Advertisement

ކުޑަކުދިން ހިޔާއިން އަމާން ވެއްޓަށް: ދިރިއުޅުން ބަދަލުވި ގޮތުގެ ވާހަކަ ކުދިންގެ ދުލުން

7 ނޮވެންބަރު 2021 - 08:07 2

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޖެންޑާ މިނިސްޓަރު އައިޝަތު ދީދީ، އަމާން ވެއްޓަށް ބަދަލު ކުރި ކުދިންނާ ބައްދަލުކުރަނީ-- ފޮޓޯ: ޖެންޑާ މިނިސްޓްރީ


ކުޑަކުދިން ހިޔާއިން އަމާން ވެއްޓަށް: ދިރިއުޅުން ބަދަލުވި ގޮތުގެ ވާހަކަ ކުދިންގެ ދުލުން

7 ނޮވެންބަރު 2021 - 08:07 2

"އެތާ އުޅޭ އިރުވެސް, މިތާ އުޅޭ އިރުވެސް ހުންނަ ގަވާއިދު ބޯލަނބަން. ބޭނުން ވަނީ މީހުންގެ ލޯތްބާއި ގަދަރު. އެކަމަކު މީހުން ދެކެނީ ހިޔާ ކުއްޖެއް ވީމަ ވަރަށް ގޯސްކޮށް. އަޅުގަނޑަކަށް ނޭނގޭ އަޅުގަނޑަށް ކޮން ކުށެއް ކުރެވިގެން ކަމެއް ހިޔާ އަށް ފުރަތަމަ ގެންދަން ޖެހުނީ ވެސް. އެހެންވީމަ، އެގޮތަށް ތަފާތުކޮށް ދެކޭތީ ވަރަށް ދެރަވޭ."

ދައުލަތުގެ ފަރާތުން ބެލެހެއްޓުމަށް ނަގާ ކުދިން ބޭތިއްބުމަށް ވިލިމާލޭގައި ހަދާފައި ހުރި ކުޑަކުދިންގެ ހިޔާ އަށް ޔޫސުފް ގެންދިޔައިރު އޭނާގެ އުމުރުން އެންމެ ފަސް އަހަރެވެ. ހިޔާގައި ބާރަ އަހަރު އުޅުމަށް ފަހު، މިހާރު ފުވައްމުލަކުގެ "އަމާންވެއްޓަށް" ބަދަލުވެގެން ވީ އަށެއްކަ މަހަށްފަހު ވެސް ޔޫސުފަށް އަދިވެސް އޭނާގެ "ކަޅު" މާޒީ އިން ބޭރަށް ނިކުމެވޭ ގޮތެއް ނުވެ އެވެ. ދެމެމުން، ފިރުކެމުން، މައްޗަށް އަރަން މަސައްކަތްކުރާ ކޮންމެ ފަހަރަކު ލަފުގައި ހިފައި ގެނެސް ހަމަ އެ ވަޅުގަނޑުގެ އަޑިއަށް ގަންބުވާލަ އެވެ.

މުޖުތަމައުގައި ތިބި އޭނާ އަށްވުރެ "ގަދަރުވެރި" އެތައް ގޮތަކުން "ނަސީބު ރަނގަޅު" މީހުންނެވެ. އެ މީހުން، އޭނާގެ ހިތުގައި ލާފައިވާ ފާރުތައް ފަސޭހަވާން ފުރުސަތެއް ނުދެއެވެ. ކުޑަކުދިންގެ ހިޔާގައި އުޅެ، އެ ތަނުން ޖެހުނު "ޔަތީމު" ލައްގަނޑު ހަޔާތުން ފިލުވާނެ ޖާގައެއް ނުދެ އެވެ. އަމުދުން، ރަނގަޅު އަހުލާގާއި ހުލްގު ދައްކައިގެން އެ މީހުންގެ މެދުން ހަމަހަމަ މަގާމެއް ހޯދާނެ ތަނެއް ނުދެ އެވެ.

