Advertisement

މަރީގެ ބެޑްޝީޓް ލަންކާ އިން މާލެއަށް، ފެށުނު ގޮތާއި ކާމިޔާބު ވިޔަފާރިއަކަށް ބަދަލުވި ގޮތް

13 ނޮވެންބަރު 2021 - 06:09 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

މަރިޔަމް ރިޒާ އަހުމަދު


މަރީގެ ބެޑްޝީޓް ލަންކާ އިން މާލެއަށް، ފެށުނު ގޮތާއި ކާމިޔާބު ވިޔަފާރިއަކަށް ބަދަލުވި ގޮތް

13 ނޮވެންބަރު 2021 - 06:09 0

އެކި ކުލަތަކާއި ޑިޒައިންތަކުން ބޭނުންވި ކޮންމެ ސައިޒަކަށް ވެސް މި ކުޅަދާނަ ފެހުންތެރިޔާ ތައްޔާރުކޮށް އެ ދެނީ މަޑު ކަފަކޮޅެއްހާ އަރާމު ބެޑިން ސެޓެކެވެ. އެންމެން ވެސް ދެކެފަރިތަ މޫނަކީ، އޯޑަރުތައް ނެގުމާއި އޭގެ ޑެލިވަރީގެ ކަންކަމާ ހަވާލުވެ ހުރި ހުނަރުވެރި ދަރިފުޅު ނުވަތަ މޭކަޕް އާޓިސްޓް ރީޝާ ނަސީމް (ރީޝް) އެވެ. ނަމަވެސް މި ކާމިޔާބު މަސައްކަތުގެ ހުރީ އުމުރުން 52 އަހަރުގެ މަރިޔަމް ރިޒާ އަހުމަދު އެވެ.  

ފެހުމަކީ މަރީ ބުނާ ގޮތުން އޭނާ އަބަދުވެސް އެންމެ ކުރާހިތްވާ އެއްކަމެވެ. އަމިއްލަ ހެދުމާއި ދަރިންނާ އަދި ގާތް ރަހުމަތްތެރިންނަށް ހެދުމާއި ޔުނިފޯމް ފަހައިދީ އުޅުނު ނަމަވެސް އާމްދަނީ އެއް ލިބޭހެން އަގަށް އެއްޗެހި ފެހުމަކީ މަރީ އެއްވެސް ވަރަކަށް ހިޔާލުކޮށްގެން ހުރި ކަމެއް ނޫނެވެ. 

މަރީގެ ބައެއް މަސައްކަތް ތަކުގެ ތެރެއިން--


"އަޅުގަނޑަކީ އަބަދުވެސް ފަހާ ހިތްވާ މީހެއް. އަމިއްލަ ހެދުންތަކާއި, ދަރިންގެ ހެދުމާއި ރަށްޓެހިންގެ ދަރިންގެ ޔުނިފޯމުވެސް ފަހާދެން. އަނެއްކާ ކުރާހިތްވެގެން ހަމަ މާ ޖަހަން ދަސްކުރާ ކޯސްހަދާ އެ މަސައްކަތްވެސް ކުރިން." މަރީގެ ހިތުގައި ފެހުމަށް އޮތް ފުން ލޯބި ކިޔައިދެމުން އޭނާ ބުންޏެވެ. 

މި މަސައްކަތުން އާމްދަނީ ހޯދުމުގެ ހިޔާލެއް ކުރިން ނެތަސް, މަރީގެ އެ ހިޔާލު ބަދަލުވީ ދަރިފުޅު ރީޝްގެ އުފަންދުވަހުގެ ހަދިޔާއަކަށް ފަހައިދިން ބެޑިން ސެޓްއަކަށް ލިބުނު ތަރުހީބުންނެވެ. ލަންކާގައި ދިރިއުޅެމުން އަންނަ މަރީ އާއި އޭނާގެ ދަރިފުޅު ރީޝް އެއްކޮށް ތިބެ ކުރި ފޯނުކޯލެއްގައި ކިޔައިދިން ގޮތުން މުށި ކުލައިގެ ކުޝީ މެޓީރިއަލް އިން މަރީ ފެހި އެ ބެޑްޝީޓަކީ ހުދު ދަރިފުޅަށްވެސް ސަޕްރައިޒެކެވެ. މަންމަގެ މި މަސައްކަތް ފެނި އާޝޯހުވެ، އެ ސެޓް ރީޝް އިންސްޓަގްރާމުގައި ހިއްސާކުރިއެވެ.  ސޯޅަހާހަށްވުރެ ގިނަ ފޮލޯވަރުން ތިބި އެ ޕޭޖަށް އަންނަންފެށީ މޭކަޕް އެޕޮއިންޓްމަންޓްތަކާއި ރިކުއެސްޓެއް ނޫނެވެ. ބެޑިން އޯޑަރެވެ.  

