މިދިޔަ މަހުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން .-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި މިރޭ ސްރީ ލަންކާ އިން އަމިއްލަ ސަޕޯޓަރުން ދޭ ހިތްވަރުގެ ބޭނުންހިފައިގެން ކޮންމެ ގޮތެއް ހަދާފައި ވިޔަސް ބަންގްލަދޭޝް ބަލިކުރަން ޖެހޭ ކަމަށް ލަންކާގެ ކޯޗު ބޮސްނިއާގެ އާމިރް އަލަގިޗް ބުނެފި އެވެ.
ފޯ ނޭޝަންސް ކަޕްގެ ލީގު ބުރުގެ ފަހު ދެ މެޗު މިއަދު ކުޅޭނެ އެވެ. އެއް ވަަނައިގައި އޮތް ބަންގްލަދޭޝާއި ދެ ވަނައިގައި އޮތް ސީޝެލްސް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރާއްޖެ އާއި ހަތަރު ވަނައިގައި އޮތް ލަންކާ އަށް ދެ މެޗުން ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
ކޮންމެ ޓީމަކަށް ވެސް ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. ލަންކާ އާއި ރާއްޖެ އަށް ފައިނަލުގެ ޖާގަ ލިބޭނީ މޮޅުވެގެންނެވެ. ސީޝެލްސް އާއި ބަންގްލަދޭޝް އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވޭނެ އެވެ.
ލަންކާ އިން ފުރަތަމަ މެޗުގެ ފަހު 25 ވަރަކަށް މިނިޓް ތެރޭ ހަތަރު ގޯލު ޖަހައިގެން ރާއްޖެއާ 4-4 އިން އެއްވަރުކޮށް ވަރުގަދަ ރޫހެއްގައި ދެ ވަނަ މެޗަށް ނުކުތް ކަމުގައި ވިޔަސް ސީޝެލްސް އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ.
ބަންގްލަދޭޝާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލަންކާގެ ކޯޗު އަލަގިޗް ބުނީ ސީޝެލްސް މެޗުން ވީ ގޮތުން އޭނާ ހުރީ ވަރަށް ދެރަވެފައި ކަމަށެވެ. އެ މެޗުގެ ފުރަތަމަ 20 މިނިޓްގައި ލަންކާ އިން ރަނގަޅަށް ބޭނުންވި ފުޓްބޯޅަ ކުޅުނު ކަމަށާއި އެހެން ނަމަވެސް ދެން ފެނުނީ އާންމުކޮށް ތަކުރާރުވާ އެއް ލެވަލެއްގައި ނުކުޅެވޭ މައްސަލަ ކަމަށެވެ.
"35 ދުވަހުން މި ކުޅެނީ ހަ އިންޓަނޭޝަނަލް މެޗު. މިއީ ކުރިން ވެފައި އޮތް ކަމެއް ނޫން. މި ދަނޑު ވެސް އުނދަގޫ. ފިޓްނަސް ވެސް އެއީ މައްސަލައެއް. މިއީ އިންޖަރީއެއް ނޫން، ވަރުބަލިކަން. މި މެޗުން މޮޅުވާން ޖެހޭ މުބާރާތުގައި ދެމި އޮންނަން ވެއްޖިއްޔާ. މޮޅެއް ހޯދުން އެންމެ މުހިއްމީ،" އަަލަގިޗް ބުންޏެވެ.
"ނަތީޖާ ނެރެން ޖެހޭ މެޗެއްގައި އެކަން ހާސިލްކުރުން މިއީ އަހަރެމެންނަށް ވަރަށް ގިނަ އަހަރުތަކެއް ވަންދެން ނުވެ އޮތް ކަމެއް. މިދިޔަ 20 ވަރަކަށް އަހަރު ނުވެ އޮތް ކަމެއް ބަދަލުކުރަން މި ނުުކުންނަނީ،"
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަލަގިޗް.-- ފޮޓޯ: ސްރީ ލަންކާ ފުޓްބޯލް
އަލަގިޗް ބުނީ މިއީ ލަންކާ ފުޓްބޯޅަ އާއި އެ ގައުމުގެ ސިއްހީ ހާލަތަށް ބެލިޔަސް އުނދަގޫ ދަނޑިވަޅެއް ކަމަށެެވެ. އަދި މި ފަދަ ވަގުތެއްގައި ލަންކާ އިން ފުޓްބޯޅައިގައި ކާމިޔާބު ހޯދައިފިނަމަ އެއީ މުޅި ގައުމަށް ލިބޭނެ އުފާވެރިކަމަކަށް ވާނެ ކަމަށް އަލަގިޗް ބުންޏެވެ.
ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރަމުން އަންނަ އަލަގިޗް އަންނަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ތަކުރާރުކޮށް އެއް ވާހަކަތަކެއް ދައްކަމުންނެވެ. ލަންކާގައި ވަސީލަތްތައް ނެތް ވާހަކަ އާއި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިން ނެތުމުން އެހެން ގައުމުތަކުގައި ތިބި ލަންކާ އަށް ކުޅެވޭ ކުޅުންތެރިން ގެނެސްގެން ޕާސްޕޯޓް ދީ ގައުމީ ޓީމަށް ކުޅުވުމުގެ ވާހަކަ ތަކެވެ.
ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރު މުއްދަތަކަށް ކޯޗުކޮށްދިން އަލަގިޗް ހަވާލުވި ފަހުން ލަންކާ އިން ހަތް މެޗު ކުޅުނުއިރު އަދި މޮޅެއް ނުލިބެ އެވެ. އަލަގިޗްގެ 25 އަހަރުވީ ކޯޗިން ކެރިއަރުގައި 22 އަށް ވުރެ ގިނަ ޓީމަށް އޭނާ ކޯޗުކޮށްދިނެވެ. އޭގެއިން ކޮންމެ ޓީމެއްގައި ވެސް އޭނާ އަށް ގިނަވެގެން މަގާމު ދެމެހެއްޓުނީ އެއް އަހަރާއި އެއް މަސް ދުވަހު އެވެ.
މި ފަހަރުގެ މުބާރާތަށް ފަހު ލަންކާގެ ކޯޗުގެ މަގާމާއި ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް އަލަގިޗަށް ގެއްލޭނެ ކަމަށް ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
"ދެން މި ޓީމާ ކޮންމެ ކޯޗެއް ހަވާލުވިޔަސް ލަންކާ ފުޓްބޯޅަ ކުރިއަށް ގެންދެވޭ ވަރަށް މެޗުތައް ކުޅެން އެބަޖެހޭ. އިންޓަނޭޝަނަލް ފުޓްބޯޅައިގައި ކުރިއަށް ދެވޭނީ މެޗުތަކެއް ކުޅެގެން،" އަލަގިޗް ބުންޏެވެ.
ލަންކާގެ ކެޕްޓަން އަދި ގޯލްކީޕަރު ސުޖަން ޕެރޭރާ ބުނީ ބަންގްލަދޭޝް އަކީ އަބަދުވެސް ވަރަށް އުނދަގޫ ޓީމެއް ކަމަށެވެ. އެކަމަކު، ފޯކަސް ކޮށްގެން ބަންގްލަދޭޝްގެ ބަލިފައިތަކުގެ ފައިދާނަގަން ލަންކާ އިން މަސައްކަތް ކޮށްފިނަމަ މެޗުން މޮޅުވެވޭނެ ކަމަށް ސުޖަން ގަބޫލުކުރެ އެވެ.
ބަންގްލަދޭޝްގެ ކޯޗު ޕޯޗުގަލްގެ މާރިއޯ ލެމޯސް ބުނީ ދެ މެޗު މެދުތެރޭގައި މި ކަހަަލަ މުބާރާތެއްގައި އެންމެ ރަނގަޅަށް ކުރަން ޖެހޭނެ ކަމަކީ ރިކަވަރީ ކަމަށެވެ. މުބާރާތުގެ ކުރިން ވެސް ލެމޯސް ފާހަގަކުރި ކަމަކީ ކޮންމެ މެޗެއް ވެސް އެއީ ތަފާތު މެޗެއް ކަމަށެވެ. އަދި އިދިކޮޅަށް ނުކުންނަ ޓީމު ކުޅޭ ކުޅުމަށް ބަލައި ވާން ޖެހޭ ތައްޔާރީ ރަނގަޅަށް ކުރިއަށް ގެންދަން ޖެހޭކަމަށް ލެމޯސް ބުންޏެވެ.
