Advertisement

ކައްކާ ގޭހުގެ ސަބަބުން ހިނގާ ގޮވުންތައް ލަންކާގައި ކުއްލިއަކަށް އިތުރުވެއްޖެ

30 ނޮވެންބަރު 2021 - 06:39 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފަހަކަށް އައިސް ލަންކާގައި ކައްކާ ގޭހުގެ ދަތިކަން ވަރަށް ބޮޑަށް ވަނީ ދިމާވެފައި. -- ފޮޓޯ: އޭއެފްޕީސ


ކައްކާ ގޭހުގެ ސަބަބުން ހިނގާ ގޮވުންތައް ލަންކާގައި ކުއްލިއަކަށް އިތުރުވެއްޖެ

30 ނޮވެންބަރު 2021 - 06:39 0

ކޮލޮމްބޯ، ސްރީލަންކާ (ނޮވެމްބަރު 29) - ކައްކާ ގޭހުގެ ސަބަބުން ސްރީލަންކާގައި ހިނގާ ގޮވުންތައް ކުއްލިއަކަށް އިތުރުވެފައިވާ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

މިހާތަނަށް ހިނގި އެފަދަ ގޮވުމުގެ ހާދިސާތަކުގައި އެކަކު މަރުވެފައި ވާއިރު، ގިނަ ބަޔަކަށް ޒަހަމްވެފައިވާ ކަމަށް ލަންކާގެ ޕާލިމެންޓުގައި މެމްބަރުން ހޯމަ ދުވަހު ބަހުސް ކުރައްވަމުން ވިދާޅުވި އެވެ.

އިގްތިސާދީ ކާރިސާއެއް ކުރިމަތިވެފައިވާ ލަންކާ އަށް ކައްކާ ގޭހާއި ފޮސިލް ފިޔުލްގެ ބާވަތްތަކާއި އެހެނިހެން ޒަރޫރީ ތަކެތީގެ ދަތިކަން ދިމާވެގެން އުޅެނީ ބޭރު ފައިސާގެ ރިޒާވް މާ ބޮޑަށް ދަށްވެ، މުދާ އިމްޕޯޓް ކުރާނެ ފައިސާ ނެތުމުންނެވެ.

ޕާލިމެންޓުގައި އިދިކޮޅު މެމްބަރުން ވިދާޅުވީ ކުއްލިއަކަށް ގޮވުންތައް އިތުރުވީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ސިލިންޑަރުގައި އާއްމުކޮށް ހުންނަ އަގުބޮޑު ބިޔުޓޭންގެ ބަދަލުގައި އަގުހެޔޮ ޕްރޮޕޭން އިތުރު ކުރަން ފެށުމުން ކަމަށެވެ.

ކޮންޒިއުމާ އެފެއާޒް މިނިސްޓަރު ލަސާންތަ އަލަގިޔަވަންނަ ވިދާޅުވީ ގޮވުންތައް އިތުރުވަމުން ދާތީ އެލްޕީޖީ ސަޕްލައިއާ ގުޅޭ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

"ވަރަށް ކުޑަ މުއްދަތެއްގެ ތެރޭގައި ގޭހާ ގުޅިގެން ހިނގާ ގޮވުންތައް ވަނީ ކުއްލިއަކަށް އިތުރުވެފައި،" ޕާލިމެންޓުގައި އޭނާ ވިދާޅުވި އެވެ.

"ދުވާލަކު ދިހަ، ފަނަރަ ގެ ގޮވައިގެން ދާން އަޅުގަނޑުމެން ބޭނުމެއް ނޫން. އެހެންވެ ވާނީ ތަހުގީގަކަށް އަމުރުކޮށްފައި."

ސްރީލަންކާގެ ކޮންޒިއުމާ އެފެއާޒް އެޖެންސީގެ އޮފިޝަލަކު އޭއެފްޕީ އަށް ބުނީ ގޭސް ފުޅީފައި ޕްރޮޕޭން މާ ގިނަވުމުން ޕްރެޝަރު މަތިވެ، ގޭސް ލީކުވާން މަގުފަހިވާ ކަމަށާއި، އޭގެ ސަބަބުން ގޮވުންތައް ގޮވައި އަލިފާން ރޯވާން މަގުފަހިވާ ކަމަށެވެ.

ދައުލަތުގެ ގޭސް އެޖެންސީ ލިޓްރޯ އިން ވަނީ ގޭސްފުޅީގައި ބިޔުޓޭން މަދުކޮށް ޕްރޮޕޭން އިތުރުކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އެ ކުންފުނިން ބުނީ ގޮވުންތައް ގޮވަނީ އުނދުނާއި ގޭސް ހޮޅި ރަނގަޅަށް ނުބަލަހައްޓާތީ ކަމަށެވެ.

ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި މިދިޔަ ހަފުތާގައި އެ ގައުމުގެ އިރުމަތީ ހިސާބެއްގައި ފުޅިއަކުން ގޭސް ލީކުވެ، 19 އަހަރުގެ އަންހެނަކު މަރުވި އެވެ. ނަމަވެސް ފުލުހުން ބުނީ އެއީ ގޭސް ލީކުވުމާ ގުޅުން ހުރި މަރެއް ނޫން ކަމަށެވެ.