"އަޅުގަނޑު ދަރިފުޅު އުފަން ދުވަހަށް ހަދައިދިން ބެޑް ސެޓެއް އެއީ. އެ މަންޖެ އެނދުގައި އަޅާފައި އޮތްތަން ރައްޓެހި ކުދިންނަށް ފެނިގެން ދަރިފުޅު ބުނެފި މަންމަ ވަރަށް ފަހާ ހިތްވާ މީހެއް ނޫންހޭ. ދެން މަންމަ މި މަސައްކަތް ކުރަންވީ ނޫންހޭ. އެހެންވެގެން ފެށުނު މަސައްކަތެއް މިއީ،" މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ފެށި މި މަސައްކަތާއި ބެހޭ ގޮތުން މަރީ ބުންޏެވެ. 

"މަރީސް ބެޑް ކަވާ"ގެ ނަމުގައި ފެށި މި މަސައްކަތަށް އަހަރެއްހާ ދުވަސްތެރޭ ހީވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް މިވަނީ ލިބިފަ އެވެ. "ކުޝީ" މެޓީރިއަލް ބޭނުންކޮށްގެން ތަފާތު އެކި ޑިޒައިން ތަކުން ބެޑިން ކަވަރުތައް ހަދައި ފޮޓޯތައް އަޕްލޯޑް ކުރުމާއެކު އެ ޑިޒައިނަކަށް އެކި ކަސްޓަމަރުން އޯޑަރު ކުރަން ފަށަ އެވެ. އަދި އެ ވަގުތަކު ލިބެން ހުރި އެކި ކުލަތައް ބަލައި އިހްތިޔާރު ކުރުމުން، ބޭނުންވާ ސައިޒަކަށް ކަވަރުތައް ކަސްޓަމައިޒް ކޮށްދެވެ އެވެ. 

މަރީގެ ބައެއް މަސައްކަތް ތަކުގެ ތެރެއިން--


މަރީގެ ބެޑް ކަވަރުތަކުގެ ތެރޭގައި ފާހަގަކޮށްލެވެނީ ހަމައެކަނި ބޮޑެތި މީހުންގެ ސެޓުތަކެއް ނޫނެވެ. ކުޑަކުދިންގެ އެނދުތަކަށްވެސް އެކި ފަރުމާތަކުގެ ކުޝީ މެޓީރިއަލް އިން ބެޑިން ސެޓް ތައްޔާރުކޮށްދެ އެވެ.

"ފުރަތަމަ ފެށި އިރު އަސްލު އެހެން މެޓީރިއަލް ތަކެއްވެސް ގެންގުޅުނިން. ކޮޓަންވެސް އޭރު ހުންނާނެ. އެކަމަކު އެ އެއްޗެހިން ހެދީމަ ތަންކޮޅެއް އާދައިގެ ހެން ހީވާތީ ފަހުން ހަމަ ހާއްސަ މިވީ ހަމައެކަނި ކުޝީ މެޓީރިއަލް އަށް. މިއީ ކަފަ ގޮތަށް ހުންނަ ސްޓްރެޗްވާ މެޓީރިއަލް އެއް. އާންމު ކޮޓަންއަށްވުރެ މާ އަރާމުވާނެ ދެން އަދި އަޅަންވެސް ފަސޭހަވެފައި ރީތިވާނެ،" މަރީގެ ދަރިފުޅު ރީޝް ބުންޏެވެ. 

ތެދެކެވެ. ކުޝީ ބެޑިންއަކުން ކޮޓަރިއަށް ގެނެސްދޭ ހައިބަތު އިތުރުވެ، ފުރިހަމަ އެވެ. އޮށޯވެލަން އަރާމުވެ، ލިބޭ ހިތްހަމަޖެހުން ބޮޑެވެ.

ލަންކާއިން ހޯދާ މި މެޓީރިއަލްގައި ބެޑިންތައް ފަހާއިރު, ކަސްޓަމަރުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފަސޭހައިން ގޭގައި ދޮވެލެވޭ މެޓީރިއަލް އަކަށް ވުމެވެ.

