Advertisement

ގްރީލިޝް އަށް އެސްޓަން ވިލާގެ އިހުތިރާމް އޮންނާނެ: ޖެރާޑް

1 ޑިސެންބަރު 2021 - 10:50 0


ގްރީލިޝް އަށް އެސްޓަން ވިލާގެ އިހުތިރާމް އޮންނާނެ: ޖެރާޑް

1 ޑިސެންބަރު 2021 - 10:50 0

ބާމިންހަމް (ޑިސެމްބަރު 1) - މި ފަހަރު އެސްޓަން ވިލާ ދޫކޮށް މެންޗެސްޓާ ސިޓީ އަށް ސޮއިކުރި އިނގިރޭސި މިޑްފީލްޑަރު ޖެކް ގްރީލިޝް އަށް އެސްޓަން ވިލާގެ އިހުތިރާމް އޮންނާނެ ކަމަށް އެ ޓީމުގެ ކޯޗު ސްޓީވެން ޖެރާޑް ބުނެފި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގްރީލިޝް ސިޓީ އަށް ބަދަލުވީ އިނގިރޭސި އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގަ އެވެ. ސިޓީން ގްރީލިޝް ގަތީ 100 މިލިއަން ޕައުންޑް (140 މިިލިއަން ޑޮލަރު)ގެ ފީއެއް އެސްޓަން ވިލާ އަށް ދައްކައިފަ އެވެ.

މިރޭ، އެސްޓަން ވިލާ އިން އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަކީ ގްރީލިޝް ކުރީގެ ކްލަބާ ދެކޮޅަށް ކުޅޭނެ ފުރަތަމަ މެޗެވެ. ގްރީލިޝް އަކީ އުމުރުން 18 އަހަރުގައި އެސްޓަން ވިލާ އަށް ކުޅެން ފަށައި އެ ކްލަބަށް 200 އަށް ވުރެ ގިނަ މެޗު ކުޅެދިން ކުޅުންތެރިއެކެވެ.

ލިވަޕޫލްގެ ކުރީގެ ކެޕްޓަން، ޖެރާޑް އެސްޓަން ވިލާއާ ހަވާލުވި ފަހުން ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. މިރޭ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޖެރާޑަށް ޖެހުނީ ގްރީލިޝްއާ ބެހޭ ސުވާލުތަކަށް ޖަވާބު ދޭށެވެ.

"ޖެކް (ގްރީލިޝް) އަށް މި ކްލަބުން ދޭން ޖެހޭ ހުރިހާ އިހުތިރާމެއް ދޭނެ. އެއީ އަހަރެން ގަބޫލުކުރާ ގޮތް. މި ޓީމުން ފެންނަ މަންޒަރުތަކަށް ބަލާއިރު، އެ އަށް އަހަރެން ޝައްކެއް ނުކުރަން،" ޖެރާޑް ބުންޏެވެ. "ޖެކް (ގްރީލިޝް)ގެ ކެރިއަރު ނިމުނީމަ ވެސް އެންމެން އޭނަ އެންމެ ބޮޑަށް ދަންނާނީ މި ކްލަބްގެ މީހެއްގެ ގޮތުގައި. އޭނާ އަކީ މި ޓީމުގެ ސަޕޯޓަރުން ފަހުރުވެރިވާނެ ކެޕްޓަނެއް،"

އުމުރުން 26 އަހަރުގެ ގްރީލިޝް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވަނީ ސިޓީ އަށް ބަދަލުވުމަށް ފަހު އޭނާ އަށް އަދި އެންމެ ފަސޭހަކޮށް ޓީމަށް ހޭނިފައިވާ ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެފަ އެވެ. ގްރީލިޝްގެ އެ ވާހަކަތަކާ ބެހޭގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ދެކޭގޮތް ތަފާތެވެ.

"ގްރީލިޝް ކުޅުނު ކޮންމެ މެޗެއްގައި އޭނާ އަކީ ކިހާ ކޮލިޓީއެއް ހުރި ކުޅުންތެރިއެއްކަން އަހަންނަށް ޔަގީނުން ވެސް ފެނުނު. މި މާހައުލާއި މި ޓީމު އާވުމުގެ މާ ބޮޑު މައްސަލައެއް އޭނާގެ ކުޅުމުން އަހަންނަށް ފާހަގައެއް ނުކުރެވޭ،" ގާޑިއޯލާ ބުންޏެވެ. "ފަަހަރެއްގައި އެސްޓަން ވިލާގައި އޮތް ޕްރެޝަރަށް ވުރެ މި ކްލަބްގައި އޮތް މަގާމުގެ ވާދަވެރިކަމުގެ ތަފާތުގެ އުނދަގޫތަކެއް ހުރެދާނެ،"

ސިޓީ އަށް ބަދަލުވެފައި މިހާތަނަށް ކުޅުނު 15 މެޗުން ގްރީލިޝް ވަނީ ދެ ގޯލު ޖަހައި ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އަނިޔާގެ ސަބަބުން ގްރީލިޝް އެންމެ ފަހުން ސިޓީން ކުޅުނު މެޗުތަކުގައި ނުފެނެ އެވެ. އެކަމަކު، މިރޭ އެސްޓަން ވިލާއާ ދެކޮޅަށް ގްރީލިޝް ކުޅުމުގެ ބޮޑު ފުރުސަތެއް އެބައޮތެވެ.

ވިލާ ޕާކުގައި އެސްޓަން ވިލާ އިން ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1:15 ގަ އެވެ.