"އަހަަރެމެން އަތުގައި ކޮންޓްރޯލް މި އޮތީ، އަހަރެމެން މި ތައްޔާރުވަނީ މެޗުން މޮޅުވާން،" ލެމޯސް ބުންޏެވެ.
ލެމޯސް ބުނީ މި މެޗަށް ނުކުންނައިރު ލަންކާ އަށް ވަރަށް ސާފުކޮށް އެނގެން އޮތް ކަމަކީ އެ ޓީމު މޮޅުވެއްޖެނަމަ ފައިނަލުގައި ކުޅެވޭނެކަން ކަމަށެވެ. އެހެންވެ، އެ މީހުންގެ އެ ނޫން ފޯކަސް އެއް ނުހުންނާނެ ކަމަށް ލެމޯސް ބުނެފައިވެ އެވެ.
"ލަންކާ އިން ފުރަތަމަ ދެ މެޗުގައި ރަނގަޅަށް ނުކުޅުނަސް އެ މީހުންނަށް އެނގޭނެ އެ މީހުން އަހަރެމެން އަތުން މޮޅުވެއްޖިއްޔާ އެ މީހުން އެ އޮތީ ފައިނަލުގައި ކަން. އެ ހިސާބުން އެއްވެސް މީހަކު މާ ބޮޑަށް ހަނދާން ކުރަން ބޭނުމެއް ނުވާނެ ފުރަތަމަ ދެ މެޗު މަތިން،" ލެމޯސް ބުންޏެވެ.
"ލަންކާ އިން މޮޅުވާނީ ރިސްކު ނަަގައިގެން. އެ މީހުން ރިސްކު ނަގައިފިއްޔާ އޭގެ އަހަރެމެންނަށް ބޭނުން ހިފޭނެ ގޮތްތަކެއް ވެސް އޮންނާނެ،"
ބަންގްލަދޭޝް ފުރަތަމަ މެޗުން ސީޝެލްސްއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުން 2-1 އިން ރާއްޖެ އަތުން މޮޅުވިއިރު، މިއީ މިދިޔަ 18 އަހަރު ތެރޭގައި ރާއްޖޭގެ މައްޗަށަް ބަންގްލަދޭޝް އިން ހޯދި ފުރަަތަމަ މޮޅެވެ.
ބަންގްލަދޭޝްގެ ކޯޗު ލެމޯސް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ.-- ފޮޓޯ: ލަންކާ ފުޓްބޯލް
މި މުބާރާތުގައި މިހާތަނަށް ބަންގްލަދޭޝް އިން ދައްކާ ރަނގަޅު ކުޅުމުގެ ސިއްރަކީ ކޮބައިތޯ އެ ގައުމުގެ ނޫސްވެރިއަކު އެހުމުން ލެމޯސް ބުނީ އެ ޓީމު މި މުބާރާތަށް އައީ ކޮންމެ ހާލަތެއް އޮތް ކަމުގައި ވިޔަސް ޝަކުވާނުކޮށް ފުޓްބޯޅަ ކުޅެން ކަމަށެވެ.
"ކޮންމެ މެޗެއްގައި ވެސް މޮޅުވާން އަހަރެމެން ބޭނުމީ. އަހަންނަށް އިތުބާރު ކޮށްގެން އެ މީހުން (ކުޅުންތެރިން) ކުޅެންޏާ އެ މީހުންނަށް ކޮންމެ މެޗެއްގައި ވެސް މޮޅުވެވޭނެ. ކަމެއް ގޯސްވެއްޖިއްޔާ ޒިންމާ ނަގަން އެންމެ ފުރަތަމަ ހުންނާނީ އަހަރެން. އަހަރެން އުފަލުން މި ވަގުތު މި ހުރީ. އެކަމަކު މި އުފާ އިތުރުކުރަން ބޭނުމީ ފައިނަލަށް ގޮސް މި ކާމިޔާބު ކޮށްގެން،" ލެމޯސް ބުންޏެވެ.
