މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަކޫ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގައި މިހާތަނަށް ގައުމީ ޓީމުން ނެރުނު ނަތީޖާތައް ދަށްވެފައި އޮތީ ޓީމު ތެރޭގައި މައްސަލައެއް އޮވެގެނެއް ނޫން ކަމަށާއި މި ހާލަތު ބަދަލުކުރަން ޓީމު ކުރާ މަސައްކަތުގައި އެންމެން ވެސް ނެގެޓިވް ކަންކަން ދޫކޮށްލަން ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އެދިއްޖެ އެވެ.
ފޯ ނޭޝަންސް ކަޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވަނީ ފަހު ވަގުތު ހަތަރު ގޯލުގެ ލީޑެއް ގެއްލި ލަންކާއާ 4-4 އިން އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުން ބަންގްލަދޭޝް އަތުން ރާއްޖެ ވަނީ 2-1 އިން ބަލިވެފަ އެވެ. މިއީ 18 އަހަރު ތެރޭ ބަންގްލަދޭޝްގެ ސީނިއާ ޓީމު އަތުން ރާއްޖެ ބަލިވި ފުރަތަަމަ ފަަހަރެވެ.
މީގެ އެއް މަސް ކުރިން ރާއްޖޭން ވަނީ ސާފް ޗެމްޕިއަންޝިޕްގައި ލަންކާ އާއި ބަންގްލަދޭޝް އަތުން މޮޅުވެފަ އެވެ. އެކަމަކު، މި މުބާރާތުގައި އެ ދެ ޓީމު އަތުން ވެސް މޮޅެއް ނުލިބޭތީ ގިނަ ފާޑުކިޔުންތަކެއް ޓީމަށް އަންނަނީ އަމާޒުވަމުންނެވެ. ސާފް ޗެމްޕިިއަންޝިޕްގައި ރާއްޖޭން ކުޅުނީ އަލީ ސުޒޭންގެ ކޯޗުކަމުގަ އެވެ. އެ މުބާރާތަށް ފަހު މިހާރު ހުރި އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ގައުމީ ޓީމާ ހަވާލުވީ މިދިޔަ މަހު 20 ގަ އެެވެ.
މާދަމާ ސީޝެލްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ލަންކާގެ ހިލްޓަން ހޮޓަލުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަކޫ ބުނީ އެންމެންނަށް ޓީމާ ބެހޭގޮތުން އެކި ވާހަކަތައް ދައްކަމުން އަންނަ އެންމެނަށް ސާފު ކޮށްލަދެން ބޭނުންވާ ކަމަކީ ގައުމީ ޓީމުގައި އެއްވެސް މައްސަލަތަކެއް ނުޅޭ ކަމަށެވެ.
އަކޫ ބުނީ ޓީމުގައި ކާމިޔާބު ހޯދަން ބޭނުންވާ "ކިކް" ނެތީކީއެއް ވެސް ނޫން ކަމަށާއި އާ ކޯޗަކާ އެކު މަސައްކަތް ކުރާއިރު، އެ ހުންނަ ދަތިތައް ކުޅުންތެރިންނަށް ކުރިމަތިވަނީ ކަމަށެވެ.
"މި ތަށި އަޅުގަނޑުމެންނަށް ވެސް ވަރަށް މުހިއްމު ސާފުން މި ލިބުނު ނާކާމިޔާބުން އަރައިގަންނަން އަޅުގަނޑުމެން އައީ މި ތަށި ހޯދަން. ކަން ދިމާކުރި ގޮތުން އަޅުގަނޑުމެން އެންމެން ބޭނުންވާ ނަތީޖާ ވެސް ނައިސްގެން އަޅުގަނޑުމެން ބޭނުންވާ ފުޓްބޯޅަ ވެސް ނުކުޅެވިގެން މި އުޅެނީ،" 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އަކޫ ބުންޏެވެ.
"ނެގެޓިވް ހުރިހާ ވާހަކަތަކެއް ބައިންދާލަދެއްވާށޭ ދިވެހި ސަޕޯޓަރުންނަށް ބުނެލަން އޮތީ. އެ ތަނަށް އަރާ (ދަނޑަށް އަރާ) އެއްވެސް ކުުޅުންތެރިއަކު ނާރާނެ މި ޓީމު ބަލިވާން އެދޭ. މި ޓީމުގެ މަސައްކަތް ކުރާނީ އެއްކޮށް އެއް އަމާޒެއްގައި ތަށްޓައް އަދިވެސް މި ތިބީ. އެއްވެސް މީހަކާ ދޭތެރޭ އެއްވެސް ހިތްބަރުކަމެއް ނެތް. މައްސަލައެއް ވެސް ނެތް، ކާމިޔާބަކީ މާތް ﷲ މިންވަރު ކުރައްވާ އެއްޗެއް،"
އަކޫ ބުނީ ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން އަދި އެންމެ ރަނގަޅު ކުޅުމެއް ނުފެންނަ ކަމަށެވެ. ސާފް ޗެެމްޕިއަންޝިޕްގައި ދެއްކި މޮޅު ކުޅުން ދައްކައިފިއްޔާ ފޯ ނޭޝަންސް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް އަކޫ ގަބޫލުކުރެ އެވެ.
މިދިޔަ މެޗުގައި ބަންގްލަދޭޝް އިން ރާއްޖެ ކޮޅަށް ޖެހި ދެ ގޯލުގައި ވެސް ޑިފެންޑަރުންގެ ގޯސްތައް ފެނުނެވެ. އެ ގޮތުން ބަންގްލަދޭޝް މޮޅުވީ ރާއްޖޭގެ ގޯލުކީޕަރު ނާޖިހު އަލީ (ނާޖީ) ކުރި ފައުލަކަށް ދިން ޕެނަލްޓީން ޖެހި ގޯލަކުންނެވެ. އެކަމަކު، އެ ބޯޅަ ބަންގްލަދޭޝްގެ ކައުންޓަ އެޓޭކަކަށް ބަދަލުވީ އަކޫ އަށް ހެދުނު ގޯހަކުންނެވެ. އަކޫ ބުނީ އެ ގޯލުގެ ޒިންމާ އޭނާ ފުރިހަމަ އަށް ނަގާ ކަމަށެވެ.
"ކަންދިމާކުރި ގޮތުން މިދިޔަ މެޗުގައި އަޅުގަނޑުމެންގެ ޒުވާން ކީޕަރާ ދިމާލަށް ވަރަށް ބައިވަރު ސުވާލުތަކެއް އުފައްދައިފި. އަޅުގަނޑު ބުނާނީ އެ ކޮޅަށް ވަން ގޯލުގެ ޒިންމާ އަޅުގަނޑު ނަގަން. އަޅުގަނޑުގެ ފަރާތުން އައި މިސްޓޭކެއް،" އަކޫ ބުންޏެވެ.
"ނާޖީއާ ދިމާލަށް އެއްވެސް މީޙަކު އެއްވެސް އެއްޗެއް ނުބުނާށޭ. އޭނަ އަކީ އަދި ޒުވާން ކީޕަރެކޭ އޭނަ އަދި ފައްޓައިގެން މި އުޅެނީ. އަޅުގަނޑުމެން މި އަރަނީ ހެޔޮ ހިތުުން ގައުމަށްޓަކައި މަސައްކަތް ކުރަން،"
ފޯ ނޭޝަންސް ކަޕްގެ ލީގު ބުރުގެ ފަހު ދެ މެޗަށްދާއިރު، އެއް ވަަނައިގައި އޮތް ބަންގްލަދޭޝާއި ދެ ވަނައިގައި އޮތް ސީޝެލްސް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރާއްޖެ އާއި ހަތަރު ވަނައިގައި އޮތް ލަންކާ އަށް ދެ މެޗުން ވަނީ ޕޮއިންޓެއް ލިބިފަ އެވެ. ކޮންމެ ޓީމަކަށް ވެސް ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.
ލީގު ބުރުގެ ފަހު ދެ މެޗު މާދަމާ ކުޅޭއިރު، ހަވީރު ކުޅޭނީ ސީޝެލްސް އާއި ރާއްޖެ އެވެ. ދެ ވަނަ މެޗުގައި މާދަމާރޭ ލަންކާ ކުޅޭނީ ބަންގްލަދޭޝްއާ އެވެ. ބަންގްލަދޭޝާއި ސީޝެލްސް އަށް އެ މެޗުތައް އެއްވަރުކޮށްލައިގެން ވެސް ފައިނަލުގެ ޖާގަ ލިބޭނެ އެވެ. ރާއްޖެ އާއި ލަންކާ އަށް ފައިނަލަށް ދެވޭނީ އެ މެޗުތަކުން މޮޅުވެގެންނެވެ. ހަތަރު ޓީމު ޕޮއިންޓް އެއްވަރުވެއްޖެ ހާލަތެއްގައި ބަލާނީ ލަނޑުގެ ތަފާތަށެވެ.
އަކޫ ބުނީ ސީޝެލްސްއާ ދެކޮޅަށް މާދަމާ ކުޅޭ މެޗު ވަރަށް އުނދަގޫވާނެ ކަމަށެވެ. އެ މެޗުގައި ވަރަށް ގިނަ ކަންކަން ރަނގަޅުކޮށްގެން ނޫނީ ރާއްޖެ އަށް މޮޅެއް ނުލިބޭނެ ކަމަށް އަކޫ ވަނީ ބުނެފަ އެވެ.
"އަޅުގަނޑުމެން މި ވެއްޓުނު އަޑިގަނޑުން އަރައިގަންނަން މާދަމާ މެޗަކީ ވަރަށް މުހިއްމު މެޗެއް. މޮޅުވުން ނޫން ގޮތެއް ނެތް،" އަކޫ ބުންޏެެވެ.
"ބައިވަރު ކަންތައްތައް ބަދަލުވާން ޖެހޭނެ. ކުޅުންތެރިންގެ ވިސްނުން ބަދަލުވާން ޖެހޭނެ. ދަނޑުމަތީގައި ކުރާ މަސައްކަތް ރަނގަޅުވާން ޖެހޭ އެބަ. އެ މަސައްކަތް ރަނގަޅުވެއްޖިއްޔާ މި އޮތް ޓީމަށް މިކަން ކާމިޔާބު ކުރެވޭނެ. އިންޝާﷲ އެކަން ކުރާނަން."
ރާއްޖޭން އެންމެ ފަހުން ސީޝެލްސްއާ ދެކޮޅަށް ކުޅުނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގަ އެވެ. އެ ފަހަރު ރާއްޖެ ވަނީ މުހައްމަދު އުމެއިރާއި އަހުމަދު އިމާޒް (އާއްކޮ)ގެ ދެ ގޯލާ އެކު 2-1 އިން ސީޝެލްސް ބަލިކޮށްފަ އެވެ.
ރާއްޖެ އާއި ސީޝެލްސް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ރާއްޖެ ގަޑިން 15:30 ގަ އެވެ.
.
..
Comment