Advertisement

ސިފައިންގެ މީހާ ރަހީނުކުރުން: "ފިނޑި އަމަލުން ސިފައިންގެ މަސައްކަތަށް ލޮޅުމެެއް ނާރާނެ"

18 ނޮވެންބަރު 2021 - 15:44 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އެމްއެންޑީއެފްގެ ސީނިއާ ލީޑަޝިޕުން ވަނީ މިއަދު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، ސްޓާފް ސާޖަންޓް ފަހީމްގެ ހާލު ބައްލަވާ ލައްވަނީ-- ފޮޓޯ: އެމްއެންޑީއެފް


ސިފައިންގެ މީހާ ރަހީނުކުރުން: "ފިނޑި އަމަލުން ސިފައިންގެ މަސައްކަތަށް ލޮޅުމެެއް ނާރާނެ"

18 ނޮވެންބަރު 2021 - 15:44 0

ފައިސާ ހޯދުމަށް މާލޭގައި ސިފައިންގެ މީހަކު ރަހީނުކޮށް ރޭ އަނިޔާކުރި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް އެމްއެންޑީއެފްއިން ބަޔާނެއް ނެރެފި އެވެ.

ރޭ ދަންވަރުގެ ވަގުތެއްގަ މާފަންނުގެ ހަނި ގޯޅިއަކުން ރަހީނުކުރީ ސިފައިންގެ ކޯސްޓުގާޑުގައި މަސައްކަތް ކުރާ 37 އަހަރުގެ ހަސަން ފަހީމު އެވެ.

ފަހީމު ރަހީނުކޮށް އަނިޔާކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުން އެމްއެންޑީއެފްއިން ބުނީ, އެފަދަ ފިނޑި އަމަލުތަކުން ސިފައިންގެ މަސައްކަތަށް ހުރަސް ނޭޅޭނެ ކަމަށެވެ.

ރަހީނު ކުރި ފަހީމުއަށް ދީފައިވާ އަނިޔާ-- ފޮޓޯ: އައިލާ


ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ނުރައްކަލުގެ ތެރެއަށް ގެންދަން މަސައްކަތްކުރާ މިފަދަ ފަރާތްތަކުން ކުރަމުންދާ އަމަލުތަކަކީ އެއްވެސް ފަރާތަކުން ޖާގަ ދެވިގެންވާނެ އަމަލުތަކެއް ނޫން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"ސިފައިންނަށް ދޭ މިފަދަ ފިނޑި ހަމަލާތަކުގެ ސަބަބުން ގައުމީ ހިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތަށް އެއްވެސް ލޮޅުމެއް އަރުވައި ނުލެވޭނެ،" އެމްއެންޑީއެފްއިން ބުންޏެވެ.

ސްޓާފް ސާޖަންޓް ހަސަން ފަހީމްއަށް ލިބިފައިވާ ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިއަދު ވަނީ ގެއަށް ދޫކޮށްލާފަ އެވެ. އޭނާގެ ހާލަތު އެމްއެންޑީއެފްގެ ލީޑާޝިޕުން ވަރަށް ގާތުން ދަނީ ބައްލަމުންދާ ކަމަށް ބަޔާނުގައި ބުންޏެވެ.

ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިނިސްޓާ އޮފް ޑިފެންސްޓަރު މާރިއާ އަހުމަދު ދީދީ ގުޅުއްވައި ސްޓާފް ސާޖަންޓް ހަސަން ފަހީމްގެ ހާލު ވަނީ ބައްލަވާފަ އެވެ.

"މިނިސްޓަރު މާރިޔާ ވަނީ އެ ކަމުގައި ވެދެއްވެންހުރި ހުރިހާ އެހީތެރިކަމެއް ސަރުކާރުން ވެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި،" އެމްއެންޑީއެފްއިން ބުންޏެވެ.

މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް, ފުލުހުން ބުނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފަހީމު ރަހީނުކޮށް އަނިޔާކޮށްފައިވަނީ ކޮޓަރިއަކަށް ގެންގޮހެވެ. އޭނާ އަތުން ފައިސާ ނުލިބުމުން މިއަދު ހެނދުނު ވަނީ ސައިކަލަކަށް ލައިގެން ގެންގޮސް އައިޖީއެމްއެޗް ދޮރުމައްޗަށް ވައްޓާލާފަ އެވެ. އެ އަމަލުގައި ބައިވެރިވި އެންމެން ވެސް ތިބީ މާސްކު އަޅައިގެން ކަމަށްވެ އެވެ.