3 ނޮވެންބަރު 2021 - 08:55 0
މާޖިދާ އިއްޔެގެ މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
3 ނޮވެންބަރު 2021 - 08:55 0
މިހާރު ކުރިއަށްދާ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި ރޭ ކުޅެވުނު ތިން ސެމީ ފައިނަލް މެޗުތަކުން މޮޅުވެ، ފިރިހެން ބައިގެ ފައިނަލުގެ ފަހު ޖާގަ އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ އިން ހޯދިއިރު، އަންހެން ޑިވިޝަނުގެ ފައިނަލުގެ ފަހު ޖާގަ ފާތިމަތު ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާގެ ޕެއާ އިން ހޯދައިފި އެވެ.
ހުޅުމާލޭ ބީޗް ވޮލީކޯޓުގައި އިއްޔެ އާއި ރޭގެ މެޗުތައް ކުޅުނުއިރު، އިއްޔެ ހަވީރު ފުރަތަމަ ސެމީގައި ބަލިވި ޖޫޒާން އާއި މާޖިދާގެ ޕެއާ ވަނީ ތިން ވަނަ ސެމީގައި އާމިނަތު ޝަހާ ޝާމިން އާއި މަރިޔަމް ހަލީމްގެ ޕެއާ ބަލިކޮށްފަ އެވެ. މާޖިދާ އާއި ޖޫޒާންގެ ޕެއާ މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ. ޝަހާ އާއި މަރިޔަމްގެ ޕެއާ އިން ފުރަތަމަ ސެޓު 23-21 އިން ގެންގޮސްފައިވަނިކޮށް ޖޫޒާން އާއި މާޖިދާގެ ޕެއާ މެޗު ކާމިޔާބުކުރީ ދެން ކުޅުނު ދެ ސެޓު 21-18 އާއި 15-08 އިން ގެންގޮސްގެންނެވެ.
ޝަހާ އާއި މަރިޔަމްގެ ޕެއާ ތިން ވަނަ ސެމީ އަށް ދަތުރުކުރީ ދެ ވަނަ ސެމީގައި އައިޝަތު ޝާލިނީ އާއި ފާތިމަތު ސަމްހާގެ ޕެއާ އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-11 އާއި 21-19 އިންނެވެ.
ފިރިހެން ޑިވިޝަނުގެ ދެ ވަނަ ސެމިގައި ކޯކޭ އާއި ޑެންޒޯގެ ޕެއާ އިން ބައްދަލުކުރީ އަދްނާން އަބްދުލް ހަމީދާއި އަލީ ޝިމާލްގެ ޕެއާއާ އެވެ. މި މެޗުން ކޯކޭ އާއި ޑެންޒޯގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. އެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-14 އާއި 21-15 އިންނެވެ.
ފައިނަލުގެ ޖާގަ ހޯދަން ކޯކޭ އާއި ޑެންޒޯގެ ޕެއާ ވާދަކުރަން ޖެހުނީ ފުރަތަމަ ސެމީން ބަލިވި އާދަމް ނަސީމް (އެޑަމް) އާއި ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ)ގެ ޕެއާއާ އެވެ. ކޯކޭ އާއި ޑެންޒޯގެ ޕެއާ އިން މި މެޗު ކާމިޔާބުކުރީ 21-15، 21-17 އިންނެވެ.
ކޯކޭ (ކ) އާއި ޑެންޒޯގެ ޕެއާ: ފައިނަލުން ވަނީ ފުރުސަތު ހޯދާފައި.-- ފޮޓޯ: ބްރަދާސް އެފްސީ/ ސޯޝަލް މީޑިއާ
ފިރިހެން ބައިގެ ފައިނަލުގައި މިއަދު ކުޅޭނީ އަޝްފާގު އާދަމް (އައްކަޅޭ) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ ޕެއާ އާއި ޑެންޒޯ އާއި ކޯކޭގެ ޕެއާ އެވެ. އަދި އަންހެން ބައިގައި ފައިނަލްގައި އައިމިނަތު އަރީޝާ (އަރީ) އާއި އައިޝަތު އިމްތިނާންގެ ޕެއާ ނުކުންނާނީ ފުރަތަމަ ސެމީގައި އެ ޓީމު އަތުން ބަލިވި މާޖިދާ އާއި ޖޫޒާންގެ ޕެއާއާ ދެކޮޅަށެވެ.
ތޭވީސް އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ފަހު ޖާގަ ހޯދީ މުހައްމަދު އަމާން އަސްލަމް އާއި ހަސަން ސަމީހްގެ ޕެއާ އިންނެވެ. އެއީ ރޭ ކުޅުނު ސެމީގައި އަހުމަދު މުޒުލިފާއި މާދިހު މުހައްމަދުގެ ޕެއާ 21-15، 21-12 އިން ބަލިކޮށްގެންނެވެ.
މުބާރާތުގެ ތޭވީސް އަހަރުން ފަށުގެ ބައިގެ ފައިނަލުގައި ކުޅޭނީ އަމާން އާއި ސަމީހުގެ ޕެއާ އާއި އަހުމަދު ނާފިއު އާއި ޝާމިލް މުހައްމަދުގެ ޕެއާ އެެވެ. ތޭވީސް އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލުގައި އައިމިނަތު އަފާފް ނިޒާމާއި ނަރީމާ އިދުރީސްގެ ޕެއާ ކުޅޭނީ ފާތިމަތު މާހިޔާ އާއި އައިޝަތު ޒައިނާ އިބްރާހިމްގެ ޕެއާއާ އެވެ.
ނަވާރަ އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލުގައި ހައިލަމް ހަސަން އާއި މާއިޝް އަހުމަދުގެ ޕެއާ ބައްދަލުކުރާނީ މައުޒޫން ނިޔާޒާއި ޝާއިން އަބްދުﷲގެ ޕެއާއާ އެވެ.
ގައުމީ ބީޗްވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުތައް އޮންނާނީ މިއަދު ހަވީރާއި މިރޭ އެވެ.
Comment