Advertisement

ބެންޒެމާ އަށް 84،000 ޑޮލަރުގެ ޖޫރިމަނާ އަކާއި ޖަލު ހުކުމެއް!

24 ނޮވެންބަރު 2021 - 16:31 0


ބެންޒެމާ އަށް 84،000 ޑޮލަރުގެ ޖޫރިމަނާ އަކާއި ޖަލު ހުކުމެއް!

24 ނޮވެންބަރު 2021 - 16:31 0

ޕެރިސް (ނޮވެމްބަރު 24) - އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާ އަށް ބިރުދައްކަން މަސައްކަތް ކުރިކަމަށް ފްރާންސް އަދި ރެއާލް މެޑްރިޑްގެ ފޯވާޑް ކަރިމް ބެންޒެމާގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ މައްސަލައިގައި އޭނާ އެއް އަހަރަށް ޖަލަށް ލުމަށާއި 84000 ޑޮލަރުން ޖޫރިމަނާކުރަން ހުކުމް ކޮށްފި އެވެ.

ފާއިތުވި އަހަރުތަކުގައި މީޑިއާގެ ފަލަ ސުރުހީތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ހިނގި މި މައްސަލައިގައިވަނީ އެކި ގޮތްގޮތަށް ވާހަކަ ދެކެވިފައިވެ އެވެ. އެ ގޮތުން އެންމެ ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި، މި މައްސަލައިގައި ބެންޒެމާ އާއި ވަލްބުއޭނާ ވަނީ ގޯސް ހަދައިފަ އެވެ. ބެންޒެމާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ހަތަރު މީހަކާ ގުޅިގެން ވަލްބުއޭނާ އަށް ބިރު ދެއްކި ކަމުގެ ތުހުމަތެވެ.

އަންހެނަކާއި ވަލްބުއޭނާގެ ވީޑިއޯއެއް ބޭނުން ކޮށްގެން އޭނާ އަށް ބިރު ދައްކައި ލާރި ހޯދަން މަސައްކަތްކުރިކަމުގެ ތުހުމަތު އެންމެ ފުރަތަމަ ބެންޒެމާ އަށް ކުރީ 2015 ވަނަ އަހަރު އެވެ. އޭރު ވަރަށް ގަދަޔަށް އެ ވާހަކަތައް ދެކެވި ބެންޒެމާ ފްރާންސް ގައުމީ ޓީމުން ބާކީކުރި ނަަމަވެސް ރަސްމީ ހައިސިއްޔަތަކުން މައްސަލަ އެންމެ ފުރަތަމަ ނުބަލަ އެވެ.

އެކަމަކު، މިދިޔަ ޖެނުއަރީ މަހު ފްރާންސްގެ ޕްރޮސެކިއުޓަރުން ވަނީ ވަރަށް އަވަހަށް ބެންޒެމާގެ މައްސަލައިގެ އަޑުއެހުންތައް ބާއްވާނެ ކަމަށް ބުނެފަ އެވެ.

މައްސަލަ ހިނގިތާ ފަސް އަހަރު ފަހުން ބެންޒެމާ ވަނީ ފްރާންސް ގައުމީ ޓީމަށް ދާދި ފަހުން ކުޅެފަ އެވެ. އެއީ މިދިޔަ ޖޫން މަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ މިދިޔަ އޮކްޓޫބަރު މަހު ޔުއެފާ ނޭޝަންސް ލީގު ފްރާންސަށް ކާމިޔާބުކޮށްދޭން އެހީތެރިވެދީފަ އެވެ.

ފްރާންސްގެ ކޯޓަކުން މިއަދު ނިންމީ ބެންޒެމާ އެއް އަހަރަށް ޖަލަށް ލާން ހުކުމްކޮށް 84000 ޑޮލަރުން ޖޫރިމަނާ ކުރާށެވެ. މީގެ ތެރެއިން ޖަލު ހުކުމަކީ ސަސްޕެންޑެޑް ހުކުމެކެވެ. މާނަ އަކީ އެ ހުކުމް ތަންފީޒުުކުރަން ޖެހޭނީ އެކަން ތަކުރާރުކޮށްފިނަމަ އެވެ.

ބެންޒެމާގެ ވަކީލުންގެ ޓީމުން ވަނީ މި މައްސަލަ އިސްތިއުނާފުކުރާނެ ކަމަށް ބުނެފަ އެވެ.

މި މައްސަލަ ކޯޓުގައި ހިނގިޔަސް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އޭނާ އަށް ސަޕޯޓް ދޭނެ ކަމަށް ބުނެފަ އެވެ. ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވެސް ވަނީ ބެންޒެމާގެ ދިފާއުގައި މީޑިއާ އިންޓަވިއުއެއްގައި ވާހަކަ ދައްކައިފަ އެވެ.