Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް 5،000 އަށް ބޮޑުކުރަން ރައީސަށް ހުށަހަޅަނީ

24 ނޮވެންބަރު 2021 - 22:25 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުޑަ ކުއްޖަކު އުރާލައިގެން-- ފޮޓޯ: ރައީސް އޮފީސް


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް 5،000 އަށް ބޮޑުކުރަން ރައީސަށް ހުށަހަޅަނީ

24 ނޮވެންބަރު 2021 - 22:25 1

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްދޭ އިނާޔަތް އިތުރުކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅަން ފެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ގާނޫނު 8/2010ގެ 26ވަނަ މާއްދާގައިވާ ގޮތުން ކޮންމެ މަހަކު ދެމުން އަންނަނީ 2،000 ރުފިޔާގެ އިނާޔަތެކެވެ. ޕެޓިޝަނުގައި އެދިފައި ވަނީ އެ އިނާޔަތް 5،000 ރުފިޔާއަށް ބޮޑުކޮށް ދިނުމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނެސް ހާއްސަ އެހީ ބޭނުންވާ މީހުންނަށް 5،000 އާއި 7،000 ރުފިޔާއާ ދެމެދުގެ އިނާޔަތެއް 2019 ވަނަ އަހަރު މަޖިލީޖަށް ބިލެއް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ ބިލަށް މަޖިލީހުގެ ތާއީދު ނުލިބި ބޭރުކޮށްލީ އެވެ.

ހއ. އިހަވަންދޫގެ ހާއްސަ އެހީއަށް ބޭނުންވާ ތިން ޒުވާނެއް ކަމަށްވާ މުހައްމަދު އިރުފާނާއި އަލީ ޖުއައިދު އަދި އަލީ ފަޔާޒްގެ ފަރާތުން ރައީސަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ 2000 ރުފިޔާގެ އިނާޔަތަކީ، މިހާރު ދިވެހިރާއްޖޭގެ ހިދުމަތާއި ތަކެތީގެ އަގު ހުރިގޮތައް ބަލާއިރު އެކަށީގެންވާ މިންވަރެއް ކަމަށް ބަލައި ނުގަންނަ ކަމަށެވެ.

"އާންމު ދިރިއުޅުމުގެ މިންގަނޑުން ބަލާއިރުވެސް، ކެއިން ބުއިމާއި އުނުއޮރިޔާން ނިވާ ކުރުން ފަދަ ޒަރޫރީ ބޭނުންތައްވެސް މިހާރު ކަނޑައަޅާފައިވާ މާލީ އިނާޔަތުން ނުފުދޭ." ޕެޓިޝަނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ބައެއް ފަރާތްތަކަކީ ޒަވާޖީ ހަޔާތެއް ފެށި، ދިރިއުޅުމުގެ އެތަކެއް ހަރަދުތަކާއި އާއިލީ އެތަކެއް ޒިންމާތަކެއް އުފުލަން ޖެހިފައިވާ މީހުންތަކެއް ކަމަށް ޕެޓިޝަނުގައިވެ އެވެ.

އަނެއްބައި މީހުންނަކީ ދިރިއުޅުމެއް ފަށަން ބޭނުންވާ، ނަމަވެސް ވަޒީފާގެ ފުރުސަތު ހަނިކަމުން އާމްދަނީއެއް ލިބޭނެ އިތުރު މަގުތަކެއް ފަހިވެފައި ނެތުމުން ދިރިއުޅުމެއް ފެށިފައި ނުވާ މީހުން ކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ، ދިރިއުޅުމުގެ މުހުތާދުތައް ނުފުދި މުޖުތަމައުން އެކަހެރިވެ ނިކަމެތި ވެފައިވާ މީހުންތަކެއް. އަދި އެ މީހުންނަށް ގާނޫނުން ލިބިދޭންޖެހޭ އެތަކެއް ހައްގުތަކާއި ހަމަހަމަ ފުރުސަތުތަކުން ވަނީ މަހްރޫމްވެފައި،" ޕެޓިޝަނުގައިވެ އެވެ.

އެ ޕެޓިޝަން ހުށަހަޅަން ނިންމާފައި ވަނީ 5،000 މީހުންގެ ސޮއާއެކު އެވެ.