ވިލިމާލޭގައި ޖެންޑާއިން ހިނގާ ކުޑަކުދިންގެ ހިޔާ-- ފޮޓޯ: ޖެެންޑާ މިނިސްޓްރީ


"ޖެންޑާއަށް ނެގީމަ މީހުންނަށް ހީވަނީ ވަރަށް ބޮޑު ކުށެއް ކޮށްގެންނޭ ކުދިން ނަގަނީ. މިތާ އުޅޭ އިރު މަގުމަތިން ދާ ކުދިންގެ މަންމަމެން ބައްޕަމެން ވެސް ބުނާނެ އެ މީހުންގެ ކުދިންގެ ގާތު އަޅުގަނޑުމެންނާ ވާހަކަ ނުދައްކާށޭ،" ޖެންޑާގެ ބެލުމުގެ ދަށުގައި ހުރި އާލާ ކިޔާދެމުން ދިޔައީ އެންމެންގެ ތެރޭގައި އުޅުމަށްފަހު ޖެންޑާއަށް ނެގުމުން ދިރިއުޅުމަށް އައި ބަދަލެވެ.

އަމާންވެށި ޕްރޮގްރާމުގެ ދަށުން، ފުވައްމުލަކަށް ގޮސް ހުރި ކުދިން އަސަރާއެކު ކިޔައިދެމުން ދިޔައީ އެ ދިރިއުޅުމާއި މިހާރުގެ ދިރިއުޅުމުގައި ހުރި ފަރަގެވެ. ދިރިއުޅެނީ އެކަންޏެވެ. އެކަމަކު މިއަދު އޭނާ އަށް އަމިއްލަ އިހުތިޔާރާއެކު ދިރިއުޅުމުގެ މިނިވަންކަން ލިބިފައި އެބަ އޮތެވެ. އަދިވެސް ނުލިބެނީ މީހުންގެ ބަލައިގަތުމެވެ.

"ހިޔާގައި އުޅުނު އިރު އަބަދުވެސް ހިތުގައި އަޒުމް ކަނޑައެޅިން މޮޅަށް ކިޔަވައިގެން ރަނގަޅު ވަޒީފާއެއް ހޯދަން. އެހެން ވަރަށް ގިނަ ކުދިން އުންމީދު ކުރޭ. އެކަމަކު ހިޔާގެ ތެރޭގައި ވެސް މަސްތުވާތަކެތި ދައުރުވޭ. ކުދިން ހަލާކުވާ އެންމެ ބޮޑު ސަބަބަކީ އެއީ،" ޔޫސުފް ކިޔައިދިނެވެ.

ކުޑަކުދިން ހިޔާގައި ދިރިއުޅުނު ކުދިންތަކެއް-- ފޮޓޯ: ޖެންޑާ މިނިސްޓްރީ


ޔޫސުފް ބުނި ގޮތުގައި ހިޔާގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ހިޔާގެ އިސްވެރިން މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް ކުދިން "ބަސް ނާހައި ތަން ހަލަބޮލި ވާތީ" އެ މަސައްކަތްތަކުން ތަފާތު ބަދަލެއް ހިޔާގެ މާހައުލަށް ނައި ކަމަށް ވެސް ބުންޏެވެ.

"ބައެއް ކުދިން ދާނެ މަގުމަތިން ފެންނަ ޕާޓޭ މީހުންނާ އެއްކޮށް މަސްތުވާ އެއްޗެހި ހޯދަން. އެ ކުދިން ހިފަހައްޓަން ހިޔާގައި ތިބޭ ދައްތަމެން މަސައްކަތް ކޮށްފިއްޔާ ވަރަށް ރުޅި އަންނާނެ، ތަޅު ހަލާކު ކޮށްފައި ނިކުންނަން ވެސް ނިކުންނާނެ،"

ޔޫސުފް ފާހަގަކުރި ގޮތުގައި ކުދިން ހުއްޓުވަން ތަނުގައި އުޅޭ އެހެން މީހުންވެސް ކުދިން ފަހަތުންދެ އެވެ. އަދި މިކަމުގެ ތެރޭގައި ކުދިންނަށާއި ދައްތަމެންނަށް ވެސް ބައެއްފަހަރު އަނިޔާ ލިބޭ ކަމަށެވެ.

