މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަކުރަމް ވާހަކަދައްކަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގެ ފުރަތަަމަ މެޗުގައި ހަތަރުގެ ގޯލުގެ ލީޑެއް ގެއްލި ރާއްޖޭން ލަންކާއާ އެއްވަރުވި މެދު ހަނދާން ނައްތާލަން ލިބޭ އެންމެ ރަނގަޅު ފުރުސަތަކީ މާދަމާ ހަވީރު ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗު ކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނެފި އެވެ.
އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ، ގައުމީ ޓީމާ ހަވާލުވި ފަހުން ކުޅުނު ރަސްމީ ފުރަތަމަ މެޗުގައި ރާއްޖޭން ވަނީ 58 މިނިޓް ތެރޭ ހަތަރު ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެއީ އަކޫ، އަލީ ފާސިރު (ސެންޓޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ގޯލުތަކުންނެވެ. ލަންކާ އިން އެއްވަރުކުރީ ފަހު 25 ވަރަކަށް މިނިޓް ތެރޭ އެ ޓީމުގެ ފޯވާޑް ވަސީމް ރަޒީކް ޖެހި ހަތަރު ގޯލުންނެވެ.
ރާއްޖެ އާއި ލަންކާ 4-4 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝާއި ސީޝެލްސް އެއްވަރުވީ 1-1 އިންނެވެ. އެހެންވެ، މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އޮތީ ހަތަރު ޓީމަށް ވެސް ހުޅުވިފަ އެވެ.
މާދަމާ ބަންގްލަދޭޝާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗަށް ނުކުތުމުގެ ކުރިން މިއަދު ހިލްޓަން ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަކޫ ބުނީ ފުރަތަމަ މެޗުގައި ރާއްޖެ އަށް އެހެން ދިމާވިއިރު، ބަންގްލަދޭޝާއި ސީޝެލްސް މެޗު އެއްވަރުވުމަކީ ނަސީބެއް ކަމަށެެވެ.
އަކޫ ބުނީ ލަންކާ މެޗުގައި ހިނގާދިޔަ ކަންތައްތަކާ ބެހޭގޮތުން އެއްވެސް "އުޒުރެއް ދެއްކެން ނެތް" ކަމަށެވެ. އެ މެޗުގެ އެ ނަތީޖާ އަކީ ޓީމުގެ ފަރުވާކުޑަކަމުން ވީ ކަމެއް ކަމަށް އަކޫ ބުންޏެވެ.
"އިތުރަށް ދޭތި ތިނެތި ޖަހަން ވެސް ފުރުސަތު ލިބިފައި ދިޔައީ. އަޅުގަނޑު ބުނާނީ ވަކި މީހެއް ނޫން އަޅުގަނޑު ވެސް ހިމެނިގެން ދަނޑުމަތީގައި އެ ވަގުތު ތިބި ކުޅުންތެރިންގެ ފަރުވާ ކުޑަކަމާއި ކޮންސަންޓްރޭޝަން ގެއްލިގެން ވީ ކަމެއް،" އަކޫ ބުންޏެވެ.
"އެކަން (ލަންކާ މެޗު) ހަނދާން ނައްތާލައި ވަރަށް ވަރުގަދަ މެންޓަލިޓީއެއްގައި، ކޮންމެ މެޗަކީ އެންމެ ފަހު ސިިކުންތާ ހަމައަށް ރެފްރީގެ ކަށިގަނޑު އެޅީމަ ނިމޭ އެއްޗެއް ކަން ވިސްނަން ޖެހޭ. އެ ވަގުތާ ހަމައަށް އެބަޖެހޭ މަސައްކަތް ހިފަަހައްޓަން ކޮންމެވެސް ގޮތަކުން، ވަރުބަލިވިޔަސް ވަރުބަލި ނުވިޔަސް. އެކްސްކިއުޒެއް ދެއްކޭކަށް ނެތް،"
ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން މޮޅުވި މެޗަށް ފަހު އަކޫ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
އަކޫ ބުނީ ލަންކާ މެޗުދިޔަ ގޮތުން އެއީ ބައްޔެއްގެ ގޮތުގައި ވެސް ބުނެވިދާނެ ކަމަށެވެ. އެ މެޗު ހަނދާން ނައްތާލަން ބަންގްލަދޭޝް މެޗުގެ ބޭނުން ހިފިދާނެ ކަމަށް އަކޫ ގަބޫލުކުރެ އެވެ. ރާއްޖެ ވަނީ އެންމެ ފަހުން ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ، އޭގެ ތެރޭގައި މިދިޔަ މަހު މާލޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން 2-0 އިން މޮޅުވި މެޗު ވެސް ހިމެނެ އެވެ.
