Advertisement

މިނިވަންވެ ޔާމީން ބައިވެރިވާ ފުރަތަމަ ޖަލްސާ ހުކުރު ދުވަހުގެ ރޭ

30 ނޮވެންބަރު 2021 - 19:46 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ރައީސް ޔާމީން މިނިވަންވުމުން މާލޭ ސިޓީ މޭޔަރު މުއިއްޒު މަރުހަބާ ދަންނަވަނީ: އަންނަ ހުކުރު ދުވަހުގެ ރޭ ޖަލްސާ ބާއްވަން ވަނީ ހަމަޖައްސާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


މިނިވަންވެ ޔާމީން ބައިވެރިވާ ފުރަތަމަ ޖަލްސާ ހުކުރު ދުވަހުގެ ރޭ

30 ނޮވެންބަރު 2021 - 19:46 0

ދެ އަހަރު ޖަލު ހުކުމެއްގައި ހުންނެވުމަށްފަހު ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަންވެ, ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ޖަލްސާ އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ޕީޕީއެމްގެ އިސް ބޭފުޅަކު "އަދަދު"އަށް ވިދާޅުވި ގޮތުގައި ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް ވަނީ ތައްޔާރުވާން ފަށާފަ އެވެ. އެ ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގެން ވާހަކަ ވެސް ދައްކަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ދެ އަހަރު ކުރިން ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލްކުރީ އެ ހުކުމް ނެރުމަށް ދަށު ކޯޓުން ހެކި ވަޒަންކުރި ގޮތާއި ކުށް ސާބިތުކުރި ގޮތް ގޯސް ކަމަށް ކަނޑައެޅުމަށްފަހު އެވެ. އެގޮތުން ޝައްކު އުފެދިފައި އޮތް އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމާމެދު ސުވާލު އުފެދިފައިވާކަމާއި އެހެންވެ, މަނީލޯންޑްރިންގެ ކުށް ޔާމީންގެ މައްޗަށް ސާބިތުނުވާ ކަމަށް ނިންމި އެވެ.

ނަމަވެސް, އެއް މިލިއަން ޑޮލަރުގެ ހަގީގަތް ނޭނގޭތީ, އެ ފައިސާގެ ހަގީގަތް ހޯދުމަށް ބަލާ ބެލުންތަކުން އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްނަމަ، އެ ފައިސާއާއި، އެ ފައިސާއިން އިންވެސްޓްކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާނަމަ، އެ ފައިދާއެއް ހިމެނޭނެހެން ހޯދުމުގެ ހައްގު ދައުލަތަށް ލިބޭ ކަމަށް ހުކުމްގައިވެ އެވެ.

ރައީސް ޔާމީން އަލުން ސިޔާސީ ހަރަކާތަށް ނުކުންނަވާއިރު ވެސް ކުރިމިނަލް ކޯޓުގައި އެމަނިކުފާނުގެ ދެ މައްސަލައެއް އެބަ އޮތެވެ. އެއީ ރ. ފުއްގިރި އާއި ވ. އާރަށު މައްސަލާގައި އުފުލާފައިވާ މަނީލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ އެވެ.

މިދިޔަ ދެ އަހަރު ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އޮތުމުން ޕީޕީއެމްގެ ލީޑަރުގެ ހައިސިއްޔަތުން ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން އޮތީ މަނާކުރެވިފަ އެވެ. މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މި އަހަރުގެ ތެރޭގައި އެ މަނިކުފާނު ގެޔަށް ބަދަލުކުރީ ވެސް މިގޮތަށް ޝަރުތުކޮށްފަ އެވެ.

ޕާޓީގެ ލީޑަރުގެ މަގާމު އަދާކުރުން ޔާމީނަށް މަނާވީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހުކުމް ތަންފީޒުކުރަމުންދާ ގައިދީއަކު ޕާޓީއެއްގެ މެމްބަރަކަށް ވުން ނޫން އެހެން ހުރިހާ ހައްގެއް ހިފެހެއްޓިފައި އޮންނާތީ އެވެ. މިގޮތަށް ގާނޫނު އިސްލާހުކުރީ އެ މަނިކުފާނުގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ.