފުޓްބޯޅައިން ކުރިއަށްދާން ނިންމައި، އައިސީޑީ ލައްވައިގެން ޕްރެކްޓިސްތައް ކުރަން ފަށައިފަ އެވެ. މި ކަމުގައި އެރިކްސަން އަށް އެހީތެރިވެދެނީ ޔޫތު ލެވަލްގައި އޭނާ އެންމެ ފުރަތަމަ ކުޅުނު ކްލަބް، ޑެންމާކްގެ އޮޑެންސީ ބޯލްޑްކްލުބް (އޯބީ) އިންނެވެ. އެރިކްސަން ވަނީ އިއްޔެ އޯބީގެ ޓްރެއިނިން ދަނޑުގައި އިންޑިވިޖުއަލް ޓްރެއިނިންތައް ފަށައިފަ އެވެ.

އޯބީގެ އޮފިޝަލަކު ޑެންމާކުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެރިކްސަންގެ އެދުމާ އެކު އެ ކްލަބްގެ ޓްރެއިނިން ސެންޓަރާއި ދަނޑުގައި އެރިކްސަންގެ އިންޑިވިޖުއަލް ޓްރެއިނިންތައް ކުރިއަށް ގެންދަން ފުރުސަތު ދީފައިވާ ކަމަށެވެ.

ނެދަލެންޑްސްގެ އަޔަކްސް ޔޫތު ޓީމަށް 2008 ވަނަ އަހަރު ބަދަލުވުމުގެ ކުރިން އެރިކްސަން ޔޫތު ލެވަލްގައި ކުޅުނީ އޯބީ އަށެވެ.

އައިސީޑީ ލައްވައިގެން ކުޅުމުގެ ފުރުސަތު ދޭ ޔޫރަޕްގައި ވަރުގަދަ އެއް ލީގަކީ ނެދަލެންޑްސްގެ ލީގެވެ. ނެދަލެންޑްސްގެ އަޔަކްސްގެ ތަރި ޑޭލީ ބްލިންޑް ވެސް ކުޅެމުން އަންނަނީ ހިތަށް ޕޭސްމޭކަރެއް ލައްވައިގެންނެވެ. އެރިކްސަން އަކީ ކުރިން އަޔަކްސް އަށް ކުޅުނު ކުޅުންތެރިއެކެވެ.

އެރިކްސަން، އަޔަކްސްގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރު އެވެ. ތިން އަހަރު ސީނިއާ ޓީމަށް ކުޅުމަށް ފަހު އެރިކްސަން 2013 ވަނަ އަހަރު ޓޮޓެންހަމަށް ބަދަލުވީ 14 މިލިއަން ޑޮލަރަށެވެ. އެރިކްސަން އިންޓަ މިލާނަށް ބަދަލުވީ މިިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އިންޓަ އިން ވަނީ އެރިކްސަން ގަންނަން 20 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. އެރިކްސަން އަކީ މިދިޔަ ސީޒަނުގައި އިންޓަ އިން އިޓަލީގެ ޗެމްޕިއަންކަން ހޯދިއިރު، ސީޒަންގެ ފަހު މެޗުތަކުގައި މޮޅު ކުޅުމެއް ދައްކައި މުހިއްމު ގޯލުތަކެއް ޖެހި ކުޅުންތެރިއެކެވެ.

އަލުން އަޔަކްސް އަށް އެރިކްސަން ގެންދަން މަޝްވަރާތަކެއް އަންނަނީ ކުރަމުންނެވެ. އަޔަކްސް އިން އެރިކްސަން ގެންދާނީ އޭނާ ފިޓްނަސް ޓެސްޓްތަކަކުން ފާސްވެއްޖެނަމަ އެވެ. އޯބީއާ އެކު އެރިކްސަން އިންޑިވިޖުއަލް ޓްރެއިނިންތައް ފެށީ ޕްރޮފެޝަނަލްކޮށް އަލުން ކުޅެވޭ ވަރަށް ފިޓްވުމުގެ މަގުސަދުގަ އެވެ.