Advertisement

ބަލިމަޑުކަމުގައި ފުރަތަމަ ފަހަރަށް ބޯޑަރު ހުޅުވައި ފިޖީގެ ފަތުރުވެރިކަމަށް އާ ފެށުމެއް

2 ޑިސެންބަރު 2021 - 13:36 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފިޖީގެ އެއާޕޯޓުގައި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ.


ބަލިމަޑުކަމުގައި ފުރަތަމަ ފަހަރަށް ބޯޑަރު ހުޅުވައި ފިޖީގެ ފަތުރުވެރިކަމަށް އާ ފެށުމެއް

2 ޑިސެންބަރު 2021 - 13:36 0

ކޮވިޑް ބަލިމަޑުކަން އައި ފަހުން ފުރަތަމަ ފަހަރަށް، ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ގައުމެއް ކަމަށްވާ، ފިޖީގެ ބޯޑަރު ހުޅުވައި ބައިނަލްއަގްވާމީ ފަތުރުވެރިންނަށް މަރުހަބާ ކިޔައިފި އެވެ.

ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ފިޖީ އިން 615 ދުވަސް ވަންދެން ބައިނަލްއަގްވާމީ އެކަހެރިކަމުގައި އޮތުމަށް ފަހު ބޯޑަރު ހުޅުވުމުން ނާދީ އެއާޕޯޓަށް އެންމެ ފުރަތަމަ ޖެއްސީ ސިޑްނީ އިން ދަތުރު ކުރި ފިޖީ އެއާވޭޒްގެ ބޯޓެކެވެ.

ރަންވޭގައި ބޯޓު ޖެއްސުމާ އެކު އަލިފާން ނިއްވާ ދެ ލޮރީ ކައިރިވެ، މަރުހަބާގެ ސެލިއުޓެއް ކިޔުމުގެ ގޮތުން ބާރު ސްޕީޑުގައި މައްޗަށް ފެންޖެހި އެވެ.

އެ ފްލައިޓުން ދަތުރު ކުރި 200 އަށް ވުރެ ޕަސެންޖަރުންގެ ތެރެއިން އެންމެ ފުރަތަމަ ފިޖީ އަށް ފޭބީ އޮސްޓްރޭލިއާގެ ދެމަފިރިއެކެވެ.

ފިޖީ އެއާވޭޒްގެ ޗީފް އެގްޒެކްޓިވް އެންދްރޭ ވިލްޖޮއެން ވިދާޅުވީ 20 މަހަށް ފަހު އަލުން ގައުމު ހުޅުވާލެވުމަކީ "ފާހަގަކުރެވޭ ވަގުތުކޮޅެއް" ކަމަށެވެ. ފިޖީގެ އިގްތިސާދުގެ 40 ޕަސެންޓު ބަރޯސާ ވަނީ ފަތުރުވެރިކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑާއި މުޅިން އަލަށް ފެނިގެން އުޅޭ އިމޮކްރޯން ވޭރިއެންޓާ ހެދި ހަރުކަށި ފިޔަވަޅުތައް އަޅަން ނިންމާފައި އޮތް ނަމަވެސް، ކުރިއަށް ހުރި ހުރިހާ ފްލައިޓެއް އެއްކޮށް ފުލްވެފައިވާ ކަމަށެވެ.

އެފްރިކާގެ ދެކުނުން ފިޖީ އަށް އަންނަ ޕަސެންޖަރުންނަށް ފިޔަވަޅުތައް ވަރުގަދަ ކުރި ނަމަވެސް، ދަތުރު ކުރުން މަނާކޮށްފައެއް ނުވެ އެވެ.

ފިޖީގެ ރިސޯޓެއް.


ފިޖީ އިން ބުނީ ފިޖީގެ ރިސޯޓުތައް މިހާރު ތައްޔާރުވެފައި އޮތީ އެނދުތައް ފުރި، ފުލް ކެޕޭސިޓީގައި ހިދުމަތް ދިނުމަށް ކަމަށެވެ. އެގޮތުން މިހާރު ވެސް 75،000 ބުކިން ހަދާފައިވާ ކަމަށް ބުންޏެވެ.

ފަތުރުވެރިންނަށް ފިޖީ އަށް އެތެރެވެވޭނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްގެން، ދަތުރު ފެށުމުގެ ކުރިން ކޮވިޑަށް ނެގެޓިވް ނަތީޖާއެއް ހުށަހަޅައިގެންނެވެ. އޭގެ އިތުރުން ދަތުރު ފެށުމުގެ 14 ދުވަސް ކުރިން ދިޔަ ތަންތަނުގެ ލިސްޓު ވެސް ހުށަހަޅަން ޖެހެ އެވެ.

ފިޖީ އަށް އެތެރެވުމަށް ފަހު ފަތުރުވެރިންނަށް ހާއްސަ ސަރަހައްދަށް އެ މީހުން ގެންދާނެ އެވެ. އެ ސަރަހައްދުގައި އުޅޭ އެންމެންނަކީ ވެސް ވެކްސިން ފުރިހަމަކޮށްފައި ތިބި މީހުންނެވެ.

ބަލިމަޑުކަން އައި ފަހުން ބުރަ މަސައްކަތްތަކާ އެކު ފިޖީ އިން ކޮވިޑް ކޮންޓްރޯލް ކުރި އެވެ. އެއާއެކު 12 މަސް ވަންދެން އެ ގައުމުން އެއްވެސް ކޭސް އެއް ނުފެނެ އެވެ.

ނަމަވެސް މި އަހަރުގެ ކުރީކޮޅު ފިޖީއާ ހަމައަށް ޑެލްޓާ ވޭރިއެންޓް ފޯރައި، މިލިއަނެއްހާ މީހުން ދިރިއުޅޭ ގައުމުން 700 މީހުން މަރުވި އެވެ.

ފިޖީގެ ވެކްސިން ޖަހާ ރޭޓް 90 ޕަސެންޓުގައި އުޅޭ އިރު، ކޭސްތައް ވަނީ ވަރަށް ބޮޑަށް މަދުކުރެވިފަ އެވެ. ބޮޑު ވަޒީރު ފްރޭން ބައިނިމަރާމާ ވިދާޅުވީ ފަތުރުވެރިކަން އަލުން ފެށުމަކީ ގައުމަށް ލިބުނު ދިރުމެއް ކަމަށެވެ.