ނޭޕާލްގެ ގައުމީ ޓީމުގެ ގޯލްކީޕަރު ކިރަން ކުމާރު ލިމްބޫ، ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މިއަދު ސޮއިކޮށްފި އެވެ.
މިދިޔަ މަހު ނިމުނު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ނޭޕާލް ގެންގޮސްދިނުމުގައި މުހިންމު ރޯލެއް އަދާކުރި ކިރަން މާޒިޔާ އަށް ސޮއިކުރީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަންގެ ނިޔަލަށް ކަމަށް އެ ކްލަބުން ބުނެ އެވެ.
މީގެ ކުރިން ކިރަން ވަނީ ޓީސީ ސްޕޯޓްސް އަށް ކުޅެފަ އެވެ. އެ ކްލަބުގައި ދެ ސީޒަން ހޭދަކުރި އެވެ. އެ ކްލަބާއެކު 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ކިރަން ކާމިޔާބުކުރި އެވެ. އަދި އޭނާ ވަނީ 2018 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގަައި ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދައިފަ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ކިރަން (ވ) ގައުމީ ސަލާމްކިޔަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
އުމުރުން 31 އަހަރުގެ ކިރަން ވަނީ އޭގެ ފަހުން އިންޑިއާގެ އައި ލީގުގައި މިނެރްވާ ޕަންޖާބަށް ވެސް ކުޅެފަ އެވެ. ކިރަން އަކީ ރާއްޖެ އާއި އިންޑިއާގެ އައި ލީގު އަދި ނޭޕާލް ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ.
މިއީ ކުރިއަށް އޮތް ސީޒަނުގައި ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ކުޅޭ މާޒިޔާ އިން ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. ކިރަން އެންމެ ފަހުން ކުޅުނީ ނޭޕާލްގެ ދަންގާދީ އެފްސީ އަށެވެ.
މި އަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާގެ ގޯލު ބެލެހެއްޓީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ގޯލަށް މި އަހަރުގެ ދިވެހި ލީގުގައި ކުޅުނު އުޒްބެކިސްތާނުގެ މިރްޒޯހިދު މަމަތޯވް އެވެ. އޭގެ ކުރިން ސާބިއާގެ ގޯލްކީޕަރު ނިކޮލާ ވުޖާނަކް އަދި ސީރިއާގެ ގޯލްކީޕަރު މަހްމޫދު އަލް ޔޫސުފް ވެސް އެ ޓީމަށް މިދިޔަ ސީޒަންގައި ގެނައި އެވެ. މީގެ ތެރެއިން މަހުމޫދު ދޫކޮށްލަން މާޒިޔާ އިން ޖެހުނީ އެއްވެސް މެޗެއް ނުކުޅެ އެވެ. އެއީ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.
Comment