Advertisement

ލުބްނާންގެ މިނިސްޓަރު އިސްތިއުފާ ދިނުމުން މައްސަލަ ހައްލުވާނެ: އަރަބި ލީގު

9 ނޮވެންބަރު 2021 - 12:04 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ލުބްނާންގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކޯޑާހީ. -- ފޮޓޯ: އޭއެފްޕީ


ލުބްނާންގެ މިނިސްޓަރު އިސްތިއުފާ ދިނުމުން މައްސަލަ ހައްލުވާނެ: އަރަބި ލީގު

9 ނޮވެންބަރު 2021 - 12:04 0

ބެއިރޫތު، ލުބްނާން (ނޮވެމްބަރު 9) - ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނަށް ފާޑުވިދާޅުވި ލުބްނާންގެ އިންފޮމޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވުމުން ގަލްފު ގައުމުތަކާއި ލުބްނާނާ ދެމެދު ޖެހިފައިވާ މައްސަލަ ހައްލުވާނެ ކަމަށް އަރަބި ލީގުން ބުނެފި އެވެ.

"އެންމެ ފުރަތަމަ ވެސް އިސްތިއުފާ ދެއްވި ނަމަ މިހާރު މި އޮތް ހިސާބަށް މި މައްސަލަ ނުދާނެ،" އަރަބި ލީގުގެ އެސިސްޓެންޓު ސެކެޓްރީ ޖެނެރަލް ހުސާމް ޒަކީ ބެއިރޫތުގައި އޮތް ނިއުސް ކޮންފެރެންސެއްގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ އިސްތިއުފާ ދެއްވާނެކަމުގެ ޔަގީންކަން،" ލުބްނާންގެ މަޖިލިސް ރައީސްއާ އެކު ބޭއްވެވި ބައްދަލުވުންތަކަށް ފަހު ޒަކީ ވިދާޅުވި އެވެ.

އޭގެ ކުރިން ޒަކީ ވަނީ ބޮޑު ވަޒީރު ނަޖީބު މިކާތީ އާއި ރައީސް މިކަލް އައޫންއާ ވެސް ބައްދަލުކުރައްވާފަ އެވެ. ޒަކީ ވިދާޅުވީ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކޯޑާހީގެ އިސްތިއުފާ ވާނީ މައްސަލަ ހައްލު ކުރުމުގެ ފެށުމަކަށް ކަމަށެވެ.

ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ބައެއް ގައުމުތަކުން ވަނީ ލުބްނާނާ ގުޅުން ކަނޑާލައި، ވިޔަފާރި ކުރުން ވެސް ހުއްޓާލާފަ އެވެ. އޭގެ ސަބަބުން މިހާރު ވެސް އިގްތިސާދީ ކާރިސާއެއް ކުރިމަތިވެފައި އޮތް ލުބްނާންގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އެބަ އޮތެވެ.

މިދިޔަ އޯގަސްޓު މަހު އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކޯޑާހީ އެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ދެއްކެވި ވާހަކަތަކާ މެދު ސައުދީ އަރަބިއްޔާ އިން ހިތްހަމައެއްނުޖެހެ އެވެ.

ކޯޑާހީ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުގެ ޝިކާރައަކަށް ވެފައިވާ ޔަމަނުގެ ހޫތީން ހަމަލާދެނީ އަމިއްލަ ދިފާއުގައި ކަމަށެވެ. އިރާނުގެ އެހީއާއެކު އުޅޭ ހޫތީން ހަނގުރާމަ ކުރަނީ ބޭރު ހަމަލާތަކާ ދެކޮޅަށް ކަމަށް ވިދާޅުވި އެވެ.

ދުނިޔެ އަށް ދިމާވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާގެ ގޮތުގައި އދ. އިން ސިފަކުރާ ޔަމަނުގައި އެތައް ހާސް ބަޔަކު މަރުވެފައި ވާއިރު، އެތައް މިލިއަން ބަޔެއްގެ ގެދޮރު ވަނީ ގެއްލިފަ އެވެ.

ލުބްނާންގެ ސަރުކާރުން ބުނީ ކޯޑާހީގެ ވާހަކަތައް ބަލައިނުގަންނަ ކަމަށާއި އެއީ ސަރުކާރުގެ ވިސްނުން ނޫން ކަމަށެވެ. އަދި އެ އިންޓަވިއުއަކީ މިދިޔަ ސެޕްޓެމްބަރު މަހު ކޯޑާހީ އަށް ކެބިނެޓުގެ މަގާމެއް ލިބިވަޑައިގެންނެވުމުގެ ކުރިން ދެއްވި އިންޓަވިއުއެއް ކަމަށް ބުންޏެވެ.

ލުބްނާންގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި އުޅުމަށް ފަހު އިންފޮމޭޝަން މިނިސްޓަރުކަމަށް ވަޑައިގެންނެވި ކޯޑާހީ ނޫސްވެރިންނަށް ވިދާޅުވީ އިންޓަވިއު ދިނީ އޯގަސްޓު ފަސް ވަނަ ދުވަހު ކަމަށާއި އެއީ އޭނާގެ އަމިއްލަ ހިޔާލު ކަމަށެވެ.

"އަޅުގަނޑު އެއްވެސް މީހަކަށް ގެއްލުމެއް ނުދެން. ހަމަލާއެއް ނުދެން. އަޅުގަނޑު މައާފަށް އެދެން ޖެހޭނީ ކީއްވެތޯ؟ އަޅުގަނޑުގެ ހިޔާލު ފާޅުކުރީ އަރަބިން އުފުލަމުންދާ ތަކުލީފާ މެދު ވިސްނާ އިންސާނެއްގެ ގޮތުގައި،"

ޔަމަނު ހަނގުރާމައިގައި ސައުދީ އަސްކަރީ ކޯލިޝަނުން ބޮން އަޅަމުން ދާއިރު ގިނަ އަދަދެއްގެ އާއްމުން މަރުވާ މައްސަލާގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕުތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމަ 2014 ވަނަ އަހަރު ފެށުނީ ހޫތީ ހަނގުރާމަވެރިން ވެރިރަށް ސަނާ ހިފުމުންނެވެ. އެއާއެކު ޔަމަނު ސަރުކާރުގެ ފައުޖަށް އެހީވުމުގެ ގޮތުން ސައުދީ އަސްކަރީ ކޯލިޝަނުން ހޫތީންނަށް ހަމަލާދޭން ފެށީ 2015 ވަނަ އަހަރު އެވެ.