Advertisement

"ރައްޔިތުންގެ އުއްމީދުތައް ގުޅިފައިވަނީ އެމްޑީޕީ އާއި އެމްޑީޕީގެ ވެރިކަމަކާ"

17 ނޮވެންބަރު 2021 - 10:25 0

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު ސޯލިހު (ވ) އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު.


"ރައްޔިތުންގެ އުއްމީދުތައް ގުޅިފައިވަނީ އެމްޑީޕީ އާއި އެމްޑީޕީގެ ވެރިކަމަކާ"

17 ނޮވެންބަރު 2021 - 10:25 0

މިއަދު ތިން އަހަރު ފުރުނީ އެމްޑީޕީގެ ސަރުކާރަކަށް ކަމަށް ވަރަށް ބޮޑަށް އަލިއަޅުވައި އެ ޕާޓީން ނެރުނު ބަޔާނުގައި، މި ސަރުކާރުގެ ތިން އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ގިނަ ބޮޑެތި ބަދަލުތަކެއް ރައްޔިތުންނަށާއި ރާއްޖެއަށް ގެނެސްދެއްވާފައިވާކަން ފާހަގަކޮށް ރައްޔިތުންގެ އުންމީދުތައް އަދިވެސް ގުޅިފައި ވަނީ އެ ޕާޓީ އާއި އެ ޕާޓީގެ ވެރިކަމަކާ ކަމަށް ބުނެފި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީގެ ފައިސަލް ނަސީމާ ނެރުއްވައިގެންނެވެ. ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމް އިން އެމްޑީޕީއާ އެކު ކޯލިޝަނުގައި ބައިވެރިވި އެވެ.

"އެމްޑީޕީގެ ސަރުކާރަށް 3 އަހަރު ފުރޭ ދުވަސް ފާހަގަކޮށް މަރުހަބާ ދެންނެވުން" ގެ ނަމުގައި އެ ޕާޓީގެ ވެބްސައިޓުގައި ޝާއިއުކުރި ބަޔާން ފެށީ މަރުހަބާގެ ޕެރެގްރާފަކުންނެވެ.

"2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި ދިވެހި ލޮބުވެތި ރައްޔިތުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބުކުރައްވައި، އެމްޑީޕީގެ ވެރިކަމެއް ގާއިމުކުރެއްވިތާ މިއަދަށް 3 އަހަރު ފުރޭހިނދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށާއި ރައްޔިތުންނަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

އެ އިންތިހާބު އެ ޕާޓީގެ ކެންޑިޑޭޓް ކާމިޔާބުކުރައްވާފައިވަނީ އޭރުގައި އޮތް ހުދުމުހުތާރު ވެރިކަން ބަލިކުރައްވައި ވަރަށް ބޮޑު އަގުލަބިއްޔަތަކުންކަން ކަމަށާއި އެފަދަ ކާމިޔާބެއް އެ ޕާޓީއަށާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ރައްޔިތުން ދެއްވި މައިގަނޑު ސަބަބަކީ އެ ޕާޓީންނާއި ރައީސް ސޯލިހު ވެވަޑައިގަތް ވައުދުތަކާއި ގެންގުޅުއްވާ ތަސައްވަރުގެ ސަބަބުންކަމަށް ދެކޭ ކަމަށް ބަޔާނުގައިވެ އެވެ. އަދި އެއީ އަނިޔާވެރިކަމާއި ހުދުމުހުތާރު ވެރިކަމުގެ ގޮތްތަކަކުން ރައްޔިތުން މިންޖުވުމަށް ނިންމެވި ނިންމެވުމެއްގެ ސަބަބުން ކަމަށް ދެކޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރިޔާސީ އިންތިހާބަށް ފަހު 2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ރައްޔިތުން އެ ޕާޓީ އަށް ނުހަނު ބޮޑަށް އިތުބާރުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދީފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"މި ސަރުކާރުގެ 3 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ގިނަ ބޮޑެތި ބަދަލުތަކެއް ރައްޔިތުންނަށާއި ރާއްޖެއަށް ގެނެސްދެއްވާފައިވާކަން އުފަލާއެކު ފާހަގަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް މަރުހަބާ ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

އެގޮތުން މި މުއްދަތުގެ ތެރޭގައި، ސަރުކާރުން ރައްޔިތުންނަށް ބިރުދެއްކުމާއި އަނިޔާވެރިކަން އިސްކުރުން ނިމުމަކަށް ގެނެސް، ޑިމޮކްރަސީ އާއި ގާނޫނުގެ ވެރިކަމަށް އަހުމިއްޔަތުކަންދީ، ހެޔޮ ވެރިކަމުގެ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ޖުޑިޝަރީ އިސްލާހުކުރުމުގެެ މަސައްކަތުގެ ތެރެއިން އާ ސްޕްރީމް ކޯޓެއް އައްޔަނުކޮށް، ހެޔޮ ބަދަލުތަކެއް ގެންނަވަމުންދާކަން ވެސް ބަޔާނުގައި ފާހަގަކުރެ އެވެ.

"މިނިވަން މުވައްސަސާތަކަށް ނުފޫޒުފޯރުވުމުގެ ސަގާފަތް ބަދަލުކުރައްވައި، އެތަންތަން މިނިވަންކަމާއި މުސްތަގިއްލުކަމާއެކު މަސައްކަތްކުރުމަށް ސަރުކާރު ހުރަހަކަށް ނުވެ އެވެ. ސިޔާސީ ހަރަކާތްތަކަށާއި މީޑިއާގެ މިނިވަންކަމަށް ޖާގަދެވި، އެކަންކަން ކަށަވަރުކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރެވެ އެވެ. ހަމައެފަދައިން ރައްޔިތުން ބާރުވެރިކުރުވުމަށާއި ލާމަރުކަޒުކުރުމަށް ބޮޑެތި އިސްލާޙީ ބަދަލުތަކެއް މި 3 އަހަރުގެ ތެރޭގައި ގެންނަވާފައިވެ އެވެ،" ބަޔާނުގައިވެ އެވެ.

އަދި "އެމްޑީޕީގެ މި ސަރުކާރުގައި" އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުވެވަޑައިގެންފައިވާކަން ފަހުރުވެރިކަމާއެކު ފާހަގަކުރާ ކަމަށާއި އަދި މި 3 އަހަރުގެ ތެރޭގައި ރާއްޖެ އާއި ބައިނަލްއަގްވާމީ ދުނިޔެއާ ގުޅުން ވަރަށް ބޮޑަށް ބަދަހިވަމުންގޮސްފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ކޮވިޑުގެ ބޮޑެތި ގޮންޖެހުންތަކާ އެކު ވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތަކާއި މަޝްރޫއުތައް ސަރުކާރުން ބާރަށް ކުރިއަށް ގެންދާކަން ހިތްހަމަޖެހުމާއެކު ފާހަގަކޮށް ރައީސް ސޯލިހާއި ސަރުކާރަށް އެމްޑީޕީން މަރުހަބާ ކިޔާފައިވެ އެވެ.

"އަދި ސަރުކާރުގެ ބާކީ އޮތް އަހަރުތަކުގައި ރައްޔިތުންގެ އުއްމީދުތަކާ އެއްމިންވަރަށް ކަންކަން ހާސިލުކުރައްވަމުން ގެންދަވާނޭކަމުގައި ޔަގީންކުރަމެވެ. ރައްޔިތުންގެ އުއްމީދުތައް އަދިވެސް ގުޅިފައި ވަނީ މި ޕާޓީއާއި މިޕާޓީގެ ވެރިކަމަކާ އެވެ،" ބަޔާނުގައިވެ އެވެ.