އަމާންވެއްޓާ އެކު ދިރިއުޅުމަށް އައި ބަދަލު

ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުޑަކުއްޖަކު ވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމުގައިވިޔަސް، ހާލަތު ނިޔާކުރާ ގޮތުން އެކި ސަބަބުތަކާ ގުޅިގެން ކުދިންގެ ރައްކާތެރިކަން އާއިލާ ތެރެއިން ކަށަވަރު ނުވާ ހާލަތްތަކުގައި ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ދައުލަތުގެ ބެލުމުގެ ދަށަށް ނެގެ އެވެ.

މާލޭ ސަރަހައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، މުޖްތަމައުގައި ދިރިއުޅޭ އެހެން ކުދިންނެކޭ ވެސް އެއްފަދައިން މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދީ، އެ ފަދަ މާހައުލެއް ތަނަވަސް ކޮށްދިނުމަށް މިނިސްޓްރީ އިން އިސްކަމެއްދެ އެވެ.

"އަމާންވެށި" ތަކުގައި ދިރިއުޅޭ ކުދިންގެ އަދަދު ލިމިޓް ކުރުމަށް މިނިސްޓްރީން އިން ހާއްސަ ސަމާލުކަމެއްދެ އެވެ. އެ ކަމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ހާއްސަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އަމާން ވެއްޓަށް ބަދަލުކުރި ކުދިންތަކެއް -- ފޮޓޯ: ޖެންޑާ މިނިސްޓްރީ


ހަޔާތުގައި ހިއްދަތި އެތައް ތަޖުރިބާތަކެއް ކުރެވި، އަޅާލުމާ އެއްބާރުލުމަށް އެދިއެދި ތިބި މި ކުދިންގެ ދިރިއުޅުން އަމާވެށިތަކުގައި ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ޏ އެފްސީ

ކުޑަކުދިންގެ ހިޔާގައި ގިނަ ކަންކަމާ ކުރިމަތިލާން ޖެހުނު އިރު އެ ތަނުގައި ހަދާފައިވާ ގަވައިދުތަކަކީ ކުދިންނަށް ވެސް އުޅެން ފަސޭހަ ތަނަކަށް ނުވެ އެވެ. ނަމަވެސް ޏ. އެފްސީން ކަންކުރީ މުޅިން ތަފާތު ގޮތަކަށެވެ.

2005 އިން ފަށައިގެން ފުވައްމުލަކުގައި ދައުލަތުން ނަގަމުންދާ ކުދިން ވަނީ ފަށާފަ އެވެ. ޏ. އެފްސީގެ ހިންގުމާ ހަވާލުވެ ހުރި އިސްމާއީލް މަސްއޫދު ވިދާޅުވީ މުޖުތަމައި ބަލައިގަންނާނެ ގޮތަށް އެ ކުދިން ތިބީ ބައްޓަން ކުރެވިފައި ކަމަށެވެ. ނަމަވެސް ހިޔާއިން އައި ކުދިންނަކީ ތަފާތު ކުދިންތަކެއް ކަމުން އެ ކުދިންގެ ރަނގަޅު ކުރަން ކަންކަން ހުރި ކަމަށް މަސްއޫދު ފާހަގަ ކުރި އެވެ.

ފުވައްމުލަކު އަމާން ވެއްޓަށް ބަދަލު ކުރި ކުދިންތަކެއް މޫދަށް ގޮސް-- ފޮޓޯ: ޖެންޑާ މިނިސްޓްރީ


"އެެއްވެސް ކުއްޖަކީ ގޯސް ކުއްޖެއް ނޫން. ކުއްޖާއަށް ދިމާވާ ހާލަތްތަކުގެ ސަބަބުން އެ ކުއްޖާގެ ބިހޭވިއާގަ ހުރެދާނެ މުޖުތަމައިއިން ބަލައި ނުގަނެދާނެ ކަންތައްތަކެއް. އަޅުގަނޑުމެން އެކި ގޮތްގޮތުން އެ ކުދިންނާ އިންޓަވިއު ކޮށްގެން ބެލީ ކިހިނެއްތޯ ބަދަލު ކުރެވޭނީ،"

