Advertisement

މުއަމްބާ ބުނީ ރިޓަޔާ ކުރަން އެކަމު އެރިކްސަން ހުރީ އަޔަކްސް އަށް ދާން ތައްޔާރަށް

5 ނޮވެންބަރު 2021 - 07:47 0

2010 ވަނަ އަހަރު އަޔަކްސް އަށް ކުޅުނު މެޗެއްގެ ތެރެއިން އެރިކްސަން.


މުއަމްބާ ބުނީ ރިޓަޔާ ކުރަން އެކަމު އެރިކްސަން ހުރީ އަޔަކްސް އަށް ދާން ތައްޔާރަށް

5 ނޮވެންބަރު 2021 - 07:47 0

މިލާން (ނޮވެމްބަރު 5) - ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ސިއްހީ ހާލަތު ހުރިގޮތުން އޭނާ މިހާރު ކުޅެމުން އަންނަ އިންޓަ މިލާނުގައި ކުރިއަށް ދެވޭނެ ގޮތެއް ނެތި ކުރިން ކުޅުނު ކްލަބް އަޔަކްސް އަށް ބަދަލުވާން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ފިންލެންޑާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި އެރިކްސަން ހިތްހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނެވެ. ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީ ހެދި ޓެސްޓްތަކުން އެނގުނީ އެރިކްސަން ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) ލައްވަން ޖެހޭ ކަމެވެ.

އެރިކްސަން ހިތަށް އައިސީޑީ ލެއްވިއިރު، އެ ޑިވައިސް އަކީ ހާޓް ރޭޓް ކޮންޓްރޯލް ވަރެއްގައި ދެމެހެއްޓުމަށް ހަރުކުރާ ޑިވައިސް އެކެވެ. ހިތުގެ ވިންދު މާ އަަވަސްވާނަމަ އައިސީޑީން އެ ޑިޓެކްޓްކޮށް ކޮންޓްރޯލް ކުރާނެ އެވެ. އައިސީޑީ ލައްވައިގެން ހުރެ، އިޓަލީގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމަކީ މަނާ ކަމެކެވެ. އެހެންވެ، އިންޓަ އިން ރަސްމީކޮށް ވަނީ އެރިކްސަން ދޫކޮށްލަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.

އެއާ އެކު މީގެ ކުރިން 2012 ވަނަ އަހަރު މެޗެއްގެ ތެރެއިން ހިތްހުއްޓިގެން ފަރުވާ ހޯދި އިނގިރޭސި މިޑްފީލްޑަރު ފަބްރީސް މުއަމްބާ ވަނީ އެރިކްސަން ގާތުގައި ރިޓަޔާކުރުން ބުއްދިވެރިވާނެ ކަމަށް ބުނެފަ އެވެ. މުއަމްބާ އަށް ދަނޑުމަތީގައި ދިމާވި ހާދިސާ އަށް ފަހު އެނބުރި އައި ނަމަވެސް ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ނުކުޅެވި ޖެހުނީ ރިޓަޔާކުރާށެވެ.

އެރިކްސަން ވިސްނައިގެން ހުރީ އޭނާގެ އެކުވެރި އަދި ނެދަލެންޑްސް ގައުމީ ޓީމުގެ ޑިފެންޑަރު ޑޭލީ ބްލިންޑް ދިޔަ މަގުން ކުރިއަށްދާށެވެ. އައިސީޑީ ލައްވައިގެން ކުޅުމުގެ ފުރުސަތު ދޭ ޔޫރަޕްގައި ވަރުގަދަ އެއް ލީގަކީ ނެދަލެންޑްސްގެ ލީގެވެ. ބްލިންޑް ވެސް ކުޅެމުން އަންނަނީ ހިތަށް ޕޭސްމޭކަރެއް ލައްވައިގެންނެވެ. އެރިކްސަން އަކީ ކުރިން އަޔަކްސް އަށް ބްލިންޑާ އެކު ކުޅުނު ކުޅުންތެރިއެކެވެ.

ނެދަލެންޑްސްގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އަޔަކްސް އޮތީ އެރިކްސަން އަށް މަރުހަބާ ކިޔަން ތައްޔާރަށެވެ. އެކަމަކު، ޓްރާންސްފާ ފީއެއް ނަގައިގެން އެރިކްސަން ދޫކޮށްލަން އިންޓަ އިން ކިޔާނަމަ އަޔަކްސް އިން މި ޑީލްގައި ދެ ވަނަ ވިސްނުމަކަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

އިޓަލީގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އިންޓަ އިން އުމުރުން 29 އަހަރުގެ އެރިކްސަންގެ ދޫކޮށްލާނީ ފީއެއް ނުނަގަ އެވެ.

އަޔަކްސް ޔޫތު ޓީމާ 2008 ވަނަ އަހަރު ގުޅުނު އެރިކްސަން އެ ކްލަބްގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރު އެވެ. ތިން އަހަރު އަޔަކްސްގެ ސީނިއާ ޓީމަށް ކުޅުނު އެރިކްސަން ވަނީ އެ ޓީމާ އެކު ނެދަލެންޑްސްގެ ލީގު ތިން ފަހަރާއި ނެދަލެންޑްސްގެ ކަޕް އެއް ފަހަރު އަދި ޔޯހަން ކްރައިފް ޝީލްޑް ކާމިޔާބު ކޮށްފަ އެވެ. އަޔަކްސް ދޫކޮށްލުމަށް ފަހު އެރިކްސަން 2013 ވަނަ އަހަރު ޓޮޓެންހަމަށް ބަދަލުވީ 14 މިލިއަން ޑޮލަރަށެވެ.