3 ނޮވެންބަރު 2021 - 09:02 0
އެތުލެޓިކޯގެ ކޯޗު ސިމިއޯނީ މެޗެއްގެ ތެެރެއިން.-- ފޮޓޯ: އޭއެފްޕީ
3 ނޮވެންބަރު 2021 - 09:02 0
ލިވަޕޫލް (ނޮބެމްބަރު 3) - މެޗަށް ފަހު ސަލާމް ކުރުމަކީ އިނގިރޭސިން ގަބޫލުކުރާ ބޯދާ ވިސްނުމަކަށް ވެދާނެ ކަމަށާއި އެއީ އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށް ދޭހަވާ ގޮތަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނޯ ވާހަކަ ދައްކައިފި އެވެ.
މިދިޔަ މަހު މެޑްރިޑްގައި ލިވަޕޫލުން 3-2 އިން އެތުލެޓިކޯ ބަލިކުރި މެޗަށް ފަހު ސިމިއޯނީ ވަނީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާ ސަލާމްނުކޮށް ޗޭންޖިން ރޫމަށް ދުވެފައި ގޮސްފަ އެވެ. އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސިމިއޯނީ ބުނީ އޭނާ އެ ގޮތަށް ކަންތައްކުރީ ހިތްހަމަނުޖެހިފައި ހުރުމުގެ އިތުރުން އެއީ ވަރަށް ޖަޒުބާތީ ވަގުތެއް ކަމަށްވާތީ އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ލިވަޕޫލް ދަނޑުގައި އެތުލެޓިކޯ އިން ކުޅޭއިރު، މިރޭގެ މެޗުގައި ކްލޮޕާ ސަލާމްކުރާނެތޯ އެހުމުން ސިމިއޯނީ ބުނީ ލިވަޕޫލާ ކުޅުނު ފުރަތަމަ މެޗަށް ފަހު ވެސް ވާނީ ސަލާމްކުރުމާ މެދު އޭނާގެ ވިސްނުން ހިއްސާކޮށްފައި ކަމަށެވެ.
2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން ސިމިއޯނީ (ވ) އާއި ކްލޮޕް.
"އަހަރެން މެޗަށް ފަހު ސަލާމްކުރަން ބޭނުން ނުވަނީ ވަރަށް ތަފާތު އިހުސާސްތަކެއް ދެ ޓީމަށް ވެސް މެޗަށް ފަހު އޮންނާނީ. އެ ޖަޒުބާތީ ވަގުތުގައި އަހަރެމެން ވަކިކަމެއް ދައްކަން ސަލާމްކުރުން އަހަންނަކަށް ކަމަކުނުދޭ،" ސިމިއޯނީ ބުންޏެވެ.
"އަހަންނަށް ހީވާގޮތުގައި އެގޮތަށް ސަލާމް ކޮށްކޮށް އިނގިރޭސިވިލާތުގައި މި އޮތީ އާދަވެފައި. އަހަރެން ބޭނުމެއް ނެތް އިނގިރޭސިންގެ ބޯދާ ވިސްނުމަކާ އެއްގޮތަށް ކަންކުރަން. އަހަރެން ބޭނުމީ އަހަރެން ދެކޭ ގޮތަށް އަމިއްލަ ވިސްނުމުގައި ކަން ކުރަން،"
ސިމިއޯނީ ބުނީ އެއީ ކްލޮޕް ނޫނީ ލިވަޕޫލް ވެގެން އޭނާ ކަންތައް ކުރަން ބޭނުންވާ ގޮތެއް ނޫން ކަމަށާއި އެއީ އެކަމާ މެދު އޭނާ ގަބޫލުކުރާ ގޮތް ކަމަށެވެ.
މިރޭގެ މެޗަކީ އެތުލެޓިކޯގެ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒަށް ހާއްސަ މެޗެކެވެ. ލިވަޕޫލް ދޫކޮށްލި ފަހުން ދެ ވަނަ ފަހަރަށް އެ ޓީމުގެ ދަނޑު، އެންފީލްޑްގައި ސުއަރޭޒް ކުޅޭ މެޗެވެ. އެންމެ ފުރަތަމަ ކުޅުނީ ބާސެލޯނާ ޖޯޒީގަ އެވެ. އެ މެޗުން 4-0 އިން ބަލިވިއިރު، ދެ ވަނަ ފަހަރަށް ނުކުމެ، އެތުލެޓިކޯ ޖޯޒީގައި ބަލިވާން ބޭނުންނުވާ ކަމަށް ސުއަރޭޒް ވަނީ ބުނެފަ އެވެ.
މިރޭ އެތުލެޓިކޯ އަތުން އަމިއްލަ ދަނޑުގައި ބަލިނުވެ ފަރުޖައްސާލައިގެން ލިވަޕޫލަށް ބާކީ ދެ މެޗު އޮއްވައި އަނެއް ބުރުގެ ޖާގަ ކަށަވަރު ކުރެވޭނެ އެވެ. އެންފީލްޑްގައި މިރޭ އެތުލެޓިކޯއާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.
Comment