Advertisement

ޔުނައިޓެޑްގެ އެރިކްސަން ދެ މަހަށް ވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް

31 ޖަނަވަރީ 2023 - 18:29 0


ޔުނައިޓެޑްގެ އެރިކްސަން ދެ މަހަށް ވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް

31 ޖަނަވަރީ 2023 - 18:29 0

މެންޗެސްޓާ (ޖެނުއަރީ 31) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޑެންމާކްގެ މިޑްފީލްޑަރު، ކްރިސްޓިއަން އެރިކްސަންގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ދެ މަހަށް ވުރެ ގިނަ ދުވަހަށް އޭނާ ކުުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

މިިދިޔަ ހޮނިހިރު ދުވަހު އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ޔުނައިޓެޑުން ރެޑިން އަތުން މޮޅުވި މެޗުގެ ދެ ވަނަ ހާފުގައި ރެޑިންގެ އެންޑީ ކެރޯލް ވަނީ އެރިކްސަންގެ ފަޔަށް ނުރައްކާތެރި ފައުލެއް ކޮށްފަ އެވެ. ކެރޯލް އަށް އެ ފައުލަށް ދެއްކި ރީނދޫ ކާޑާ އެކު، ދެ ރީނދޫ ކާޑު ހަމަވެ، އޭނާ އަށް ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

އެ މެޗަށް ފަހު، އެރިކްސަން، 30، ދަނޑުން ނިކުމެގެންދިޔައީ ޕްރޮޓެކްޓިވް ބޫޓެއްގަ އެވެ. ޔުނައިޓެޑުން މިދިޔަ ދެ ދުވަހު ހެދި އެރިކްސަންގެ ޓެސްޓްތަކަށް ފަހު، އެ ޓީމުގެ ކޯޗު ޓެން ހާގް، މިއަދު ބުނީ މި ވަގުތަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އޭޕްރީލް މަހުގެ ނިޔަލަށް އެރިކްސަނަށް އެނބުރި އާދެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"ފެންނަ ފެނުމަށާއި ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އޭޕްރީލް މަހުގެ ނިޔަލަށް ނޫނީ މެއި މަހުގެ ކުރީކޮޅުގައި އެރިކްސަން އަށް ކުޅެވޭނެ ކަމަށް މި ބަލަނީ،" ކުރިން އަޔަކްސް އާއި ޓޮޓެންހަމް އަދި އިންޓަ މިލާނަށް ކުޅުނު އެރިކްސަންއާ ބެހޭގޮތުން ޓެން ހާގް ބުންޏެވެ.

މިދިޔަ ސީޒަނުގައި ބްރެންޓްފޯޑަށް ކުޅުމަށް ފަހު ހިލޭ ޓްރާންސްފާއެއްގައި މި ސީޒަނުގައި ޔުނައިޓެޑާ ގުޅުނު ފަހުން އެރިކްސަން ވަނީ އެ ޓީމަށް މިހާތަނަށް 31 މެޗުގައި ކުޅެދީފަ އެވެ. އެރިކްސަން، ޔުނައިޓެޑަށް ބަދަލުވީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

އެރިކްސަން އަށް ދިމާވި އަނިޔާގެ މައްސަލައާ ހެދި އަވަސްވެގަނެގެން، ޔުނައިޓެޑުން ޓްރާންސްފާގެ ފަހު ދުވަހުގައި ކުޅުންތެރިއަކު ނުގެންނާނެ ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ. ޔުނައިޓެޑްގައި އެރިކްސަން ކުޅެމުން އައި މަގާމަށް ކުޅެވޭނެ ރަނގަޅު ކުޅުންތެރިން އެބަތިބި ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ. އެކަމަކު، މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން އަންނަނީ ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅޭ އޮސްޓްރިއާގެ މިޑްފީލްޑަރު، މާސެލް ސަބިޓްޒާ ލޯނަކަށް ގެނެވޭތޯ މަސައްކަތް ކުރަމުންނެވެ.

މި މަހުގެ ތިން ވަނަ ދުވަހު، ބޯންމައުތު އަތުން ޔުނައިޓެޑް މޮޅުވި މެޗުގައި އެ ޓީމުގެ ނެދަލެންޑްސް މިޑްފީލްޑަރު، ޑޯނީ ވެން ޑަ ބީކްގެ ކަކުލަށް އަނިޔާވުުމުން މި ސީޒަނުގައި ދެން އޭނާ އަށް ނުކުޅެވޭނެ އެވެ.