Advertisement

ހިޔާ ކުދިންގެ މައްސަލައިގައި ފުލުހުންނަށް ދައުވާ ކުރާތީ ކަންބޮޑުވުން، ތަފުސީލު ދޭން އެދިއްޖެ

11 ނޮވެންބަރު 2021 - 20:04 0

އަމަން ހަލީމް

އަމަން ހަލީމް

ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ހިޔާ ކުދިންގެ މައްސަލައިގައި ފުލުހުންނަށް ދައުވާ ކުރާތީ ކަންބޮޑުވުން، ތަފުސީލު ދޭން އެދިއްޖެ

11 ނޮވެންބަރު 2021 - 20:04 0

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއް ގޮވައިގެން ދިޔަ ކޭމްޕެއްގައި އަނިޔާގެ އަމަލެއް ހިންގުމުގެ ތުހުމަތުވާ 13 ފުލުހެއްގެ މައްޗަށް ދައުވާ ކުރުމުން ކަންބޮޑުވުން ފާޅުކޮށް އެ މައްސަލައާ ގުޅޭ ތަފްސީލުތައް ހިއްސާކުރަން ފުލުހުން މިއަދު އެދިއްޖެ އެވެ.

މިދިޔަ ސަރުކާރުގައި ހިނގި މި މައްސަލަ ތަހުގީގުކުރުމަށް ފަހު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން 30 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިޔުޓާ ޖެނެރަލް އޮފީހަށް ފޮނުވި އެވެ.

ދައުވާކުރަން ފޮނުވި 30 މީހުންގެ ތެރޭގައި އޭރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީގެ އިތުރުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓު (އެފްސީޕީޑީ)ގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ހިމެނެ އެވެ.

އެކަމަކު ޕީޖީ އޮފީހުން ދައުވާ އުފުލީ 13 ފުލުހެއްގެ މައްޗަށެވެ. ޕީޖީ އޮފީހުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި ޕީޖީ ދައުވާ އުފުލީ މިކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ހެކި ލިބުނު މީހުންގެ މައްޗަށް އެކަނި ކަމަަށެވެ.

ޕީޖީ އޮފީހުން ދައުވާ އުފުލަށް ނިންމުމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ މި ބުނާ ކޭމްޕުގައި ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލް ކުރަން ފުލުހުން މަސައްކަތް ކުރީ ގާނޫނާ ގަވާއިދުގެ ތެރެއިން ކަމަށެވެ. އަދި އެއީ އެ ކުދިންނާއި އެހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށް ބުންޏެވެ.

"ދަތުރުގައި ބައިވެރިވި ބައެއް ކުދިން ނުކިޔަމަންތެރިކަން ދެއްކުމުން އެ ކުދިން ކޮންޓްރޯލް ކުރުމަށާއި އެ ކުދިންނާއި އެހެނިހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަމަލުކޮށްފައި ވަނީ ފުލުހުންގެ ގާނޫނާއި ގަވައިދުތަކުގެ ތެރެއިންކަން، މިހާތަނަށް ލިބިފައިވާ މައުލޫމާތުން ގަބޫލު ކުރެވެ އެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން އިތުރަށް ބުނީ އެ ކުދިންގެ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ކަމެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މީގެ ކުރިން ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

މި ކޭމްޕުތަކަކީ ރާއްޖޭގެ އެކި ރަށްރަށުގައި އެކި އުމުރުފުރާގެ ކުދިންނަށް ފުލުހުން ހިންގަމުންދާ ރެޑީ ކޭމްޕާއި ބްލޫޒް ފޯ ޔޫތް ކޭމްޕުގައި ހިމެނޭ ހަރަކާތްތައް ހިމަނައިގެން ކުރިޔަށް ގެންދިޔަ ކޭމްޕެކެވެ.

އަދި މި ކޭމްޕަކީ އެ ކުދިންނަށް ހާއްސަކޮށް ފަރުމާކޮށްގެން، ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި މަޝްވަރާކޮށް އެއްބަސްވެވުނު ގޮތަށް ހިންގާފައިވާ ކޭމްޕެއް ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

"މި ކޭމްޕަކީ އެ ކުދިންނަށް ބޭނުންތެރި، ކޭމްޕުގެ ފައިދާ މިހާރު ވެސް އެ ކުދިންނަށް ކުރަމުންދާ ކޭމްޕެއް ކަން ވެސް ހިދުމަތުން ފާހަގަކުރަން" ފުލުހުން ބުންޏެވެ.

މި ކޭމްޕު ދިޔަ ފުލުހުންގެ މައްޗަށް ދައުވާކުރަން ނިންމުމާ ގުޅިގެން ފުލުހުންގެ ކަންބޮޑުވުން ހުރިއިރު، އެޗްއާރްސީއެމްގެ ތަހުގީގުން ހޯދިފައިވާ ހޯދުންތަކާއި، މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްދޭން ފުލުހުން ވަނީ އެދިފަ އެވެ.

މި މައްސަލަ ތަހުގީގުކޮށްދޭން އެދި އެޗްއާރްސީއެމް އަށް ހުށަހެޅީ މި ސަރުކާރުން އުފެއްދި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިންނެވެ.