Advertisement

ކާމިޔާބުކަމާއެކު ޑަބްލިއުޓީއެމްގެ ފިޒިކަލް އިވެންޓް ނިންމާލައިފި

4 ނޮވެންބަރު 2021 - 19:15 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

މިއަހަރުގެ ޑަބްލިއުޓީއެމް ލަންޑަން ފެއާގައި ބައިވެރިވި ރާއްޖޭގެ ޓީމް. -- ފޮޓޯ:އެމްއެމްޕީއާރުސީ


ކާމިޔާބުކަމާއެކު ޑަބްލިއުޓީއެމްގެ ފިޒިކަލް އިވެންޓް ނިންމާލައިފި

4 ނޮވެންބަރު 2021 - 19:15 0

ރާއްޖެ އިޝްތިހާރުކޮށް ކާމިޔާބުކަމާއެކު މިއަހަރުގެ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް)، ލަންޑަންގެ ފިޒިކަލް އިވެންޓް ކާމިޔާބު ކަމާއެކު ރާއްޖޭގެ ޓީމުން ނިންމާލައިފި އެވެ.

މިއަހަރުގެ ފެއާގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ 58 ކުންފުންޏަކުން 104 ފަރާތެއް ވަނީ ބައިވެރިވެފަ އެވެ. އަދި މިއަހަރަކީ މިހާތަނަށް މި ފެއާގައި ރާއްޖެއިން އެންމެ ބޮޑު ސްޓޭންޑެއް ބެހެއްޓި ފަހަރެވެ.

މިއަހަރުގެ ފެއާގައި ރާއްޖެއިން ވަނީ 609 ސްކުއެއާ މީޓަރުގެ ބޮޑުމިނުގެ ސްޓޭންޑެއް ބަހައްޓާފަ އެވެ. މި ސްޓޭންޑުގައި ރާއްޖޭގެ ގުދުރަތީ ރީތީކަން ވަރަށް ފުރިހަމައަށް ވަނީ ދައްކާދީފަ އެވެ.

މިއަހަރުގެ ފެއާގައި ރާއްޖެ ތަމްސީލުކުރަން ދެ ސްޓޭންޑުގެ ޖާގަ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ ހޯދައިފަ އެވެ.

މިފެއާގައި ރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި އަދި ތަފާތު ތަޖުރިބާތައް ކުރެވޭނެ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް އެމްއެމްޕިއާރުސީއިން ވަނީ އަމާޒުހިފާފަ އެވެ.

ފެއާގެ ސަބަބުން ރާއްޖޭގެ ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑު ތަކުގެ މައުލޫމާތާއި، ރާއްޖޭގެ ޓްރެވަލް ގައިޑްލައިންތައް ފެއާއަށް ޒިޔާރަތްކުރި ގިނަ އަދަދެއްގެ ބަޔަކާ ވަނީ ހިއްސާކޮށްފަ އެވެ.

ފެއާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ހިދުމަތްތަކާއި، ޕްރޮޑަކްޓްތައް އިނގިރޭސިވިލާތުގެ މާކެޓާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަނީ ފޯރުކޮށްދީފަ އެވެ.

އެގޮތުން މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 150 ފަރާތަކާއި ބައްދަލުވުމުގެ ފުރުސަތު ރާއްޖޭގެ ކޮންޓިންޖެންޓަށް ލިބިގެން ދިޔަ އެވެ.

މިއަހަރުގެ ޑަބްލިއުޓީއެމް ލަންޑަން ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ އެކަކުން ތިނަކަށެވެ.

ޑަބްލިއުޓީއެމް ލަންޑަން ގެ ރާއްޖޭގެ ސްޓޭންޑަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޒިޔާރަތުގެ ތެރެއިން. -- ފޮޓޯ: ރައީސް އޮފީސް


މިފެއާގައި ރާއްޖޭގެ ސްޓޭންޑަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ޒިޔާރަތްކުރައްވާފަ އެވެ.

ރައީސް ސޯލިހް ވަނީ ފެއާގައި ރާއްޖޭގެ ފަތުރުވެރިކަން ތަމްސީލުކުރަން ހަރަކާތްތެރިވި ފަރާތްތަކާ ބައްދަލުކޮށް ކޮވިޑްގެ މި ދަތި އުނދަގުލުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރައްވާ ކަމަށްޓަކައި ހިތްވަރުދެއްވާފަ އެވެ.

ޑަބްލިއުޓީއެމް ލަންޑަންއަކީ ދުނިޔޭގައި ކުރިއަށް ގެންދާ ފަތުރުވެރިކަމުގެ ވިޔަފާރިއާ ގުޅޭ އެންމެ ބޮޑު އެއް ފެއާއެވެ. 1980 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މިފެއާ އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ހިދުމަތް ފޯރުކޮށްދޭ އަދި ލިބިގަންނަ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުކޮށް، ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދޭ ފެއާއެކެވެ.

ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ޑަބްލިއުޓީއެގެ ފިޒިކަލް އިވެންޓް ބާއްވާފައެއް ނުވެ އެވެ.

އަހަރު މި ފެއާގެ ފިޒިކަލް އިވެންޓް ކުރިއަށްގެންގޮސްފައިވާއިރު އޮންލައިންކޮށް ފެއާގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

މި ފެއާގެ ވާޗުއަލް ބައި ކުރިޔަށް ގެންދާނީ މިމަހުގެ އަށް ވަނަ އަދި ނުވަ ވަނަ ދުވަހު އެވެ.