Advertisement

ގައުމީ ޓީމުގެ ކެޕްޓަން އަކޫ މާޒިޔާ އަށް

21 ނޮވެންބަރު 2021 - 16:07 0


ގައުމީ ޓީމުގެ ކެޕްޓަން އަކޫ މާޒިޔާ އަށް

21 ނޮވެންބަރު 2021 - 16:07 0

މިދިޔަ އަހަރު ކްލަބް ވެލެންސިއާ އަށް ކުޅުނު ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ)، ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ސޮއިކޮށްފި އެވެ.

ކުރިއަށް އޮތް ސީޒަނަށް ރާއްޖޭގެ ފުޓްބޯޅަ ޓްރާންސްފާ ބާޒާރުގައި އެންމެ އެކްޓިވްކޮށް ފެންނަނީ މާޒިޔާ އެވެ. އަކޫ އަކީ މާޒިޔާ އިން ކުރިއަށް އޮތް ސީޒަނަށް ސޮއިކުރި ދެ ވަނަ ކުޅުންތެރިޔާ އެވެ. މާޒިޔާ އިން ވަނީ ނޭޕާލްގެ ކެޕްޓަން އަދި އެއް ނަމްބަރު ގޯލުކީޕަރު ކިރަން ކުމާރް ސެމްޝޮން ވެސް ގެނެސްފަ އެވެ. އަކޫ ވަނީ މީގެ ކުރިން 2011 ވަނަ އަހަރު މާޒިޔާ އަށް ކުޅެފަ އެވެ.

ރާއްޖޭން ދެ ފަހަރު ސަރަހައްދުގެ ރަން ތަށި ގެނައި ޓީމުގައި ހިމެނުނު އަކޫ އަކީ ޑިފެންސްގެ ކޮންމެ މަގާމަކާއި މެދުތެރެއަށް ވެސް ކުޅެވޭ ފެންވަރުގެ ކުޅުންތެރިއެކެވެ.

އަކޫ ކެރިއަރު ފެށީ ވެލެންސިއާ އިންނެވެ. އެ ޓީމަށް އޭނާ ފުރަތަމަ ކުޅުނީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން 2007 އިން 2009 އަށް އަކޫ ފެނުނީ ނިއު ރޭޑިއަންޓުންނެވެ. ނިއު ދޫކޮށް 2010 ވަނަ އަހަރު ވީބީ އައްޑޫ އެފްސީ އަށް ކުޅުމަށް ފަހު 2011 ވަނަ އަހަރު ހޭދަކުރީ މާޒިޔާގަ އެވެ. އަދި 2012 ވަނަ އަހަރު ވިކްޓްރީ އަށް ކުޅުނެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން އަކޫ: ކުރިއަށް އޮތް ސީޒަނުގައި އަކޫ ފެންނާނީ މާޒިޔާ އިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ނ.މާފަރަށް އުފަން އަކޫ ދެ ވަނަ ފަހަރަށް ވެލެންސިއާ އަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން ނިއު އަށް އަނެއްކާ ވެސް ބަދަލުވި އެވެ. ނިއު އަށް 2014 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް ކުޅެ، 2015 އާއި 2016 ކުޅުނީ އަނެއްކާ ވެސް ވެލެންސިއާ ޖޯޒީގަ އެވެ. ވެލެންސިއާ ދޫކޮށް 2017 ގައި ނިއު އަށް ބަދަލުވެ، އެ ޓީމަށް ކުޅުނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ވަނީ ކުޅެފަ އެވެ. ޓީސީ ދޫކޮށް މިދިޔަ ސީޒަނުގައި ވަނީ ވެލެންސިއާ އަށް ހަތަރު ވަނަ ފަހަރަށް ބަދަލުވެފަ އެވެ.

މިދިޔަ އޮގަސްޓް މަހު ކްލަބް އީގަލްސް އިން އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި އަކޫ ވަނީ އީގަލްސް އަށް ކުޅެފަ އެވެ.

ގައުމީ ޓީމުގެ ކެޕްޓަނަކަށް އަކޫ ހަމަޖެއްސީ 2018 ވަނަ އަހަރު ގައުމީ ޓީމުގެ ކޯޗުކަމާ ޕީޓަ ސެގާޓް ހަވާލުވުމަށް ފަހު އެވެ. އަކޫގެ ކެޕްޓަންކަމުގެ ދަށުގައި ރާއްޖޭން ވަނީ 2018 ވަނަ އަހަރު ބަންގްލަދޭޝްފައި ބޭއްވި ސާފް ސުޒުކީ ކަޕް (ސާފް ޗެމްޕިއަންޝިޕް) ކާމިޔާބުކޮށްފަ އެވެ.

މާޒިޔާ އިން ކުރިއަށް އޮތް ސީޒަނުގައި ވާދަކުރާނީ ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގަ އެވެ. ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ކުޅޭނީ ވެލެންސިއާއާ އެވެ. ސީޒަނުގެ ފުރަތަމަ މުބާރާތަކީ އަންނަ މަހު 15 ގައި ފަށަން ތާވަލުކޮށްފައިވާ ޕްރެޒިޑެންޓްސް ކަޕް އެވެ.