Advertisement

މެސީގެ ފުރަތަމަ ލީގު ގޯލާ އެކު ޕީއެސްޖީ އަށް 13 ޕޮއިންޓުގެ ލީޑެއް

21 ނޮވެންބަރު 2021 - 01:29 0


މެސީގެ ފުރަތަމަ ލީގު ގޯލާ އެކު ޕީއެސްޖީ އަށް 13 ޕޮއިންޓުގެ ލީޑެއް

21 ނޮވެންބަރު 2021 - 01:29 0

ޕެރިސް (ނޮވެމްބަރު 21) - ފްރެންޗް ލީގުގައި ލިއޮނަލް މެސީ ޕީއެސްޖީ އަށް ޖަހައިދިން ފުރަތަމަ ގޯލާ އެކު 3-1 އިން ނޯންޓެސް ބަލިކޮށް ޕީއެސްޖީން ލީގުގެ އެއް ވަނައިގައި 13 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ޕީއެސްޖީ އެއް ވަނައިގައި އޮތީ 14 މެޗުން 37 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް ލެންސަށް 13 މެޗުން ވަނީ 24 ޕޮއިންޓް ލިބިފަ އެވެ.

ޕީއެސްޖީ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގި އެވެ. މިއީ ލެއަންޑްރޯ ޕަރޭޑޭސް އޭރިއާބޭރުން ޖެހި ބޯޅައެއް ކީލިއަން އެމްބާޕޭ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ވަން ގޯލެކެވެ. ޕީއެސްޖީ އަށް ފުރަތަމަ ހާފުގައި ދެ ވަނަ ގޯލެއް ޖަހައިދޭން މެސީ ޖެހި ޝޮޓެއް ނޯންޓެސް ކީޕަރު އަލްބާން ލަފޯން މަތަކުރިއިރު، އޭނާ ވަނީ އެމްބާޕޭ އާއި ނޭމާގެ ހަމަލާތައް ވެސް ހުއްޓުވައިފަ އެވެ.

މެޗުގައި ޕީއެސްޖީ އަށް މައްސަލަ ދިމާވީ ބޯޅައަކަށް އަރަން އުޅުމުގެ ތެރޭގައި ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް ކުރި ނުރައްކާތެރި ފައުލަކަށް އޭނާ އަށް ރަތް ކާޑު ދެއްކުމެވެ.

ފަހު 25 މިނިޓް އެއް ކުޅުންތެރިއަކު މަދުކޮށް ޕީއެސްޖީން ކުޅެމުންދިޔައިރު، ނޯންޓެސް އިން އެއްވަރުކުރީ މެޗުގެ 76 ވަނަ މިނިޓްގައި ރަންޑާލް ކޯލޯ މުއާނީ ޖެހި ގޯލުންނެވެ. މުއާނީ ފޮނުވާލި ބޯޅަ ޕީއެސްޖީގެ ގޯލު ބަލަހައްޓަން ހުރި ސާޖިއޯ ރީކޯ އަށް މަތަކުރެވުނީ ގޯލުގެ ރޮނގު ހުރަސްކުރި ފަހުންނެވެ. ޕީއެސްޖީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންްމާ ބަލިވެ އުޅޭތީ މި މެޗުގެ ސްކޮޑަށް ނުނަގަ އެވެ.

ޕީއެސްޖީން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 81 ވަނަ މިނިޓްގައި ނޯންޓެސްގެ އަޕިއާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މެސީ އޭރިއާތެރެއިން ޕީއެސްޖީ ކުޅުންތެރިއަކަށް ދޭން ފޮނުވާލި ބޯޅަ އަޕިއާ ފައިގައި ޖެހިފައި ކީޕަރު ލަފޯން އަތްމަތިން ގޮސް ބޯޅަ އޮއްސުނީ ގޯލުގެ ތެރެއަށެވެ.

އޭގެ ހަ މިނިޓް ފަހުން މެސީ ވަނީ އޭރިއާ ރޮނގުކައިރިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައި ޕީއެސްޖީ އަށް ފްރެންޗް ލީގުގައި އޭނާގެ ފުރަތަމަ ގޯލު ޖަހައިދީފަ އެވެ. މެސީ ބުނީ ލީގުގައި ފުރަތަމަ ގޯލު ޖެހުމުން ހިތްހަމަ ޖެހޭ ކަމަށާއި މިއީ އޭނާގެ ކޮންފިޑެންސަށް ޕޮޒިޓިވް ކަމެއް ކަމަށެވެ. ލީގުގައި މެސީ އަށް ޕީއެސްޖީ ޖޯޒީގައި ކުޅުނު ހަ މެޗުން ޖެހުނީ އެންމެ ގޯލެކެވެ. ޗެމްޕިއަންސް ލީގުގައި ތިން ގޯލު ޖެހި އެވެ.