Advertisement

ގައުމީ ޓީމުގެ ޒުވާން ފުލްބެކް ހައިޝަމް ލީގު ޗެމްޕިއަން މާޒިޔާ އަށް

22 ނޮވެންބަރު 2021 - 12:59 0


ގައުމީ ޓީމުގެ ޒުވާން ފުލްބެކް ހައިޝަމް ލީގު ޗެމްޕިއަން މާޒިޔާ އަށް

22 ނޮވެންބަރު 2021 - 12:59 0

ދާދި ފަހުން ނިމުނު އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތް ގައުމީ ޓީމުގެ ފުލްބެކް ހައިޝަމް ހަސަން (ބިޑި)، ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ އަށް މިއަދު ސޮއިކޮށްފި އެވެ.

އުމުރުން 22 އަހަރުގެ ހައިޝަމް މީގެ ކުރިން ކުޅެމުން އައީ ކްލަބް އީގަލްސް އަށެވެ. ހައިޝަމް، މާޒިޔާ އަށް ސޮއިކުރީ ކުރިއަށް އޮތް ތިން ސީޒަނަށެެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މާޒިޔާ އިން ހައިޝަމްގެ ސޮއި ހޯދީ ކްލަބް ވެލެންސިއާ އިން ވެސް އޭނާ ގެންނަން މަސައްކަތް ކުރަމުންދަނިކޮށެވެ. ހައިޝަމް ލައްވައި ކޮންޓްރެކްޓް އާ ކުރުވަން ކްލަބް އީގަލްސް އިން ވެސް މަސައްކަތްކުރި އެވެ.

ހައިޝަމް އަކީ ސީނިއާ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިއެއްގެ އިތުރުން 23 އަހަރުން ދަށުގެ ޓީމުގެ އެންމެ ފަހުގެ ކެޕްޓަނެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުގައި ޒުވާން ގައުމީ ޓީމުން ވަނީ ދާދި ފަހުން އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި އިރާގާއި ބަހްރޭނާ ދެކޮޅަށް ކުޅެފަ އެވެ.

ހައިޝަމް އެންމެ ފުރަތަމަ ސިނިއާ ގައުމީ ޓީމަށް މެޗެއް ކުޅުނީ 2019 ވަނަ އަަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގަ އެވެ. އޭގެ ފަހުން އޭނާ އަންނަނީ ގަވާއިދުން ގައުމީ ޓީމުގައި ހިމެނެމުންނެވެ. އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ މި މަހު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގަ އެވެ.

ގަތަރުގައި ބޭއްވި ޓްރެއިނިން ކޭމްޕްގެ ތެރެއިން ހައިޝަމް.-- ފޮޓޯ: އަދަދު


ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަށްވާ ބ.އޭދަފުއްޓަށް އުފަން ހައިޝަމް, އަމިއްލަ ރަށުގައި ހުއްޓައި 2017 ވަނަ އަހަރު އިހުސާން އަބްދުލްގަނީ (ސާންތީ)، ހައިޝަމް ގެނައީ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމަށެވެ.

އޭގެ ފަހުން އީގަލްސް އަށް ސޮއިކޮށް، ހައިޝަމް ވަނީ އެ ޓީމާ އެކު ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެެވެ. ޑިފެންސްގެ ކޮންމެ މަގާމަކަށް ވެސް އަދި އެޓޭކިން ވިންގް ބެކަކަށް ވެސް ކުޅެވޭ ހައިޝަމަކީ މިދިޔަ އަހަރުތަކުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ޒުވާން ކުޅުންތެރިޔާ އެވެ. ޒުވާން އުމުރުގައި ކަކުލަށް އަނިޔާވެ، ކުޅުމާ ދުރަށް ދާން ޖެހުނު ނަމަވެސް ހައިޝަމް އަންނަނީ އަލުން އޭނާގެ މޮޅު ކުޅުން ދައްކަމުންނެވެ.

ހައިޝަމް އަށް އީގަލްސް ސީނިއާ ޓިމުން ފުރުސަތު ދިން ކޯޗަކީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ. މޯހަން މިހާރު ހުރީ މާޒިޔާގަ އެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން ވަނީ ނޭޕާލްގެ ކެޕްޓަން، ގޯލްކީޕަރު ކިރަން ކުމާރް ސެމްޝޮން އާއި ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ)ގެ ސޮއިހޯދައިފަ އެވެ. މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކުޅުނު ގިނަ ކުޅުންތެރިން ކުރިއަށް އޮތް ސީޒަނުގައި ވެސް އެ ޓީމުން ފެންނާނެ އެވެ.