Advertisement

ބަންގްލަދޭޝްގެ ބޮޑުވަޒީރު އަންނަ މަހު ރާއްޖެ ވަޑައިގަންނަވަނީ

28 ނޮވެންބަރު 2021 - 21:44 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަހަރުގެ މާޗް މަހު ބަންގްލަދޭޝް އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް


ބަންގްލަދޭޝްގެ ބޮޑުވަޒީރު އަންނަ މަހު ރާއްޖެ ވަޑައިގަންނަވަނީ

28 ނޮވެންބަރު 2021 - 21:44 0

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރަސްމީ ދަތުރުފުޅެއްގައި އަންނަ މަހު ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިކަން ހާމަކުރީ ނައިބު ރައީސް ފައިސަލް ނަސީމުގެ އަރިހަށް ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްސޫދު ބިން މޮމެން މިއަދު ކުރެއްވި ޒިޔާރަތަށް ފަހު އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަން ރޭވިފައިވާ ރަސްމީ ދަތުރުފުޅުގެ ކުރިން، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ނައިބު ރައީސްގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވެވި އެވެ. އަދި ދެ ގައުމުގެ އެންމެ އިސް އޮފިޝަލުން އެކި ފަހަރު މަތިން ބައްދަލުވެ ކުރެވުނު މުއާމަލާތްތަކުގެ ސަބަބުން ރާއްޖެއާ ބަންގްލަދޭޝާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ނައިބު ރައީސްގެ ބައްދަލުވުމުގައި ފާހަގަ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދާދި ފަހުން އެ މަނިކުފާނު ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުންފުޅަކީ ސިއްހީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތުގެ ދަތިކަމަށް ހައްލުތަކެއް ހޯދުމަށް މަގުފަހިކުރުންކަން ފާހަގަކުރައްވައި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތާއެކު، ސިއްހީ ހިދުމަތްތެރިންގެ ބޭނުންތެރިކަން އެތައް ގުނައެއް އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެއްވި އެވެ.

ބަންގްލަދޭޝްގެ ބާނީ، ޝައިޚް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް އެ ގައުމުގައި މި އަހަރުގެ މާޗް މަހު ބޭއްވި ހާއްސަ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގަތެވެ.

ބަންގްލަދޭޝް އާއި ރާއްޖެއާ ދޭދޭ ގުޅުންތައް ރަސްމީކޮށް ގާއިމުކޮށްފައި ވަނީ 1978 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.