Advertisement

ލީބިޔާގެ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް އދ. ގެ މަންދޫބު އިސްތިއުފާ ދީފި

24 ނޮވެންބަރު 2021 - 14:58 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އދ. އިން ލީބިޔާ އަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ޔާން ކުބިސް. -- ފޮޓޯ: އޭއެފްޕީ


ލީބިޔާގެ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް އދ. ގެ މަންދޫބު އިސްތިއުފާ ދީފި

24 ނޮވެންބަރު 2021 - 14:58 0

އދ, އެމެރިކާ (ނޮވެމްބަރު 24) - އދ. އިން ލީބިޔާ އަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު، ސްލޮވޭކިއާގެ ޔާން ކުބިސް އިސްތިއުފާ ދެއްވައިފި އެވެ.

ކުބިސް އިސްތިއުފާ ދެއްވި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އިސްތިއުފާ ދެއްވާފައި މި ވަނީ ލީބިޔާގެ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ.

ބައެއް ޑިޕްލޮމެޓިކް މަސްދަރުތަކުން ބުނާ ގޮތުގައި ކުބިސް އިސްތިއުފާ ދެއްވީ ސުލްހަވެރިކަމާ އެކު އިންތިހާބު ބާއްވަން ބޭނުންވާ ވަރަށް އެއްބާރުލުން ނުލިބޭތީ އެވެ.

އދ. އިން ލީބިޔާ އަށް ކަނޑައަޅާފައި ހުންނަ މަންދޫބުގެ މައްސަލައިގައި ދާދި ފަހުން އދ. ގެ ސަލާމަތީ މަޖިލީހުގައި ދެބަސްވުން އުފެދުނެވެ.

އެގޮތުން މަންދޫބުގެ ޕޯސްޓު ހުންނަންވާނީ މިހާރު ހުންނަ ގޮތަށް ސްވިޓްޒަލޭންޑުގެ ޖެނީވާގައި ނޫން ކަމަށައި ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި ކަމަށް ބައެއް މެމްބަރު ގައުމުތަކުން ބުންޏެވެ.

ނަމަވެސް އެފަދަ ބަދަލަކަށް ކުބިސް ތާއީދު ނުކުރައްވާ ކަމަށް ޑިޕްލޮމެޓުން ބުންޏެވެ.

އދ. އިން ލުބްނާނަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބުގެ މަގާމު ކުރިން ފުރުއްވި ކުބިސް، ލީބިޔާގެ މަންދޫބު ކަމަށް ހަމަޖެއްސީ މިދިޔަ ޖެނުއަރީ މަހު އެވެ.

ކުބިސް އިސްތިއުފާ ދެއްވާފައި ވާއިރު، ޑިސެމްބަރު 24 ވަނަ ދުވަހު ލީބިޔާގެ ރިޔާސީ އިންތިހާބު ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ 98 ކެންޑިޑޭޓަކު ވާދަކުރަން ހުށަހެޅި ކަމަށެވެ. އޭގެ ތެރޭގައި ދެ އަންހެނުން ހިމެނެ އެވެ.

ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފާހަގަކުރެވެނީ ކުރީގެ ލީޑަރު މުއައްމަރު ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އާއި ލީބިޔާގެ އިރުމަތީގައި އަސްކަރީ ބާރު ހިންގާ ލީބިޔަން ނޭޝަނަލް އާމީގެ ލީޑަރު ހަލީފާ ހަފްތާރް އެވެ.

އޭގެ އިތުރުން ކުރީގެ އިންޓީރިއާ މިނިސްޓަރު ފަތީ ބަޝަގާ އާދި މިހާރު އޮތް އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑު ވަޒީރު އަބްދުލް ހާމިދް ދުބައިބާ ވެސް ފާހަގަކުރެވެ އެވެ.