Advertisement

ޑިބްރޭނާ އަށް ކޮވިޑް ޖެހިއްޖެ، ޕީއެސްޖީ މެޗު ވެސް ގެއްލޭނެ

20 ނޮވެންބަރު 2021 - 09:24 0


ޑިބްރޭނާ އަށް ކޮވިޑް ޖެހިއްޖެ، ޕީއެސްޖީ މެޗު ވެސް ގެއްލޭނެ

20 ނޮވެންބަރު 2021 - 09:24 0

މެންޗެސްޓާ (ނޮވެމްބަރު 20) - މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އުމުރުން 30 އަހަރުގެ ޑިބްރޭނާ އަށް ކޮވިޑް ޖެހުނުކަން ޔަގީންވީ ގައުމީ ޓީމަށް ބައިނަލްއަގުވާމީ މެޗުތައް ކުޅެފައި އެނބުރި އައިސް ޓީމާ ގުޅުމުގެ ކުރިން ހެދި ޓެސްޓްތަކުންނެވެ. ކޮވިޑަށް ޕޮޒިޓިވްވުމާ އެކު ޑިބްރޭނާ މަދުވެގެން 10 ދުވަހަށް އައިސޮލޭޝަނަށް ދާން ޖެހޭނެ އެވެ. މާނަ އަކީ ލީގުގައި މާދަމާރޭ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗާއި ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ބައްދަލުކުރާ މެޗު ޑިބްރޭނާ އަށް ގެއްލޭނެ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޑިބްރޭނާ ނެތުމަކީ ޓީމަށް ގެއްލުމެއް ނަމަވެސް މި ދަނޑިވަޅުގައި ހުރިހާ ފޯކަސް އެއް ހުރީ އޭނާ ސަލާމަތް ސިއްހަތެއްގައި އެނބުރި އައުމަށް ކަމަށެވެ. ޑި ބްރޭނާ ވަނީ ކޮވިޑް ވެކްސިން ޖަހާފައި ކަމަށާއި ސިޓީގެ ގިނަ ކުޅުންތެރިން ވެސް ވަނީ ވެކްސިން ޕްރޮގްރާމް ފުރިހަމަ ކޮށްފައި ކަމަށް ގާޑިއޯލާ ބުންޏެވެ.

ކޮވިޑަށް ޕޮޒިިޓިވްވުމުން ޑި ބްރޭނާ އަށް މުހިއްމު މެޗުތަކެއް ގެއްލޭއިރު، މި ސީޒަނުގައި އޭނާ އަށް އަދި އެންމެ ރަނގަޅު ފޯމުގައި ކުޅެވޭގޮތެއް ނުވެ އެވެ. ބައެއް މެޗުތަކުގައި އޭނާ ކުޅެން އަރާފައިވަނީ ބަދަލެއްގެ ގޮތުގަ އެވެ.

މި ހަފްތާގައި ވޭލްސްއާ 1-1 އިން ބެލްޖިއަމް އެއްވަރުވި މެޗުގައި ޑިބްރޭނާ ވަނީ ގޯލު ޖަހައިފަ އެވެ.