Advertisement

ޝައްފާން މަރައިލި މީހުން އުމުރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

28 ނޮވެންބަރު 2021 - 15:27 3

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

މަރުވި ޝައްފާން: އޭނާއަށް ހަމަލާދިން ދެ މީހުންނާއި އެކަމުގައި ބައިވެރިވި ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވި -- އަދަދު ފައިލް


ޝައްފާން މަރައިލި މީހުން އުމުރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

28 ނޮވެންބަރު 2021 - 15:27 3

އުމުރުން 14 އަހަރުގެ އިސްމާއިލް ޝައްފާން ޝަރީފަށް މީގެ ތިން އަހަރު ކުރިން މަގުމަތިން ވަޅިން ހަމަލާދީ މަރައިލި މައްސަލައިގައި ހިމެނޭ ހަތަރު މީހަކު އުމުރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ގްރޭޑް ހަތެއްގައި ކިޔަވަމުންދިޔަ ޝަައްފާން މަރައިލި މައްސަލައިގައި މިއަދު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ ސ. ހިތަދޫ، ޗަމަން، ހުސައިން ނިހާދު އަހްމަދާއި ސ. މަރަދޫ، މޫންލައިޓްގްލޯރީ، ހަސަން ނަބާހް އާއި ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބާއި މއ. ޓޮމާޓާ ފްލާވާ، ހުސައިން ޖައިލަމުގެ މައްޗަށެވެ.

މީގެ ތިން އަހަރު ކުރިން އޮކްޓޯބަރު 11، 2018، ގައި ޝައްފާނު މަރާލީ، އޮޓޯ ގަރާޖު ކައިރިން ދަންވަރު ދޭއް ޖަހަން އުޅެނިކޮށެވެ. އޭނާގެ ހަށިގަނޑުގެ އަށް ތަނަކަށް ވަޅިން ހަމަލާދީފައި ހުއްޓެވެ.

ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރި މީހުން ތެރޭގައި ހިމެނޭ ނިހާދާއި ޖައިލަމްގެ މައްޗަށް ދައުލަތުން އުފުލީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ނަބާހް އާއި އައިމަންގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމަށް އެހީވުމުގެ ކުށުގެ ދައުވާ އެވެ.

ހާދިސާ ހިނގި ދުވަހުން ފެށިގެން ޖަލު ބަންދުގައި ތިބި ދައުވާ ލިބުނު ހަތަރު މީހުންގެ މައްޗަށް ކްރިމަނަލް ކޯޓުން ހުކުމް ކުރީ އުމުރު ދުވަހަށް ޖަލަށްލުމަށެވެ. ދައުވާ ލިބޭ މީހުން މެރުމަށް ހުކުމް ނުކުރެއްވީ ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިޔަކު އޭނާގެ ހެކިބަސް އަނބުރާ ގެންދިއުމަށް އެދި ކޯޓަށް ސިޓީ ހުށަހަޅުއްވާފައިވާތީ ކަމަށް އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ވިދާޅުވި އެވެ.

"ހެކިބަސް ދީފައި ވަނީ ހިތުގައި އޮތް ޒާތީ ހަސަދަވެރި ކަމެއްގެ ދަށުން ކަމަށާއި، އެ މަންޒަރު ފެނި، އަޑުއިވިފައި ނުވާ ކަމަށް އެސިޓީގައި ސިއްރު ހެކިވެރިޔާ ބުނެފައިވޭ،" ގާޒީ ވިދާޅުވި އެވެ.

އެ ހަތަރު މީހުންގެ މައްޗަށް ގެސް ގާޒީ ހަސަން ސައީދު ހުކުމް ކުރެއްވީ 21 އަހަރާއި 10 މަހާއި 25 ދުވަހަށް ޖަލަށްލުމަށެވެ.