Advertisement

އާ ވޭރިއެންޓަކީ ބޮޑު ކަންބޮޑުވުމެއް، ފިޔަވަޅުތައް އަޅާނެ: ރައީސް

27 ނޮވެންބަރު 2021 - 11:15 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ރައީސް ސޯލިހު: އާ ވޭރިއެންޓަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވި


އާ ވޭރިއެންޓަކީ ބޮޑު ކަންބޮޑުވުމެއް، ފިޔަވަޅުތައް އަޅާނެ: ރައީސް

27 ނޮވެންބަރު 2021 - 11:15 0

މިހާތަނަށް ފެނިފައިވާ ކޮވިޑުގެ އެންމެ ނުރައްކާތެރި ވޭރިއަންޓު ކަމަށް ސިއްހީ މާހިރުން ސިފަކޮށްފައިވާ "އޮމިކްރޮން" އަކީ ރާއްޖެއަށް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެކަމުން ސަލާމަތްވުމަށް އަޅާނެ ފިޔަވަޅުތަކާމެދު މިއަދު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މި އާ ވޭރިއަންޓު އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ ދެކުނު އެފްރިކާ އިންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން އިއްޔެ ވަނީ މި ވޭރިއެންޓުގެ ނުރައްކާ ވަރަށް ބޮޑުކަމަށް ބުނެފަ އެވެ.

"މިހާތަނަށް ކުރި ދިރާސާތަކުން ފެންނަ ގޮތުގައި މި ވޭރިއެންޓުގައި ގިނަ މިއުޓޭޝަންތައް އެކުލެވޭ. އެހެންވެ، އިތުރު ދިރާސާތައް ކުރަން ޖެހޭ. މިއުޓޭޝަންތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދައި، އޭގެ ސަބަބުން ބަލި ފެތުރޭ ހަލުވި މިނަށް އަދި ބަލީގައި ސީރިއަސްވާ މިންވަރަށް ބަދަލު އާދޭތޯ ބަލަމުން ދާނެ،" ޑަބްލިޔުއެޗްއޯއިން ހުކުރު ދުވަހު ބުންޏެވެ.

ދެކުނު އެފްރިކާގެ އިތުރުން، އެ ވޭރިއަންޓު މިހާތަނަށް ފެނުނު ގައުމު ތަކުގެ ތެރޭގައި ބޮޓްސްވާނާ، ބެލްޖިއަމް އަދި ހޮންގްކޮންގް ހިމެނެ އެވެ.

ރައީސް ސޯލިހު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އޮމިކްރޮން" ވޭރިއެންޓަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް)އިން މިއަދު ބައްދަލުކޮށް އަޅަން ފެންނަ ފިޔަވަޅުތަކާމެދު މަޝްވަރާ ކުރާނެ ކަމަށެވެ.

ރައީސް ވަނީ ކޮވިޑުން ރައްކާތެރިވުމަށް 50 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޝޮޓް ދެމުންދާކަން ފާހަގަ ކުރައްވާފަ އެވެ. އަދި, ހެލްތްކެއާ, ޓޫރިޒަމް އަދި އެއާޕޯޓްގެ ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުންނަށް ވެސް ބޫސްޓާ ޝޮޓް ދިނުން އަންނަ ހަފުތާ ފަށާނެކަން ރައީސް ހާމަ ކުރެއްވި އެވެ.

ޑިސެމްބަރު މަހުގެ މެދު ތެރޭގައި އާންމު ރައްޔިތުންނަށް ބޫސްޓާ ޝޮޓް ދިނުން ވެސް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އޮމްރިކޮން ވޭރިއަންޓުގެ ނުރައްކާ ބޮޑު

ޑަބްލިއުއެޗްއޯ އިން ކަންބޮޑުވާ ވޭރިއެންޓުތަކުގެ ލިސްޓުގައި މިހާރު ހިމެނެނީ ހަތަރު ވޭރިއެންޓެކެވެ. އެއީ އަލްފާ، ބޭޓާ، ގަމާ އަދި ޑެލްޓާ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފެތުރިފައި ވަނީ ޑެލްޓާ ވޭރިއެންޓެވެ.

އޭގެ އިތުރުން ސަމާލުކަންދީގެން މޮނީޓާ ކުރަމުންދާ ދެ ވޭރިއެންޓެއް ވެ އެވެ. އެއީ ލަމްބްޑާ އާއި މޫ އެވެ. ނަމަވެސް އޮމްރިކޮން ވޭރިއަންޓާ ގުޅޭ ގޮތުން މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުން، ބަލި ފެތުރުމުގެ ދުވެލި އަވަސްކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

ކުރިން ކޮވިޑު ޖެހުނު މީހުންނަށް ބަލި އަނެއްކާ ވެސް ޖެހުމުގެ ފުރުސަތު މި ވޭރިއެންޓާއެކު ބޮޑުކަމަށް ވެސް ބުނެ އެވެ.

އެއާއެކު ޔޫރަޕްގެ ގައުމުތަކުން މިހާރު ވެސް ވަނީ ދެކުނު އެފްރިކާ އަށް ދަތުރުކުރުން މަނާކުރަން ފަށާފަ އެވެ. ސިންގަޕޫރާއި މެލޭޝިއާ އިން ބުނީ އެފްރިކާގެ ހަތް ގައުމަކުން ދަތުރުކުރުން ލިމިޓު ކުރާނެ ކަމަށެވެ.

މިއަދު ހެނދުނު ސްރީ ލަންކާއިން ވަނީ ދެކުނު އެފްރިކާ، ބޮޓްސްވާނާ، ލެސޯތޯ، ނެމީބިއާ، ޒިމްބާބުވޭގެ އިތުރުން ސްވާޒީލޭންޑަށް ދަތުރުކޮށްފައިވާ މީހުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެ ކަމަށް އިއުލާނުކޮށްފަ އެވެ.