2 ނޮވެންބަރު 2021 - 13:47 3
ހަސަން މުހައްމަދު
އެންސީއައިޓީ: ލައިސެންސު ގަތުމަށް މީގެ ކުރިން މައިކްރޯސޮފްޓާއެކު ވެސް ދައުލަތުން ސޮއި ކުރި -- ފޮޓޯ: އެންސީއައިޓީ
2 ނޮވެންބަރު 2021 - 13:47 3
ސަރުކާރުގެ އޮފީސްތަކުގައި ބޭނުން ކުރާ ކޮމްޕިއުޓަރު ސިސްޓަމްތަކަށް މައިކްރޯސޮފްޓް އޮފީސްގެ ލައިސެންސު ގަތުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 42 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
އާދިއްތަ ދުވަހު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 36.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި މައިކްރޯސޮފްޓް-365 ގަތުމަށް ހިމަނާފައި ވަނީ ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ބަޖެޓުގަ އެވެ.
މައިކްރޯސޮފްޓް އޮފީސްގެ ލައިސެންސު ގަތުމަށް ހިމަނާފައިވާ 42 މިލިއަން ރުފިޔާއަކީ އެ އޮފީހަށް ލިބޭ ޖުމްލަ 64.4 މިލިއަން ރުފިޔާގެ ބަޖެޓުގެ 65 ޕަސެންޓެވެ.
މައިކްރޯސޮފްޓުގެ ވެބްސައިޓުގައި ހުރި އަގުތަކަށް ބަލާއިރު އޮފީސް-365 ބިޒްނަސް ސްޓޭންޑާޑް ޕެކޭޖެއް ލިބެނީ މަހަކަށް 10 ޑޮލަރު ނުވަތަ 154ރ. އަށެވެ. އަހަރަކަށް ބަލާނަމަ އެއީ 120 ޑޮލަރު ނުވަތަ 1850ރ. އެވެ. އެ އަގަށް ބަލާއިރު 42 މިލިއަން ރުފިޔާއަށް އަހަރަކަށް 22،702 ލައިސެންސު ގަނެވޭނެ އެވެ.
ސަރުކާރުގެ އޮފީސްތަކުގައި ބޭނުން ކުރަނީ ކިތައް ކޮމްޕިއުޓަރުކަން ބަޖެޓުން އެނގޭކަށް ނެތެވެ.
މައިކްރޯސޮފްޓް ވޯޑް، އެކްސެލް، ޕަވާ ޕޮއިންޓު އަދި ބައެއް އެހެން ސޮފްޓްވެއާ ހިމެނޭ އޮފީސް 365 ގަތުމަށް 42 މިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނާފައިވާއިރު މީގެ ކުރިން ފަސް އަހަރުގެ މުއްދަތަކަށް އެ ލައިސަންސު ގަތުމަށް 2016 ވަނަ އަހަރު ސަރުކާރުން ވަނީ 83.9 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގައި ސޮއިކޮށްފަ އެވެ.
އެންސީއައިޓީ ކުރީގެ އިސްވެރިޔާ މުހައްމަދު އަޝްމަލީގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ އެ ޕްރޮޖެކްޓުގެ ދަށުން ބިޑު ކާމިޔާބު ކުރި ފަރާތުން 2020 ވަނަ އަހަރާ ހަމައަށް ސަރުކާރަށް މައިކްރޯސޮފްޓުގެ ލައިސެންސު ފޯރުކޮށްދޭންޖެހެ އެވެ.
އޭގެ އިތުރުން، މައިކްރޯސޮފްޓުގެ ލައިސެންސު ގަތުމަށް 2016 ވަނަ އަހަރު ދިވެހި ސަރުކާރާއި މައިކްރޯސޮފްޓާ ދެމެދު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އަޝްމަލީ ވިދާޅުވެފައި ވަނީ މައިކްރޯސޮފްޓުގެ ލައިސެންސު ގަތުމަށް ސަރުކާރުން އަހަރަކު 20 މިލިއަން ރުފިޔާ ހޭދަ ކުރަންޖެހޭ ކަމަށެވެ.
"މި އެއްބަސްވުމާއެކު މައިކްރޮސޮފްޓްގެ ސޮފްޓްވެއާތަކަށް ވަދެވޭނެ. މީގެ އެންމެ ބޮޑު ފައިދާއަކީ މައިކްރޮސޮފްޓުން އިތުރު ވާޝަންއެއް ނެރުނަސް ވަރަށް ކުޑަ އަގެއްގައި ސޮފްޓްވެއާ އަޕްގްރޭޑް ކުރުމާއި ޑައުންގްރޭޑް ކުރުމުގެ ހިދުމަތްތައް ލިބޭނެ،" އޭނާ ވިދާޅުވެފައިވެ އެވެ.
Comment