Advertisement

ބަންގްލަދޭޝް ކަޓުވާލައި ލަންކާ ފައިނަލުގެ ފަހު ޖާގަ ހޯދައިފި

16 ނޮވެންބަރު 2021 - 22:29 0


ބަންގްލަދޭޝް ކަޓުވާލައި ލަންކާ ފައިނަލުގެ ފަހު ޖާގަ ހޯދައިފި

16 ނޮވެންބަރު 2021 - 22:29 0

ފޯ ނޭޝަންސް ކަޕްގައި މިރޭ ބަންގްލަދޭޝް އަތުން 2-1 އިން މޮޅުވެ ސްރީ ލަންކާ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

މިއަދު ހަވީރު ރާއްޖެ އަތުން ޕޮއިންޓެއް ހޯދައި ސީޝެލްސް ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ޔަގީންކޮށްފަ އެވެ. މިރޭގެ މެޗަށް ނުކުތްއިރު، ބަންގްލަދޭޝަށް ފައިނަލަށް ދިއުމުގެ ފަސޭހަ މަގެއް އޮތެވެ. އެއީ ލަންކާއާ އެއްވަރު ކޮށްލައިގެންނެވެ. ލަންކާ އަށް ފައިނަލުގެ ފުރުސަތު ހޯދެން އޮތީ ބަންގްލަދޭޝް ބަލިކޮށްގެންނެވެ. ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް ލަންކާ އިން މި ވަނީ ބަންގްލަދޭޝް ބަލިކޮށްފަ އެވެ. މިއީ ލަންކާގެ ކޯޗު އާމިރް އަލަގިޗަށް އެ ޓީމާ އެކު ލިބުނު ފުރަތަމަ މޮޅެވެ.

ފައިނަލުގައި މުބާރާތުގެ ހޯސްޓް، ލަންކާ އާއި ސީޝެލްސް ކުޅޭނީ އަންނަ ހުކުރު ދުވަހުގެރޭގަ އެވެ. ލީގު ބުރުގައި ސީޝެލްސް އިން ވަނީ 1-0 އިން ލަންކާ ބަލިކޮށްފަ އެވެ.

މިއީ 2019 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން މެޗެެއްގައި މަކާއު އަތުން 3-0 އިން މޮޅުވި ފަހުން ލަންކާ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކުޅުނު 18 މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. ލަންކާ އިން ވަނީ ކޮލަމްބޯގައި މިހާތަނަށް ބަންގްލަދޭޝާ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ.

ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ލަންކާ އިން ދިޔައީ ހަލުވި ދުވެލީގައި ކުޅެ، ބަންގްލަދޭޝް ހާފުގެ ތެެރެއިން ލިބޭ ފުރުސަތުތަކުގައި އެޓޭކްކުރެވޭތޯ ބަލަމުންނެވެ.

ލަންކާގެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިރޭގެ މެޗުގެ 24 ވަނަ މިނިޓްގައި ލަންކާ އިން ވަނީ ލީޑުނަަގައިފަ އެވެ. އޭރިއާބޭރުން ލަންކާގެ ކަވިންދޫ އިޝާން ޖެހި ބޯޅަ ބަންގްލަދޭޝްގެ ކީޕަރު އަނީސުއްރަހްމާން ޒީކޯ އަތުގައި ޖެހިފައި ނުކުތްއިރު، ގޯލު ކުރިމަތީގައި ހުރި ވަސީމް ރަޒީކް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި މުބާރާތުގައި އޭނާގެ ފަސް ވަނަ ގޯލު ޖަހައިފަ އެވެ.

ލަންކާ އިން ލީޑުނެގިތާ މާގިނައިރެއް ނުވެ ބަންގްލަދޭޝަށް ނަތީޖާ ހަމަހަމަކޮށްދޭން ރަނުގެ ފުރުސަތެއް ލިބުނެވެ. ކޯނަރެއްގައި އޭރިއާތެރެއިން ބަންގްލަދޭޝްގެ ފޯވާޑް ސުމަން ރެޒާ ބޮލުން ޖެހި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ލަންކާގެ ގޯލު ރޮނގުމަތިން އެޓީމުގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް ވަނީ އަތުން މަތަކޮށްފަ އެވެ. ގޯލަށް ވަންނަން ދިޔަ ބޯޅައެއް އަތުން ހުއްޓުވުމުން ޑަކްސަން އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.

ޕެނަލްޓީގައި ބަންގްލަދޭޝްގެ އިތުބާރު ޑިފެންޑަރު ޓޯޕޫ ބަރްމަން ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެެވެ. އެންމެ ފަހުން މެޗުގައި ޓޯޕޫ ޖެހި ޕެނަލްޓީ ރާއްޖެ ކޮޅަށް ކާމިޔާބު ކުރި ނަމަވެސް މި މެޗުގައި ވަނީ ނާކާމިޔާބުވެފަ އެވެ.

ލަންކާގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ފުރަތަަަމަ ހާފު ނިމުމުގެ ކުރިން ބަންގްލަދޭޝް އިން ނަތީޖާ ހަމަހަމަކުރެވޭތޯ ބެލި އެވެ. އެކަމަކު، ފުލުފުލުގައި ބަންގްލަދޭޝް އިން ފޮނުވާލި ދެ ހަމަލާއެއް ލަންކާގެ ކެޕްޓަން އަދި ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފް ފެށިގެން ބަންގްލަދޭޝް އިން ލަންކާ ހާފު ތެރޭގައި ގިނަ ވަގުތު ކުޅެ، ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރި އެވެ. އޭގެ ތެރެއިން ފުރުސަތެއްގައި ބަންގްލަދޭޝްގެ މުހައްމަދު އިބްރާހިމް ޖެހި ބޯޅައެއް ލަންކާގެ ޑިފެންޑަރު ހަރްޝާ ފެނާންޑޯ ވަނީ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ. އޭގެ ފަހުން ބަންގްލަދޭޝްގެ މަހުބޫބު ރަހްމާން ޖެހި ބޯޅައެއް ލަންކާ ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ.

ބަންގްލަދޭޝް އިން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 72 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅަ މުހައްމަދު އިބްރާހިމް ވަނީ ވެއްޓިގެންފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ ފަހުން ބަންގްލަދޭޝް އިން ލީޑުނަގަން ފޮނުވާލި ބޯޅައެއް ލަންކާ ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ. ދެ ވަަނަ ގޯލެއް ޖަހަން ބަންގްލަދޭޝަށް ލިބުނު ފުރުސަތުތައް ނަގާލިއިރު، ލަންކާ އިން ވަނީ އޭގެ ފައިދާނަގައިފަ އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ލަންކާ މޮޅުވި ގޯލު ޖެހީ މެޗުގެ 89 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ވަސީމް އެވެ. މިއީ ބަންގްލަދޭޝްގެ ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. އެ ގޯލު ޖެހުމަށް ފަހު ލަންކާ އިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.