މަރީގެ ބްރައިޑަލް ކަލްކްޝަންގެ ޑިޒައިނެއް--


ޝިޕިންގެ ހަރަދުތައް ކުޑަކޮށް ލޮޖިސްޓިކްސް ފަސޭހަ ކުރުމުގެ ގޮތުން ވަކިވަކި އޯޑަރުތައް ނެގުމުގެ ބަދަލުގައި މަރީ ތައްޔާރުކުރަނީ ކޮންމެ ހަފްތާއަކަށްވެސް އެއް ޝިޕްމަންޓެވެ. އޯޑަރުތައް އަންނަވަރަކަށް ޝިޕްމަންޓްތަކަށް ތާރީހުތައް ކަނޑައަޅާއިރު, މަރީގެ ރަސްމީ ސްޕީޑުގައި ދުވާލަކު ބޮޑު ދެ ބެޑް ސެޓްވެސް ނިންމާލެވޭ ކަމަށް ރީޝް ބުންޏެވެ. ލަންކާގައި ހުރެ މި މަސައްކަތް ކުރުމަކީ އިތުރު ހަރަދުތަކެއްވެސް ހިނގާކަމެއްކަމުން ވަކިވަކި އެއްޗެހީގެ އޯޑަރުތައް ނެގުމުގެ ބަދަލުގައި މަރީ ނަގަނީ ވަކި ޕެކޭޖުތަކަކަށް ބަހާލައިގެންނެވެ. އެއީ ފުލް ބެޑިން ސެޓް, ހަމައެކަނި ޑުވެޓް ކަވަރުނަމަ އެއް ކަވަރަށްވުރެ އިތުރަށް, ނުވަތަ ޑުވެޓް ކަވަރާއި ބާލިސް އުރަ އެވެ.

މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުން އެންމެ ގިނަ ބަޔަކަށް ކަމުދާ އަދި މަރީގެ ސިގްނޭޗާ ބެޑިން ސެޓްއަކީ "ސްނޯވައިޓް" ބެޑިން ސެޓް އެވެ. އަދި ބްރައިޑަލް ކަލެކްޝަންގެ ނަމުގައި އޭނާ ތައްޔާރުކޮށްފައިވާ ހާއްސަ ފަރުމާއަށްވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. 

މަރީ ފަހަނީ--


މަރީ ބުނާ ގޮތުން މި މަސައްކަތުގައި އޭނާގެ އާއިލާގެ ފަރާތުން ބޮޑު ސަޕޯޓަކާއި ހިތްވަރެއް ލިބެ އެވެ. ހާއްސަކޮށް އޭނާގެ މަސައްކަތުގައި އަތްގާތް ކޮށްދީ, އަދި މާކެޓް ކުރުމާއި އޯޑަރުތައް ނެގުމުގައި މިވަގުތު ކައިރީގައި ހުރި ދަރިފުޅު ރީޝްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެ އެވެ. 

މަރީ އޭނާގެ ހަތަރު ދަރިންނާ އެކު ލަންކާ އަށް ބަދަލުވިތާ މިހާރު 15 ވަރަކަށް އަހަރު ވެދާނެ އެވެ. ކުދިންނަށް ރަނގަޅު ތައުލީމެއް ހޯދުމަށްޓަކައި މަރީގެ ދެ މަފިރިން އަމިއްލަ ވަޒަން ދޫކޮށް ފެށި ދަތުރުވެސް ކާމިޔާބެވެ. މިވަގުތު ހުރިހާ ދަރިންވެސް ކިޔަވާ ނިމި އަމިއްލަ ފައި މައްޗަށް ތެދުވެފައި ވާއިރު, ބަލި ހާލަތު ހުރިގޮތުންނާއެކު ސިއްހީ ފަރުވާ ހޯދުމަށް ފަސޭހަވުމުން މަރީގެ ދެމަފިރިންނާއި ދޮށީ ދަރިފުޅު ރީޝް ތިބީ އަދިވެސް ލަންކާގައި މަޑުކޮށްގެނެވެ.  

ކުރާ ހިތްވާ ކަމެއް ކުރުމަކަށް އަދި އެކަމަކުން ކާމިޔާބީ ހޯދުމަކަށް ވަކި އުމުރެއް ވަކި ވަގުތެއް ކަނޑައެޅިފަ ނޯންނަ ކަން މަރީ ސާބިތުކޮށްދީފި އެވެ. މަރީގެ ކޮންމެ ކަސްޓަމަރެއްވެސް އޭނާގެ މަސައްކަތަށް އެހާމެ ތައުރީފު ކުރެ އެވެ.