އަކޫ ދެކޭ ގޮތުގައި ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އިން އޮސްކާ ބްރުޒޮންގެ ކޯޗުކަމުގައި ކުޅުުނު ފުޓްބޯޅަ އާއި މިހާރު ހުރި ކޯޗު މާރިއޯ ލެމޯސްގެ އިރުޝާދުގެ ދަށުން ކުޅޭ ސްޓައިލުގައި ތަފާތުތަކެއް އެބަހުއްޓެވެ. އެކަމަށް ވެސް ވިސްނައިގެން ރާއްޖޭން މާދަމާ މެޗަށް ތައްޔާރުވާނީ ކުރިން ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެއްވެސް މެޗެއްގައި ހިނގާފައި އޮތް ކަމަކަށް ބަރޯސާ ނުވެ ކަމަށް އަކޫ ވަނީ ބުނެފަ އެވެ.
"މި ޓީމު 100 ޕަސެންޓް ނެރެފިއްޔާ މޮޅުވާނެ. ދަނޑުމަތީގައި ކުރާ މަސައްކަތް އޮންނާނީ. ކުރިން މެޗުތަކަށް ބަލައިގެނެއް ނޫން މި ތައްޔާރުވަނީ. މެޗުން މޮޅުވަންޏާ އެބަޖެހޭ 90 މިނިޓް ވަންދެން މަސައްކަތް ކުރަން،" އަކޫ ބުންޏެވެ.
މުބާރާތުގެ މެޗުތައް ކުޅޭ ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގެ ހާލަތާ މެދު އެއްޗެއް އެހުމުން އަކޫ ބުނީ އެއީ ރަނގަޅު ފުޓްބޯޅަ އެއް ކުޅޭ ކަމުދާ ދަނޑެކޭ އެއްވެސް މީހަކަށް ނުބުނެވޭނެ ކަމަށެވެ. އެކަމަކު، ދަނޑުގެ ހާލަތަކީ ހުރިހާ ޓީމަކަށް ހަމަހަމަކޮށް އޮތް ކަމަކަށްވާއިރު، މީގެ ޖެހޭނީ ޝަކުވާއެއް ނުކޮށް އެ ދަނޑުގައި ކުޅެން ކަމަށް އަކޫ ވަނީ ބުނެފަ އެވެ.
"އަހަރެމެންނަށް އެނގޭ އެ ދަނޑުގައި ކުޅެގެން އަހަރެމެން ވަރުބަލިވާނެކަން. ފުޓްބޯޅަ މެޗެއްގައި އަހަރެމެން މި ކުޅެނީ 90 ނޫނީ 100 ވަރަކަށް މިނިޓް އެއީ ވެސް ވަރުބަލިވާނެ ކަމެއް. އެއީ ދަނޑު ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް ވަރުބަލިވާނެ ސަބަބެއް. އަހަރެމެން، ދަނޑުގެ ޝަކުވާއެއް ނުކޮށް ބޭނުންވަނީ ކުރަން ޖެހޭ ކަންކަން ކޮށްގެން މޮޅުވާން،" އަކޫ ބުންޏެވެ.
ފޯ ނޭޝަންސް ކަޕްގައި ވާދަކުރާ ހަތަރު ޓީމަށް ބަލާއިރު، ފީފާ ރޭންކިން އިން އެންމެ ކުރީގައި އޮތް ޓީމަކީ ރާއްޖެ އެވެ. އެއީ ރާއްޖޭން މި މުބާރާތް ކާމިޔާބުކުރަން އޮތް ޕްރެޝަރެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެ ގޮތަށް ވިސްނާއިރު ބަންގްލަދޭޝް މެޗުގައި ވެސް ޕްރެޝަރު އޮތީ ރާއްޖެ އަށް ތޯ ބަންގްލަދޭޝްގެ ނޫސްވެރިއަކު އެހުމުން އަކޫ ބުނީ ކޮންމެ ލެވަލެއްގައި ކޮންމެ ޓީމެއް ކުޅުނު ކަމުގައި ވިޔަސް ފުޓްބޯޅައިގައި ކޮންމެ ޓީމަކަށް ވެސް ޕްރެޝަރެއް އޮންނާނެ ކަމަށެވެ.
ބަންގްލަދޭޝާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ލަންކާ ގަޑިން 16:00 އެވެ. އެއީ ރާއްޖެ ގަޑިން 15:30 ގަ އެެވެ. އަދި މާދަމާރޭ ލަންކާ ނުކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ.
Comment