Advertisement

މަޝްހޫރު "ވާވު ޝިޕްރެކް" ހިމާޔަތްކޮށް ތަރައްގީކުރާނެ ފަރާތެއް ހޯދަނީ

17 ނޮވެންބަރު 2021 - 13:17 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ވާވު އަތޮޅު ކެޔޮދޫ ކައިރިން އޮންނަ ޝިޕްރެކް. އެ ޝިޕްރެކަކީ ބެލެވިފައިވާ ގޮތުގައި އިންޑޮނޭޝިއާއަށް ނިސްބަތްވާ ބޯޓެއް-- ފޮޓޯ: ވިޒިޓް މޯލްޑިވްސް.


މަޝްހޫރު "ވާވު ޝިޕްރެކް" ހިމާޔަތްކޮށް ތަރައްގީކުރާނެ ފަރާތެއް ހޯދަނީ

17 ނޮވެންބަރު 2021 - 13:17 0

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޝިޕްރެކްކަމުގައިވާ ވާވު އަތޮޅުގައި އޮންނަ "ވާވު ޝިޕްރެކް" ސަރަހައްދު ހިމާޔަތްކޮށް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

އެ ޝިޕްރެކްގެ އިހުތިސޯސް އޮންނަ ވާވު އަތޮޅު ކައުންސިލުން އިއްޔެ ވަނީ ޝިޕްރެކް އޮންނަ ސަރަހައްދު ހިމާޔަތްކޮށް، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަވާނޭ ގޮތަށް އެ ސަރަހައްދު ތަރައްގީކުރަން ބީލަމެއް އިއުލާނުކޮށްފަ އެވެ.

އެ މަސައްކަތުގެ ދަށުން އެ ޝިޕްރެކް އޮންނަ ސަރަހައްދު ހިމާޔަތްކޮށް ތަރައްގީކޮށްދޭން އެދި ހުށަހަޅާ ފަރާތުން އެ މަސައްކަތުގެ ކޮންސެޕްޓެއްގެ އިތުރުން މަސައްކަތާ ގުޅޭ ތަފްސީލީ ކުރެހުންތައް ވެސް ތައްޔާރުކޮށްދޭންވާނެ ކަމަށް އިއުލާނުގައި ބުނެ އެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަތޮޅު ކައުންސިލް އިދާރާގެ ޕްރޮޖެކްޓްސް ސެކްޝަން މެދުވެރިކޮށް މައުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުމަށް އިއުލާންގައި ވަނީ އިރުޝާދު ދީފަ އެވެ.

ބީލަން ރެޖިސްޓްރީކޮށް މައުލޫމާތު ސާފުކުރުމަށް ކައުންސިލުން އަންނަ އަންގާރަ ދުވަހުގެ 13:00 ގައި ޒޫމް މެދުވެރިކޮށް ސެޝަނެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ސެޝަނަށް ރެޖިސްޓްރީވުމަށް ކައުންްސިލް އިދާރާގެ ފޯނު ނަންބަރު 6700502 ނުވަތަ ވައިބާ މެދުވެރިކޮށް 7949275 އަށް މެސެޖްކުރުމުން ނަން ނޯޓް ކުރުމާއި ސެޝަންގެ ލިންކް ފޮނުވައިދޭނެކަމަށް ކައުންސިލްގެ އިއުލާނުގައި ބުނެ އެވެ. ނަން ނޯޓުކުރުމަށް އޮތް އެންމެ ފަހު ވަގުތަކީ އަންގާރަ ދުވަހުގެ 10:00 އެވެ.

އިއުލާނުގައި ވަނީ ޑިސެމްބަރު ފަސް ވަނަ ދުވަހު ކައުންސިލް އިދާރާ މެދުވެރިކޮށް އަގު ހުށަހެޅުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށް ވެސް ބުނެފަ އެވެ.

ވާވު ޝިޕްރެކްއަކީ ބެލެވިފައިވާ ގޮތުގައި މީގެ އަހަރުތަކެއް ކުރިން އެ އަތޮޅަށް އޮޔާއެކު އައި އިންޑޮނޭޝިއާއަށް ނިސްބަތްވާ ބޯޓެކެވެ. ކެޔޮދޫ ކައިރިން އޮންނަ އެ ޝިޕްރެކްއަކީ މުޅި ރާއްޖެއިން ވެސް އެންމެ ނަން މަޝްހޫރު އެއް ޝިޕްރެކެވެ.