Advertisement

ބަހްރޭން ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ފަސް ކުޅުންތެރިން ވާދަކުރަނީ

16 ނޮވެންބަރު 2021 - 07:27 1


ބަހްރޭން ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ފަސް ކުޅުންތެރިން ވާދަކުރަނީ

16 ނޮވެންބަރު 2021 - 07:27 1

ބަހްރޭނުގައި މާދަމާ ފަށާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ރާއްޖޭގެ ފަސް ކުޅުންތެރިއަކު ވާދަކުރާނެ އެެވެ.

މާދަމާ އިން ފެށިގެން ހަަތަރު ދުވަހުގެ މުއްދަތަށް ބަހްރޭނުގެ މަނަމާގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ފަރާތުން ވާދަކުރަނީ ގައުމީ ޗެމްޕިއަންކަން ދިފާއުކުރި ފާތިމަތު ނަބާހާ އާއި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައިވާ އައިމިނަތު ނަބީހާގެ އިތުރުން ޒުވާން ތަރި، ނިބާލް އަހުމަދު އެވެ.

ރިވައިވަލް ސްޕޯޓްސްގެ ނަމުގައި ބަހްރޭން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ ގައުމީ ޗެމްޕިއަންކަން ދާދި ފަހުން ހޯދި އަހުމަދު ތޯއިފް މުހައްމަދާއި ކުރީގެ ޗެމްޕިއަނެއް ކަމަށްވާ ޒަޔާން ޒަކީ އެވެ.

ބަހްރޭން މުބާރާތުގައި ވާދަކުރާ ކުޅުންތެރިން އިއްޔެ ވަނީ އެ ގައުމަށް ގޮސްފަ އެވެ.

މިއީ 2019 ވަނަ އަހަރަށް ފަހު ރާއްޖޭން ބޭރުގެ ބެޑްމިންޓަން މުބާރާތެއްގައި ގިނަ އަދަދެއްގެ ދިވެހި ކުޅުންތެރިން ވާދަކުރާ ފުރަތަމަ ފަހަރެވެ.

ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ރާއްޖޭގެ ކުޅުންތެރިއަކު މިދިޔަ ދޮޅު އަހަރެއްހާ ދުވަސް ތެރޭ ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރީ އެންމެ ފަހަރަކު އެވެ. އެއީ ޓޯކިޔޯ އޮލިމްޕިކްސް އިން ފުރުސަތު ހޯދި ނަބާހާ އެވެ.

ބަހްރޭން މުބާރާތަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އެކްރެޑިޓް މުބާރާތެކެވެ. މާނަ އަކީ މި މުބާރާތުން ކުޅުންތެރިންގެ ރޭންކިން އަށް ޕޮއިންޓް ގުނާނެ އެވެ.

ފަހަކަށް އައިސް ރާއްޖޭގެ ކުޅުންތެރިން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ގިނަ މެޑަލްތަކެއް ހޯދައިފަ އެވެ. ގައުމީ ޓީމާއި ރިވައިވަލް އިން ވަނީ ބެޑްމިންޓަނުން ރާއްޖެ އަށް ފަހުރުވެރި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ބަލައިގަންނަ މުބާރާތަކުން ވަނީ ރާއްޖެ އަށް މެޑަލް ގެނެސްދީފަ އެވެ.