Advertisement

އެމެޖެންސީގައި ފްލައިޓު ޖެއްސުމުން ފިލި 11 މީހަކު ސްޕެއިން އިން ހައްޔަރުކޮށްފި

7 ނޮވެންބަރު 2021 - 08:28 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފްލައިޓް އެމެޖެންސީކޮށް ޖައްސާފައި ވަނީ ސްޕެއިންގެ ލަ ޕާމާގައި ހުންނަ އެއާޕޯޓަށް. -- ފޮޓޯ: އޭއެފްޕީ


އެމެޖެންސީގައި ފްލައިޓު ޖެއްސުމުން ފިލި 11 މީހަކު ސްޕެއިން އިން ހައްޔަރުކޮށްފި

7 ނޮވެންބަރު 2021 - 08:28 0

މެޑްރިޑް، ސްޕެއިން (ނޮވެމްބަރު 6) - އެމެޖެންސީގައި ޖެއްސި ފްލައިޓަކުން ފިލި މީހުންގެ ތެރެއިން 11 މީހަކު ސްޕެއިންގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

މޮރޮކޯ އިން ފުރައިގެން ތުރުކީ އަށް ދަތުރު ކުރަމުން ދިޔަ ފްލައިޓު އެމެޖެންސީގައި ޖެއްސީ ޕާމާ ޑެ މަޔޯކާ އެއާޕޯޓަށެވެ. ފްލައިޓުން ޕަސެންޖަރުންތަކެއް ފިލުމުން ސްޕެއިންގެ އެންމެ ޓްރެފިކް ބޮޑު އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭ އެ އެއާޕޯޓު ބަންދު ކުރަން ޖެހުނެވެ.

ފިލި މީހުންގެ ތެރެއިން ނުވަ މީހަކު އަދިވެސް ނުފެނެ އެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެމެޖެންސީގައި ފްލައިޓު ޖައްސަން ޖެހުނީ ޕަސެންޖަރަކަށް "ޑަޔެބެޓިކް ކޯމާ" ދިމާވުމުން ކަމަށެވެ.

"އެ މީހާ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެހީތެރިޔަކާ އެކު،" ހޮނިހިރު ދުވަހު ހެނދުނު ނެރުނު ބަޔާނެއްގައި ފުލުހުން ބުންޏެވެ.

"އެމްބިއުލާންސްގައި އެ މީހާ އިވެކުއޭޓް ކުރަން މަސައްކަތް ކުރަނިކޮށް 20 ޕަސެންޖަރަކު ފްލައިޓުން ރަންވޭއަށް ނުކުމެ ފިލި."

ފުލުހުންނާއި ސިވިލް ގާޑު އޮފިސަރުން އެ މީހުން ހޯދުމުގެ މަސައްކަތް ފެށުމުން އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް ގެންނަން ޖެހުނެވެ. އަލުން އެއާޕޯޓުގެ މަސައްކަތްތައް ފެށުނީ ދަންވަރު އެވެ.

"ޑަޔެބެޓިކް ކޯމާ" ދިމާވެގެން ހޮސްޕިޓަލަށް ގެންދިޔަ ޕަސެންޖަރުގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުންނަށް ފާހަގަވުމާއެކު އޭނާ ހޮސްޕިޓަލުން ދޫކޮށްލި އެވެ. އެއާއެކު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އޭނާއާ އެކު އެހީތެރިޔާގެ ގޮތުގައި ދިޔަ މީހާ ވީ ތަނެއް ނޭނގެ އެވެ.

ވައިގެ އުޅަނދުތައް ޓްރެކް ކުރާ ފްލަޓްރޭޑާ24 އިން ބުނީ އެ ފްލައިޓަކީ ކަސަބްލަންކާ އާއި އިސްތަންބޫލް އާ ދެމެދު ދަތުރު ދަތުރު ކުރާ އެއާ އަރަބިއާގެ މަރޮކް އެއާބަސް އޭ320 އެއް ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ޕާމާ އެއާޕޯޓަށް ދާން އޮތް 13 ފްލައިޓެއް ޖައްސަން ޖެހުނީ އެހެން އެއާޕޯޓުތަކަށެވެ. އޭގެ އިތުރުން ފުރަން ހަމަޖެހިފައި އޮތް 16 ފްލައިޓެއް ޑިލޭވި އެވެ.