ފުވައްމުލަކު ރައްޔިތުން އެ ކުދިންނާ ދޭތެރޭ ދެކޭ ގޮތް ތަފާތު ކަމަށް މަަސްއޫދު ވިދާޅުވި އެވެ. އެގޮތުން މުޅި މުޖުތަމައި އިންވެސް އެ ކުދިން ބަލައިގަންނަ ކަމަށާއި ޏ އެފްސީގެ މޮޓޯ އަކީ އެ ތަނުގައި ތިބި ކުދިންނަކީ ދުނިޔޭގަ ތިބި އެންމެ އުފާވެރި 18 ކުދިންނަށް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކުދިންނަކީވެސް ހަމަ ދިވެހި މަންމަ އަކާއި ދިވެހި ބައްޕައެއްގެ އަޅުގަނޑުމެން ހަމަ ލޯބިވާ ދަރިންތަކެއް. ދިވެހި ލޭ ހިނގާ ދިވެހި ދަރިން ހަމަ އެއީވެސް. މިކުދިން މިތަނަށް ގެނެސް މިތާގަ މި ތިބެނީ ކުދިންގެ ކުށަކުންނެއް ނޫން. އެއީ އެ ކުދިންނަށްވެސް ދިމާވާ އެކިއެކި ކަންކަމުން އިޖުތިމާއީ ރައްކާތެރިކަން ހޯދުމަށް،" މަސްއޫދު ވިދާޅުވި އެވެ.

ކުޑަކުދިން ހިޔާއިން ފުވައްމުލަކު އަމާން ވެއްޓަށް ބަދަލުކުރި ކުދިންތަކެއް-- ފޮޓޯ: ޖެންޑާ މިނިސްޓްރީ


އަމާން ވެއްޓަށް ބަދަލުކުރުން: ކުރިއެރުމަށް ލިބުނު ފުރުސަތެއް

ދަ ކްރައުން ކޮމްޕެނީ އިން ސަރުކާރަށް ދިން ހިލޭ އެހީއެއްގެ ދަށުން އިމާރާތްކޮށް، 2006 ވަނަ އަހަރު ހުޅުވި "ކުޑަކުދިންގެ ހިޔާ" އަކީ މައިންބަފައިން ނުވަތަ ޝަރުއީ ބަލަދުވެރިން ނެތް އަދި އެ ކުދިން ބަލާނެ އެއްވެސް މީހަކު ނެތިގެން ނުވަތަ އެކިއެކި މައްސަލަތަކުގައި މައިންބަފައިން ބަންދުވެގެން ބެލޭނެ އެހެން ގޮތެއް ނެތިފައިވާ ކުދިން ބޭތިއްބުމަށް ދައުލަތުން ގާއިމް ކުރި ތަނެކެވެ.

އޭރު ޖެންޑާ މިނިސްޓަރަކަށް ހުންނެވީ މިހާރުވެސް އެ މަގާމުގައި ހުންނެވި އާއިޝަތު މުހަންމަދު ދީދީ އެވެ.

އެކި އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުޑަކުދިން އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ މަރުކަޒުތައް ގާއިމްކޮށް ކުދިން ބަދަލުކުރުމުގެ ޕްރޮގްރާމެއް ފަށާފަ އެވެ.

އެގޮތުން ހއ. ދިއްދޫ ، ބ. އޭދަފުށި، ށ. ފުނަދޫ އަދި ޏ. ފުވައްމުލަކު ގައި ވަނީ މަރުކަޒުތައް ގާއިމް ކޮށްފަ އެވެ. އެގޮތުން މިހާރު ވަނީ ޖުމްލަ 59 ކުދިން އަމާންވެށިތަކަށް ބަދަލު ކޮށްފަ އެވެ.

