9 ނޮވެންބަރު 2021 - 13:36 1
އުދުމާ މަހްމޫދް
ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް. ފިނޭންސް މިނިސްޓްރީން ވަނީ މިއަހަރަށް 2.24 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްދިނުމަށް މަޖިލީހަށް ހުށަހަޅާފަ. -- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު
9 ނޮވެންބަރު 2021 - 13:36 1
މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ ސަރުކާރުގެ ހަރަދު އިތުރުވާނެތީ ސަޕްލިމެންޓަރީ ބަޖެޓެއްގެ ގޮތުގައި 2.24 ބިލިއަން ރުފިޔާ ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓަކީ 34.9 ބިލިއަން ރުފިޔާ އެވެ. އެއީ ރިކަރެންޓް ހަރަދުގެ ގޮތުގައި 21.6 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ އެވެ. ކެޕިޓަލް ހަރަދުގެ 8.4 ބިލިއަން ރުފިޔާ ހަމަޖައްސާފައި ވަނީ ޕީއެސްއައިޕީ އަށެވެ.
ބަޖެޓުގެ ބޮޑު ބައެއް އަހަރު ނިމޭއިރު ހަރަދުވާނެ ކަމަށް ބެލެވެނީ ލޯނުތައް އަނބުރާ ދައްކާށެވެ. އަދި ފާސްކުރި ވަރަށް ވުރެ ބަޖެޓު އިތުރުވަނީ ބަޖެޓުގައި ހިމެނިފައި ނެތް 2017 ވަނަ އަހަރު ދައުލަތުން ވިއްކާފައިވާ އަދި 2022 ވަނަ އަހަރު އަނބުރާ ދައްކަންޖެހޭ 250 މިލިއަން އެމެރިކާ ޑޮލަރުގެ ''ސަނީސައިޑް'' ބޮންޑުގެ ބޮޑު ބައެއް މިއަހަރު ދައްކާ ގޮތަށް ބަޖެޓް މުރާޖައާކުރުމުންނެވެ.
މި ބޮންޑު މިއަހަރު ތެރޭގައި އަދާކުރަން ފިނޭންސް މިނިސްޓްރީން ނިންމީ މިއަހަރަށް ބޭނުންވާ ފައިނޭންސިން ހަމަޖައްސަން ބައިނަލްއަގުވާމީ މާލީ ބާޒާރަށް ސުކޫކެއް ވިއްކުމަށް ރާވައިފައިވާތީ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށެވެ.
ސަނީސައިޑް ބޮންޑުގެ ބާކީ ބައި އަންނަ އަހަރު ދައްކަން ރާވައިފައިވަނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު މެދުވެރިކޮށެވެ. އެއީ 894 މިލިއަން ރުފިޔާ އެވެ.
ސުކޫކަށް ރަނގަޅު އިންޓްރެސްޓް ރޭޓެއް ހޯދުމަށް މާކެޓުގައި ލިސްޓުކޮށްފައިވާ ސަނީ ސައިޑް ބޮންޑުގެ ޔީލްޑް ސެކަންޑަރީ މާކެޓުގައި ރަނގަޅުކުރަންޖެހެ އެވެ.
ލޯނު ހިދުމަތުގެ ހަރަދަށް 2021 ވަނަ އަހަރަށް ފާސްކޮށްފައިވަނީ 2.5 ބިލިއަން ރުފިޔާ އެވެ. ނަމަވެސް އަހަރު ނިމޭ އިރު 2.7 ބިލިއަން ރުފިޔާ ލޯނު އަނބުރާ ދެއްކުމަށް ހަރަދުވާނެ ކަމަށް ފިނޭންސުން ލަފާކުރެ އެވެ. މިއީ 8.9 އިންސައްތައިގެ އިތުރުވުމެކެވެ.
މިހާރު އަހަރު ނިމޭ އިރު ދައުލަތުގެ ހަރަދު 37.1 ބިލިއަނަށް އަރާނެ ކަމަށް ފިނޭންސުން ވަނީ ލަފާކޮށްފަ އެވެ.
ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ ދައުލަތުގެ ހަރަދު އިތުރުވާނެ ކަމަށް ލަފާކޮށްފައިވާއިރު، ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރަން މަޖިލީހަށް ހުށަހަޅާފައި ވަނީ އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓާ އެކު އެވެ.
Comment