Advertisement

އަސްހަދާ މެދު ފިޔަވަޅު އަޅަން ނިންމާނީ ޑިސިޕްލިނަރީ ކޮމިޓީން: އެފްއޭއެމް

17 ނޮވެންބަރު 2021 - 17:36 0

ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން އަސްހަދު.-- ފޮޓޯ: އެފްއޭއެމް


އަސްހަދާ މެދު ފިޔަވަޅު އަޅަން ނިންމާނީ ޑިސިޕްލިނަރީ ކޮމިޓީން: އެފްއޭއެމް

17 ނޮވެންބަރު 2021 - 17:36 0

ސްރީ ލަންކާގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ސީޝެލްސް އާއި ރާއްޖެ އެއްވަރުވި މެޗުގައި ރާއްޖޭގެ މިޑްފީލްޑަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ސީޝެލްސްގެ ކުޅުންތެރިޔަކަށް ބޯޅަ ނެތީސް ހަމަލާ ދިފައިވާއިރު، އޭނާއާ މެދު އެފްއޭއެމުން އަމަލުކުރާނެ ގޮތެއް ކަަނޑައަޅާނީ އެ އެސޯސިއޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީން ކަމަށް ބުނެފި އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި އަސްހަދު ކުޅެން އެރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފަހަތުން ދުވެފައި ގޮސް ސީޝެލްސްގެ ކެޕްޓަން ބެނޮއިޓް މޭރީ މޫނުމަތީގައި ވަރަށް ބާރަށް އުޅަބޮށިން ޖެހި އެވެ. އެއާ އެކު އޭނާ އަށް ރެފްރީ ވަގުތުން ރަތްކާޑެއް ދެއްކި އެވެ.

އިއްޔެގެ މެޗަށް ފަހު ގިނަ ފަރާތަކެއް އަންނަނީ އަސްހަދަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެ ސޯސަލް މީޑިއާގައި އަޑުއުުފުލަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ވެސް އަސްހަދާ ގުޅޭ ސުވާލުތަކެއް ކުރި އެވެ. މަހުލޫފް ވިދާޅުވީ އަސްހަދުގެ އަމަލާ މެދު ހިތާމަކުރާ ކަމަށާއި ފިޔަވަޅު އަޅާނީ ފީފާ ނުވަތަ އޭއެފްސީން ކަމަށެވެ.

އެފްއޭއެމް އޮފިޝަލަކު "އަދަދު" އަށް ބުނީ ފޯ ނޭޝަންސް ކަޕްގެ މެޗުތަކަކީ ފީފާ އެޕްރޫވްޑް ތާރީހެއްގައި ކުޅޭ މެޗުތަކަކަށް ވާއިރު، އަސްހަދަށް މިކަމުގައި އަޅާނެ ފިޔަވަޅެއް ފުރަތަމަ ކަނޑައަޅާނީ މުބާރާތް އިންތިޒާމްކުރާ ފަރާތުން ކަމަށެވެ. އެފްއޭއެމުން މިކަމާ ގުޅޭ ފެޑެރޭޝަންތަކާ ވާހަކަ ދައްކައި މިކަން ކުރިއަށްދާ ގޮތް މޮނިޓާ ކުރާނެ ކަމަށް އެފްއޭއެމުން ބުންޏެވެ.

"އެފްއޭއެމްގެ މި އޮންނަނީ ވަކި ޑިސިޕްލިނަރީ ކޮމިޓީ އެއް. އޭގެ ދަށުން ވަކި އުސޫލުތަކަކުން މި އަަމަލުކުރަނީ. އެ އުސޫލުތަކަށް ބަލާއިރު މި މައްސަލަ (އަސްހަދުގެ މައްސަލަ) އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީގެ ކޯޑުގެ ތެރެއިން ބެލޭކަމަށްވާ ނަމަ ދެން އެ ކޮމިޓީ އަށް ފޮނުވައިގެން އެ ކޮމިޓީން ގޮތެއް ކަނޑައަޅާނީ،" އޮފިޝަލް ވިދާޅުވި އެވެ.

މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑަށް އަސްހަދު ނެގުމުން ވެސް ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

ސާފް ޗެމްޕިއަންޝިޕްގައި މިދިޔަ މަހު ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން އަސްހަދު ދެން ހުރީ ކުޅުމާ ދުރުގަ އެވެ. އެކަމަކު، މި ފަހަރުގެ ފޯ ނޭޝަންސް ކަޕްގެ ކުރިން ކުޅުނު އެގްޒިބިޝަން މެޗުތަކުގައި އަސްހަދު ވަނީ ބަދަލެއްގެ ގޮތުގައި ކުޅެފަ އެވެ.

ފޯ ނޭޝަންސް ކަޕްގެ މެޗުތަކުގައި އަސްހަދު ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެންމެ ފަހުން ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަސްހަދު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުވީ ކޮން ވިސްނުމެއްގައިތޯ މެޗަށް ފަހު ސުވާލުކުމުން ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނީ އެއީ ވަރުގަދަ އަށް ކުޅޭ މިޑްފީލްޑަރެއް އަރުވަން ޖެހޭތީ ކަމަށެވެ. އަދި ފޯވާޑަކަށް ހުރި އަސަދުﷲ އަބްދުﷲ ވެސް ވަރުބަލިކޮށް ހުރުމުން އެ ވަގުތު އަސްހަދު އެރުވީ ކަމަށާއި ދެން ހިނގި ކަންތައްތަކާ މެދު އެއްޗެއް ބުނަން އެނގޭނީ ފުރިހަމަ އަށް އެކަން ބެލުމަށް ފަހު ކަމަށް މޮރިއޭރޯ ބުންޏެވެ.