Advertisement

މޫސުމީ އެލާޓްތަކުގައި ލައިފްޖެކްޓް މަޖުބޫރުކޮށް ބައެއް އުޅަނދުތައް ދުއްވުން މަނާކޮށްފި

31 އޮކްޓޯބަރު 2021 - 19:21 1

ނާޒިމް ހަސަން

ނާޒިމް ހަސަން

މޫސުން ގޯސް ދުވަހެއްގައި ބަޔަކު ކަނޑުމަތީ: ލައިފްޖެކްޓް އެޅުން ވަނީ މަޖުބޫރުކޮށްފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


މޫސުމީ އެލާޓްތަކުގައި ލައިފްޖެކްޓް މަޖުބޫރުކޮށް ބައެއް އުޅަނދުތައް ދުއްވުން މަނާކޮށްފި

31 އޮކްޓޯބަރު 2021 - 19:21 1

މޫސުން އަދި ހާލަތަށް ރިއާޔަތްކޮށް ލައިފްޖެކްޓް އެޅުން ލާޒިމްކޮށް އަދި ބައެއް އުޅަނދުތައް ދުއްވުން މަނާކޮށް ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު އިސްލާހުކޮށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ގެޒެޓްކޮށްފި އެވެ.

ކަނޑުމަތީގައި ނުރައްކާތެރި ހާދިސާއެއް ހިނގައި, އަންހެނަކު މަރުވެ ކުޑަކުއްޖަކު ގެއްލުނު ހާދިސާއާ ގުޅިގެން ލައިފްޖެކްޓް އެޅުން މަޖުބޫރު ކުރުމުގެ ވާހަކަ ގަދަވި އެވެ. އެއާއެކު ލައިފްޖެކްޓް އެޅުން ލާޒިމް ކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ހަލުވި ކުރި އެވެ.

އެގޮތުގެ މަތިން އިސްލާހުކޮށް މިއަދު ޝާއިއުކުރި ގަވައިދުގައިވާ ގޮތުން, ވަށައިގެން ބަންދު ކުރެވިފައި ހުންނަ އުޅަނދުތަކާއި ނުވަ މީޓަރުން މަތީގެ އުޅަނދުތަކުގައި ލައިފްޖެކްޓް އޮންނަންވާނީ ފަސިންޖަރުންގެ އަތުގަ އެވެ.

އޭގެއިތުރުން ގަވައިދުގައި ބުނާ ހާލަތެއްގައި ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމާއި، ލައިފްޖެކެޓް އަޅާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ ކެޕްޓަންގެ ޒިންމާއެކެވެ. އެ ހާލަތަކީ;

  • ނުވަ މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ދަތުރެއް ފެށުމުގެ ކުރިން
  • މޫސުމީ ސަމާލު ނެރެފައިވާ ސަރަޙައްދެއްގައި ދަތުރުކުރާނަމައެ ސަރަހައްދެއްގައި އެ ދަތުރެއް ފެށުމުގެ ކުރިން
  • މޫދު ކުޅިވަރަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުފަހަރާއި މުނިފޫހިފިލުވުމަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން ނުވަ މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ދުއްވާނަމަ އެ ދަތުރެއް ފެށުމުގެ ކުރިން

ގަވައިދުގައިވާ ގޮތުން އާންމު ދަތުރުފަތުރުގެ ގޮތުގައި ފެރީގެ ހިދުމަތް ދިނުމަށާއި، މީހުން އުފުލާ ހުރިހާ އުޅަނދުފަހަރުގައި ލައިފްޖެކެޓް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ބަހައްޓަން ވާނެ އެވެ. އަދި އުޅަނދު ފުރުމުގެ ކުރިން ލައިފްޖެކެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފަސިންޖަރުންނަށް ފޯރުކޮށްދޭންވާނެ އެވެ. އަދި ދަތުރުމަތީގައި އެއްވެސް ބޭނުމެއްގައި ނޫނީ އެއްވެސް ހާލަތެއް މެދުވެރިވެގެން ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ގެ ގަނޑުން ބޭރަށް ނިކުންނަންޖެހޭ ވަގުތުތަކުގައި ބޭރަށް ނުކުންނަންވާނީ ލައިފްޖެކެޓް އަޅައިގެން ކަމަށް ވެސް ގަވައިދުގައިވެ އެވެ.

ގަވައިދުގައި ބައެއް ހާލަތްތަކުގައި އުޅަނދުފަހަރު ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އެގޮތުން, މޫސުމީ ސަމާލުގެ ތެރެއިން ރީނދޫ، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ސަރަހައްދެއްގައި، ނުވަ މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާކަމެކެވެ.

ނަމަވެސް, ސަރުކާރުގެ އިދާރާއަކުން ހުއްދަ ލިބިގެން ކުރާ އިމަޖެންސީ ދަތުރުތައް ކުރުމަށް ހުރަހެއް ނެތް ކަމަށް ގަވައިދުގައިވެ އެވެ.

އުސޫލު ހަރުކަށިކުރި ގަވައިދުގައިވާ ކަންކަމާ ހިލާފުވެއްޖެނަމަ ޖޫރިމަނާ ކުރެވޭނެ ގޮތާއި އަދަދުތައް ވެސް ވަނީ ހިމަނާފަ އެވެ. އޭގެއިތުރުން ގަވައިދުގައި ބުނާ ކަމަކަށް އިހުމާލުވުމާއި، ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން ފަސިންޖަރަކަށް ނުވަތަ ފަޅުވެރިއަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަން ތަހުގީގު ކުރުމަށް ފުލުހުންނަށް ފޮނުވުމުގެ އިހުތިޔާރު ވެސް ގަވައިދުގައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީއަށް ދީފަ އެވެ.

މިއަދު އާންމުކުރި ގަވައިދުގައިވާ ގޮތުން ކޮންމެ އުޅަނދެއްގައިވެސް، އެ އުޅަނދު ދަތުރުކުރާ ސަރަހައްދަކަށް ކަނޑައަޅާފައިވާ ކެޓަގަރީއަކަށް ފެތޭގޮތަށް، ކެޕްޓަނުންނާއި ފަޅުވެރިންނާއި، މެރިން މެކޭނިކުން ތިބެންވާނެ އެވެ. އަދި މެރިން މެކޭނިކުންނަކީ ދިވެހި ރައްޔިތުން ކަމުގައި ވާންވާނެ ކަމަށް ވެސް ގަވައިދުގައި ބުނެ އެވެ.

މިއަދު މި ގެނެވުނު އިސްލާހުތަކަކީ 2019 ވަނަ އަހަރުގެ ފަޅުކޮޅު ހދ. ނޮޅިވަރަންފަރުން ހދ. ހަނިމާދުއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހަކު މަރުވި ހާދިސާއަށް ފަހު ރައްޔިތުންގެ މަޖިލީހާއި އެހެން ވެސް މުއައްސަސާތަކުން ގުޅިގެން ކުރި މަޝްވަރާތަކަށްފަހު ގެންނަން ފެންނަ ކަމަށް އެއްބަސްވި އިސްލާހުތަކެކެވެ.