އަމާން ވެއްޓަށް ބަދަލު ކުރި ހިޔާގެ ކުދިންތަކެއް-- ފޮޓޯ: ޖެންޑާ މިނިސްޓްރީ


މިދިޔަ އަހަރު ފެށި ޕްރޮގްރާމުގެ ދަށުން ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު 17 ކުއްޖަކު ވަނީ ބ. އޭދަފުށީގައި ގާއިމުކޮށްފައިވާ އަމާންވެއްޓަށް ބަދަލު ކޮށްފަ އެވެ. އަދި މި އަހަރުގެ ޖެނުއަރީ ހަ ވަނަ ދުވަހު 16 ކުދިން ށ. ފުނަދޫގައި ގާއިމްކޮށްފައިވާ ވެއްޓަށް ބަދަލުކޮށްފައި ވާއިރު އެ މަހުގެ 24 ވަނަ ދުވަހު 11 ކުއްޖަކު ވަނީ ޏ. ފުވައްމުލަކުގައި ވެއްޓަށް ބަދަލު ކޮށްފަ އެވެ. މީގެ އިތުރުން މި އަހަރުގެ މާޗް ހަ ވަނަ ދުވަހު 15 ކުދިން، ހއ. ދިއްދޫގައި ގާއިމްކޮށްފައިވާ ވެއްޓަށް ބަދަލުކުރި އެވެ.

"ތަންކޮޅެއް ލަހުން އަސްލު މިތަނަށް ބަދަލު ކުރީ. ސިފައިންގެއަށް ވަންނަން ބޭނުމީ. އެކަމަކު މިހާރު އޮތީ ވަގުތު ހަމަވެފަ. ދެން އަނެއްކާ ދެން އަންނަ ބުރަކުން ބައިވެރިވާނީ،" އުމުރުން 18 އަހަރު ވުމުން ސިފައިންގެއަށް ވަނުމަށް އަޒުމު ކަނޑއަޅައިގެން ހުރި ޔޫސުފްގެ ވާހަކަ އަކީ އެއީ އެވެ.

ލަހުން އާދެވުނު ނަމަވެސް އަނެއްކާވެސް އުޖާލާ މުސްތަގުބަލެއް ހޯދައި އަމިއްލަ ފައިމައްޗަށް ތެދުވެ އުޅެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

މުޖުތަމައު ދެކެނީ ކިހިނެއް

އެއީ މި އަހަރުގެ ކުރީކޮޅެވެ. ބ. އޭދަފުށީގައި ހުންނަ އަމާންވެއްޓަށް ބަދަލުކުރި ކުދިންތަކެއްގެ ސަބަބުން އެރަށު ސްކޫލު ދަރިވަރުންތަކަށް އެކި ކަހަލަ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ބުނެ، އެ ކުދިން ރަށުން ބޭރުކުރުމަށް ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުުމެ މުޒާހަރާ ކުރި އެވެ.

އޭދަފުށީގައި މުޒާހަރާ ކުރި މީހުން ބުނި ގޮތުގައި، އަމާންވެށީގައި ތިބޭ ބައެއް ކުދިން ސްކޫލަށް ގޮސް އެހެން ދަރިވަރުންނަށް ޖެއްސުންކޮށް ޓީޗަރުންނަށާއި ދަރިވަރުންނަށް ބިރު ދައްކައި ހަޑިހުތުރު ބަހުން ވާހަކަ ދައްކަ އެވެ. އަދި މީގެ ތެރެއިން އެއް ކުއްޖަކު ދާދި ފަހުން ސްކޫލަށް ވަޅިއެއް ހިފައިގެން ގޮސް ދަރިވަރެއްގެ ކަރުގައި ޖައްސާ ބިރުދައްކާފައިވާ ކަމަށާއި އެކުއްޖާ ސަލާމަތްވާން އުޅުމުގެ ތެރޭގައި އަތް ކަފައިގެން ދިޔަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ބ. އޭދަފުށިން ވާހަކަ ދެއްކި އެ ރަށު މީހަކު ބުނީ އެ ރަށަށް ކުދިން ބަދަލުކުރި ފުރަތަމަ ކޮޅުގައި އެ ކުދިންނަކީ ގޯސް ކުދިންތަކެއް ކަމަށް ދެކެވުނު ކަމަށެވެ.