މި ފަހަރުގެ ފޯ ނޭޝަންސް ކަޕް ފެށުމުގެ 10 ވަރަކަށް ދުވަސް ކުރިން ބަންގްލަދޭޝް ޓީމު ލެމޯސްއާ ހަވާލުކުރީ މި މުބާރާތަށް އެކަންޏެވެ. މިހާތަނަށް ބަންގްލަދޭޝް ކޯޗުގައި ހުރެ ލެމޯސް ވަނީ ރާއްޖެއާ ދެކޮޅަށް 18 އަހަރުވީ ތާރީހެއް ބަދަލުކޮށްފަ އެވެ. ލަންކާގެ ފަސްގަނޑުގައި އެ ޓީމު އަތުން ބަންގްލަދޭޝަށް މިހާތަނަށް މޮޅެއް ނުލިބެ އެވެ. ލެމޯސްއާ ނޫސްވެރިއަކު ކުރި ސުވާލަކީ އެކަން ބަދަލުކުރެވިދާނެތޯ އެވެ.
"ތި ގޮތަށް ދޭ މައުލޫމާތުން އަހަރެންގެ މޯޓިވޭޝަން ވަނީ ރަނގަޅު. ރާއްޖެ މެޗުގެ ކުރިން މީޑިއާ އިން ބުނީ 18 އަހަރު ވެއްޖެއޭ ރާއްޖެ އަތުން މޮޅުނުވާތަން. އަހަރެން ނެގީ އެއީ ޕޮޒިޓިވް ޗެލެންޖެއްގެ ގޮތުގައި. އަނެއްކާ މީޑިއާ އިން ތި ބުނަނީ ކޮލަމްބޯގައި އަހަރެެމެން ލަންކާ އަތުން މޮޅެއް ނުހޯދައޭ. ދެން މިހާރު އުއްމީދަކީ އެކަން ކުރުން،" ލެމޯސް ބުންޏެވެ.
ބަންގްލަދޭޝް އިން ކޮލަމްބޯގައި 2008 ވަަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ލަންކާ އަތުން ބަލިވީ 1-0 އިންނެވެ. އަދި 2010 ވަނަ އަހަރު ކޮލަމްބޯގައި ކުރިއަށްދިޔަ އޭއެފްސީ ޗެލެންޖް ކަޕްގައި ލަންކާ އިން ވަނީ 3-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.
އޭގެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ލަންކާ އަށް ހޯދުނީ އެންމެ މޮޅެކެވެ. ބަންގްލަދޭޝް އިން ވަނީ ހަތަރު މެޗުން މޮޅުވެފަ އެވެ. އޭގެ ތެރޭގައި މިދިޔަ މަހުގެ ސާފް ޗެމްޕިއަންޝިޕްގައި 1-0 އިން މޮޅުވި މެޗު ހިމެެނެ އެވެ.
ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ބުނީ ލަންކާ ޓީމުން އެންމެ އުނދަގޫވާނީ ވަސީމް ރަޒީކް އާއި ޑިލޯން ޑި ސިލްވާ ހިފެހެއްޓުމަށް ކަމަށެވެ. އަދި މި މެޗުން ލަންކާ ބަލިކޮށް ބަންގްލަދޭޝްގެ އާބާދީ، 170 މިލިއަން މީހުން އުފާކޮށްދެވޭ ވަރުގެ ކާމިޔާބެއް ހޯދަން ފައިނަލަށް ދާން ބޭނުންވާ ކަމަށް ޖަމާލް ވަނީ ބުނެފަ އެވެ.
ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި މިރޭ ލަންކާ އާއި ބަންގްލަދޭޝް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 20:30 ގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment