Advertisement

ގައުމީ މުބާރާތް: އެއް ވަނަ ފެތުންތެރިންނަކީ އާން އާއި ހަމްނާ

26 ނޮވެންބަރު 2021 - 11:36 0

އެއް ވަނަ މަގާމު ހޯދި އާން (ކ) އާއި ހަމްނާ ޓްރޮފީ ހިފައިގެން.-- ފޮޓޯ: ސްވިމިން އެސޯސިއޭޝަން


ގައުމީ މުބާރާތް: އެއް ވަނަ ފެތުންތެރިންނަކީ އާން އާއި ހަމްނާ

26 ނޮވެންބަރު 2021 - 11:36 0

ގައުމީ ފެތުމުގެ މުބާރާތުގެ ސީނިއާ ކެޓަގަރީން އެއް ވަނަ އަންހެން ފެތުންތެރިއަކަށް ހަމްނާ އަހުމަދު ހޮވުނުއިރު، އެންމެ މޮޅު ފިރިހެން ފެތުންތެރިޔާގެ މަގާމު މުހައްމަދު އާން ހުސެއިން ހޯދައިފި އެވެ.

އާން އާއި ހަމްނާ ވަނީ މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ޗެމްޕިއަން އޮފް ޗެމްޕިއަންސް މުބާާރާތުގެ ވެސް އެންމެ މޮޅު ފެތުންތެރިންގެ މަގާމު ހޯދައިފަ އެވެ.

މި މަހު 19 އިން ރޭގެ ނިޔަލަށް ހުޅުމާލޭ ސްވިމިން ޕޫލުގައި ކުރިއަށްދިޔަ ގައުމީ ފެތުމުގެ މުބާރާތުގައި ސީނިއާ ފިރިހެން ބައިން އާން ފަހަތުން ދެ ވަނަ ހޯދީ ހުސެއިން ހާއިޝް ހަސަން އެވެ. އަދި ތިން ވަނަ ދިޔައީ މުހައްމަދު ރިހާން ޝިހާމް އެވެ. އަންހެން ބައިން ހަމްނާ އެއް ވަނަ ހޯދީ އައިޝަތު ސައުސަންގެ މައްޗަށް ކުރިހޯދައިގެންނެވެ. ކޮވިޑަށް ޕޮޒިޓިވްވުމުން ސައުސަން އަށް ޗެމްޕިއަންސް މުބާރާތުގައި ވާދަނުކުރެވުނެވެ.

ސީނިއާ އަންހެން ބައިން ތިން ވަނަ ދެ ފެތުންތެރިއަކަށް ލިބިފައިވެ އެވެ. އެއީ ޖުމެއިރާ އާމިނަތު އާމިރާއި އައިޝް އާލިން އަފްސަލް އަށެވެ.

ހަމްނާ ވަނީ 200 އާއި 400 މީޓަރު އިންޑިވިޖުއަލް މިޑްލީ އިވެންޓާއި ފްރީސްޓައިލްގެ 50، 100، 200، 400 މީޓަރު އިވެންޓާއި 50، 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓާއި 50، 100 މީޓަރު ބެކްސްޓްރޯކް އިވެންޓް އަދި 50، 100 މީޓަރު ބަޓަފްލައި އިވެންޓް ކާމިޔާބު ކޮށްފަ އެވެ.

އާންގެ ކާމިޔާބަށް ބަލާއިރު، އޭނާ ވަނީ 50، 100، 200 އަދި 400 މީޓަރު ފްރީސްޓައިލް އިވެންޓާއި 50، 100 މީޓަރު ބްރެސްޓްރޯކް، ބެކްސްސްޓްރޯކް އަދި ބަޓަފްލައި އިވެންޓް ކާމިޔާބުކޮށްފަ އެވެ. އަދި 200 މީޓަރު އިންޑިވިޖުއަލް މިޑްލީ އިވެންޓް ވެސް ކާމިޔާބުކުރީ އާން އެވެ.

ޓީމު އިވެންޓްގެ އަންހެން ބައިން އެއް ވަނަ ހޯދި ރިވަރިންގެ ފެތުންތެރިން ޓްރޮފީ ހިފައިގެން.-- ފޮޓޯ: ސްވިމިން އެސޯސިއޭޝަން


ޖޫނިއާ ބައިން އެންމެ މޮޅު އަންހެން ފެތުންތެރިއަކީ މީރަލް އައިން ލަތީފް އެވެ. ދެ ވަނަ އަށް ދިޔައީ ހަނާން ހުސެއިން ހަލީމް އެވެ. އަދި ތިން ވަނަ ހޯދީ އަޔާނާ އަރީފް އެވެ. ޖޫނިއާ ބައިން އެއް ވަނަ ފިރިހެން ފެތުންތެރިއަކަށް ހޮވިފައިވަނީ އިޒްޔާން ނާޒިމް އެވެ. ދެ ވަނަ އަށް ޔާސީން މުހައްމަދު ޔޫސުފް ދިޔައިރު، ތިން ވަނަ ހޯދީ މަކީން އަހުމަދު ޝަކީމް އެވެ.

މާސްޓާސް މުބާރާތުގެ ފިރިހެން އެއް ވަނަ އަކީ ހަސަން އަޝްރަފް އެވެ. ދެ ވަނަ އަށް ހުސެއިން މުބާހު ދިޔައިރު، ތިން ވަނަ ހޯދީ އަހުމަދު ފާއިޒް އެވެ. މާސްޓާސްގެ އަންހެން ކެޓަގަރީގެ އެއް ވަނަ އަކީ ޖީހާން އަހުމަދެވެ. ދެ ވަނަ ހޯދީ އައިމިނަތު މުބާރިކް އެވެ.

ޓީމު ކެޓަގަރީ އަށް ބަލާއިރު، ފިރިހެން ބައިން އެއް ވަނަ ހޯދީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމްއެލްއޭ) އެވެ. ދެ ވަނަ އަށް ދިޔައީ ރިވަރިން ސްޕޯޓްސް އެވެ. އަދި ތިން ވަނަ ދިޔައީ ސްޕޯޓްސް ނޭޗާ އެވެ. އަންހެން ބައިން އެއް ވަނަ ހޯދީ ރިވަރިން ސްޕޯޓްސް އެވެ. ދެ ވަނަ އަށް އެމްއެލްއޭ ދިޔައިރު، ތިން ވަނަ އަކީ މޫދު މާލިމީ އެވެ.