"އެ ކުދިންނަށް ވެސް ކަންކަމުގައި އެހީތެރިވެ ރަށުގައި ހިންގާ ކަންކަމުގައި ބައިވެރި ކުރުވާ މިހާރު. ފުޓުބޯޅަ މެޗުތައްވެސް ރަށުން ހިންގާ ކަންކަމުގަ އެކުދިންވެސް ބައިވެރި ކޮށްގެން މިހާރު ކުޅޭނީ. އޭރު އެހެން ދެކުނަސް މިހާރު ވަރަށް ބަދަލުވެފަ އިނީ،" އޭދަފުށީ ރައްޔިތަކު ބުންޏެވެ.

އަމާން ވެށީގެ ދަށުން ރަށަކަށް ބަދަލުކުރި ކުދިންތަކެއް-- ފޮޓޯ: ޖެންޑާ


ށ. އަތޮޅު ފުނަދޫގައި ހުންނަ އަމާންވެއްޓާ ގުޅިގެން މިފަދަ ވާހަކަތަކެއް ނީވުނަސް އެ ރަށުން ވާހަކަ ދައްކާލި ބައެެއް މީހުންގެ ވާހަކަ ތަފާތެވެ.

"މާލޭގަ ނުގެންގުޅެވުނީމަ ރަށްރަށަށް މި ބަދަލު ކުރަނީ. އެ ރަށްރަށުގަ އުޅޭ ކުދިންވެސް ހަލާކު ވާނެ އެކަހަލަ ކުދިންނާހެދި. އެ ކުދިންނާހެދި އަހަރެމެންގެ ދަރިން ހަލާކުވަނީ،" ފުނަދޫގެ ރައްޔިތަކު ބުންޏެވެ.

އެއީ ރަށުގެ މުޖުތަމައި އެންމެން އެ ކުދިންނާމެދު ދެކޭ ގޮތެއް ނޫނެވެ. ނަމަވެސް އެ މުޖުތަމައުގެ ބައެއް މީހުން ދެކޭ ގޮތެވެ.

"އެކުދިންނަންވެސް ލިބެން ޖެހޭނެ އެހެން ކުދިންނަށް ލިބޭ ހުރިހާ އެއްޗެއްވެސް. ހަމަހަމަކަން އޮންނަން ޖެހޭނެ ވަކި ޖެންޑާއިން ގެނައިމަ އެކުދިން ބާކީ ކޮށްގެން ނުވާނެ،" ފުނަދޫއިން ވާހަކަ ދައްކާލި އެހެން މީހަކު ބުންޏެވެ.

އެ ކުދިން ދެން ބަދަލުކުރި އަނެއް ރަށަކީ ހއ. އަތޮޅު ދިއްދޫ އެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ރަށްތަކަށް ބަދަލު ކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް ރަށުގެ ބައެއް މީހުންގެ ސަބަބުން އެ ކުދިންނަށް ވެސް އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ.

އަމާންވެއްޓާށް ބަދަލުކުރި ކުދިންތަކެއް-- ފޮޓޯ: ޖެންޑާ


"ވަރަށް ފަހުން އުޅުނު ވީޑިއޯއެއްވެސް އެ ތަނުން ކުއްޖަކު ރަށު ކުއްޖަކަށް ބުލީކޮށްފައި. އެ މައްސަލަ ފުލުހުންވެސް ބެލި. އުޅޭނެ ފާޑު ފާޑުގެ ބެލެނިވެރިންވެސް އެއީ ވާގޮތަކީ އަސްލު،"

އޭނާ ބުނީ ދިއްދޫއަކީ 5000 މީހުންގެ އާބާދީއެއް އޮންނަ ރަށަކާ އަޅާބަލާއިރު ކުށް މަދު ރަށެއް ކަމުން އެފަދަ ކުދިންނަށް އެ ރަށުން ގޯސް ކަމެއް ދަސްވުމުގެ ފުރުސަތު ކުޑަ ވާނެ ކަމަށެވެ.

"އެކަމަކު އެއީ އެކުދިންވެސް ރަނގަޅަށް މިނިސްޓްރީ އަށް ބެލެންޏާ. ވަކި އުސޫލުތަކެއް ހަދައިގެން އެކުދިން މުޖުތަމައުއަށް ހޭނި ކަންކަން ދަސްކުރަންދެން ވަރަށް ލިމިޓްކޮށް ކަންކަން ދޫކުރަން ޖެހޭނީ. ފިރިހެން ކުދިން އެކަނި ރޭގަނޑު ވަރަށް ލަސްވާ ފަހުންވެސް ބޭރަށްދާ ކަމަށް ވަނީ. ބޭރަށް ދެވެން ޖެހޭނެ އެ ކުދިންނަށްވެސް، އެކަމަކު ވަކި ގަޑިތަކެއް އޮންނަން ޖެހޭނެ،" ދިއްދޫ ރައްޔިތެއް ބުންޏެވެ.

ހއ. ދިއްދޫގެ "އަމާން ވެށި" ހުޅުވަނީ -- ފޮޓޯ: ޖެންޑާ މިނިސްޓްރީ


ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންނަކީ އެއްވެސް ހާލެއްގައި ކުށްވެރިވެގެން ނަގާ ކުދިންނެއް ނޫނެވެ. އެ ކުދިން އެ ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ނެތުމުގެ ސަބަބުން އެ ކުދިން ދައުލަތަށް ނެގޭ ހިސާބުން އެ ކުދިންނާއި މެދު މީހުން ދެކޭ ގޮތް ބަދަލުވެގެންދެއެވެ. އެ ކުދިންނަކީ ގޯސް އާދަތަކަށް ހުށަހެޅިފައިވާ، މުޖުތަމައުއަށް ހުރި ނުރައްކަލެއްގެ ގޮތުގައި ބަލަންފަށަ އެވެ.

ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށް ފަހު އެ ކުދިންގެ އިހުސާސްތަކާއި ވާހަކަތަކާމެދު ނިކަން ވިސްނާލަ ބަލާށެވެ. އެ ކުދިން ހަމައެއެކަނި ބޭނުން އެވަނީ މުޖުތަމައުގެ ބަލައިގަތުމެވެ. ރަށުގައި އެހެން ކުދިންނަށް ލިބޭ އަޅާލުމާއި ލޯބިވެސް ލިބުމުގެ ފުރުސަތު އެ ކުދިންނަށް ވެސް ލިބުމެވެ. އެއީވެސް ހަމަ ދިވެހި ދެމަފިރިއެއްގެ ޅަދަރިންތަކެވެ. މާޒީވި ހަޔާތުގައި ކޮންމެ ގޮތަކަށް ކަންތައް ވެފައިވާ ނަމަވެސް އެއީ އެ ކުދިންގެ ކުށެއް ނޫނެވެ.

މުޖުތަމައުއިން އެ ކުދިން ބަލައިގަންނަން ޖެހެއެވެ. ނުވިސްނޭ ކަންކަމުގެ ރަނގަޅު ގޮތާއި ނުބައި ވަކިކުރަން ނޭނގޭ އުމުރުގައި ގެންގޮސް ގޮތްނޭނގޭ ބައެއްގެ އަތްމައްޗަށް ދާން މަޖުބޫރުވީ ނަމަވެސް އެއީ އެކުދިންގެ ކުށެއް ނޫންކަން އެހެން މީހުންނަށް އެނގި، އަންގަންވެސް ޖެހެއެވެ. އެ ކުދިންނަކީ މުޅި ދިވެހި މުޖުތަމައުގެ ލޯތްބާއި އަޅާލުން ބޭނުންވާ ކުދިން ތަކެއްކަން އެނގެން ޖެހޭނެ އެވެ. އެހެންނޫނީ، އެ ކުދިން އަތުގައި ހިފާނީ މުޖުތަމައުގައި މިފަދަ ކުދިން ނަހަމަގޮތުގައި ބޭނުންކުރާ ފަރާތްތަކުންނެވެ.