Advertisement

ރަހީނުކުރިކަމުގެ ތުހުމަތުވާ މީހާ ހެކި ނެތުމުން ދޫކޮށްލައިފި

2 ނޮވެންބަރު 2021 - 14:15 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

އަންހެނެއް ރަހީނުކުރިކަމުގެ ތުހުމަތުވާ މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފި


ރަހީނުކުރިކަމުގެ ތުހުމަތުވާ މީހާ ހެކި ނެތުމުން ދޫކޮށްލައިފި

2 ނޮވެންބަރު 2021 - 14:15 0

ފުރާވަރު އަންހެން ކުއްޖެއް ލިފްޓުން ނިކުތް ވަގުތު ރަހީނުކޮށް، ގަދަކަމުން މާލެ ގެނައި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި ހައްޔަރު ކުރި މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

އަންހެން މީހާގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ހުޅުމާލޭގައި އެ މީހުން ދިރިއުޅޭ ގޭގެ ލިފްޓު ދޮށުގައި އެ ޒުވާނާ ފާރަލައިގެން ހުރެ، ލިފްޓު ހުއްޓި ވަގުުތު އޭނާ ލިފްޓުން ނެރެގެން، މާލޭގައި ހުންނަ ފިރިހެން މީހާގެ ގެއަށް ގެންގޮސް، އަނިޔާ ކޮށްފައިވެ އެވެ.

އެ ތުހުމަތުގައި އެ ޒުވާނާ ހައްޔަރު ކުރީ އޮކްޓޯބަރު 22 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އަދި ކޯޓަށް ގެންދިޔުމުން 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖެހި އެވެ. އެ މުއްދަތު ހަމަވީ އިއްޔެގެ ނިޔަލަށެވެ.

އިއްޔެ ކްރިމިނަލް ކޯޓަށް ބަންދު އިތުރު ކުރުމަށް ގެންދިޔުމުން އެ ކޯޓުން ވަނީ ޝަރުތުތަކަކާއެކު އެ ޒުވާނާ ދޫކޮށްލާފަ އެވެ.

ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ވަނީ އެ ޒުވާނާގެ މައްޗަށް ތުހުމަތުކޮށް ތަހުގީގު ކުރަނީ ޖިސްމާނީ ބޮޑު އަނިޔާވެރި އަމަލެއް ކަމަށް ނުވާތީއާއި، އެފަދަ ގަރީނާ އެއް ވިޔަސް ލިބިފައި ނުވާތީ ބަންދަށް ލުއިދެވިދާނެ ކަމަށް ފުލުހުން ވެސް ބުނެފައިވާ ކަމަށެވެ.

ކޯޓުން ކުރި އަމުރުގައި އިތުރަށް ފާހަގަކޮށްފައި އޮތީ އެ މައްސަލައިގެ އިންވެސްޓިގޭޓިވް އޮފިސަރަށް މައްސަލައާ ގުޅޭ ދެ ފުޓޭޖެއް ލިބިފައިވާ ކަމަށް ބުނި ނަމަވެސް، އެއިން ފެންނަނީ އެ ދެ މީހުން ސައިކަލުގައި ދާތަނާއި ގެ ކައިރީ އުޅޭތަން ކަމަށެވެ. އަދި ނުރުހުމުގައި އެއްވެސް ކަމެއް ކުރާތަން އެ ފުޓޭޖުތަކުން ނުފެންނަ ކަމަށް ޝަރީއަތުގައި ފުލުހުންގެ އައިއޯ ވެސް ބުނެފައިވާކަން ފާހަގަކުރައްވައިފައި ވެއެވެ.

ބަންދުން ދޫކޮށްލިއިރު ކުރި ޝަރުތުތައް:


* މާލެ ސަރަހައްދުން ބޭރަށްދާނަމަ ފުލުހުންގެ ހުއްދަ ހޯދުން. * ތަހުގީގަށް ހާޒިރުވާން އަންގާ ވަގުތަކަށް އަންގާ ގޮތަކަށް ހާޒިރުވުން. * މި މައްސަލައާ ގުޅުންހުރި އެއްވެސްފަރާތަކާ މުއާމަލާތު ނުކުރުން. އަދި އެހެން މީހަކު މެދުވެރިކޮށްވެސް އެފަދަ މުއާމަލާތެއް ނުކުރުން. * މައްސަލައިގެ ތަހުގީގަށް ހުރަސްއެޅޭނެ އެއްވެސް އަމަލެއް ނުކުރުން. * އިރުއޮއްސި 6 ކުން ހެނދުނު 7 ކާ ހަމައަށް ގެއިން ބޭރަށް ނުދިއުން.

މި މައްސަލަ ތަހުގީގު ކުރަނީ އަނިޔާގެ މައްސަލައެއްގެ ގޮތުގައި ކަމަށާއި ރަހީނުކުރުމުގެ މައްސަލައެއް ގޮތުގައި ނޫން ކަމަށް ޝަރީއަތުގައި ފުލުހުން ބުނެފައިވެ އެވެ.

ރަހީނުކުރި ކަމަށް ބުނާ މައްސަލާގައި އަންހެން ކުއްޖާގެ އާއިލާއިން ވަނީ ސޯޝަލް މީޑިއާގައި ވެސް އެ ކުއްޖާއަށް އިންސާފު ހޯދައިދީ, ފިރިހެން މީހާއަށް އަދަބު ދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފަ އެވެ.