Advertisement

ދެ ރައީސުން ކޮޕް26 އަށް ވަޑައިގަތީ ދުބާއީ މަގުން އެކުގައި

29 އޮކްޓޯބަރު 2021 - 17:01 0

ރައީސް ސޯލިހު (ކ) އާއި ރައީސް ނަޝީދު އެމިރޭޓްސްގެ ބޯޓުގައި ދަތުރަށް ތައްޔާރުވެގެން. --ފޮޓޯ: ސޯޝަލް މީޑިއާ


ދެ ރައީސުން ކޮޕް26 އަށް ވަޑައިގަތީ ދުބާއީ މަގުން އެކުގައި

29 އޮކްޓޯބަރު 2021 - 17:01 0

ތިމާވެށީގެ ބޮޑު ސަމިޓް، ކޮޕް26 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސްކޮޓްލެންޑުގެ ވެރިރަށް ގްލާސްގޯއަށް މިއަދު ވަޑައިގަތީ ދުބާއީ މަގުން އެކުއެކީގަ އެވެ.

މިއަދު ހެނދުނު ނަޝީދު ރާއްޖޭން ފުރާވަޑައިގެން، ދުބާއީގައި ޓްރާންސިޓް ކުރައްވައި ރައީސް ސޯލިހާ އެކު މެންދުރުފަހު އޮތް ފްލައިޓުން ގްލާސްގޯ އަށް ފުރުއްވީ އެވެ. ރައީސް ދުބާއީގައި ހުންނެވީ އެކްސްޕޯ 2020 ބައްލަވާލެއްވުމަށެވެ.

ދެ ބޭފުޅުން އެމިރޭޓްސްގެ ބިޒްނަސް ކްލާހުގައި ޖެހިޖެހިގެން ތިއްބަވައި ނަންގަވާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އެބަ ދައުރުވެ އެވެ.

ރައީސްއާ އެކު ދުބާއީ އަށް ވަޑައިގެންނެވި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ގްލާސްގޯ އަށް ވަޑައިނުގަންނަވަ އެވެ. އެކަމަނާ ވަނީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފަ އެވެ.

ރައީސް ސޯލިހާއި ނަޝީދުގެ އިތުރުން ތިމާވެށީގެ ވަޒީރު އައިމިނަތު ޝައުނާ އާއި މަތީ ފަންތީގެ ވަފުދެއް ރާއްޖޭން ކޮޕް26 ގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސް ސޯލިހު އާއި ނަޝީދު އެކުއެކީގައި އދ. ގެ 26 ވަނަ ކްލައިމެޓް ޗޭންޖް ސަމިޓަށް މި ވަޑައިގަތީ، ދެ ބޭފުޅުންގެ ގޯސްވި ގުޅުން ރަނގަޅުވެފައިވާ ވަގުތެއްގަ އެވެ. ޒަމާންވީ "ބެސްޓްފްރެޑުން" ގެ ދެމެދުގައި މައްސަލަ ގޯސްވެ ނަޝީދު ވަނީ، ރައީސްއާ އެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު ފަހުން ނަޝީދު ވަނީ އެ ބަސް އަނބުރާ ގެންދަވައިފަ އެވެ.

މޭ 6 ވަނަ ދުވަހު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއިން ލިބުނު ގެއްލުންތަކަށް ފަރުވާ ހޯއްދެއްވުމަށް ޖަރުމަން ވިލާތާއި އިނގިރޭސި ވިލާތުގައި ހުންނެވުމަށް ފަހު އެމަނިކުފާނު މި މަހު 13 ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ވެސް ރައީސް ސޯލިހެވެ.

އޭގެ ފަހުން ދެ ބޭފުޅުން ވަނީ ރައީސް އޮފީހުގައި ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އޮތީ ނަޝީދު އެކަމަކަށް އެންމެ ބޮޑަށް ވަކާލާތުކުރައްވާ އަދި ދެ ބޭފުޅުންގެ މެދުގައި ކުނި ޖެހެން މެދުވެރިވި އެއް ސަބަބު ކަމަށްވާ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ހުރި ހިޔާލު ތަފާތުވުންތައް ނައްތާލަން މަސައްކަތްކުރެއްވުމެވެ.

ނިޒާމް ބަދަލުކުރުމުގެ މަޝްވަރާގެ އިތުރުން ދެބޭފުޅުން ވަނީ އިގްތިސާދީ ދާއިރާގެ ކަންކަމާ ބެހެގޮތުންނާނި އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ.

ނަޝީދު ދާދި ފަހުން ވިދާޅުވި ގޮތުގައި ނިޒާމު ބަދަލުކުރުމާ ގުޅޭ ވާހަކަ ދެން އެމަނިކުފާނު ދައްކަވާނީ ރައީސްއާ ބައްދަލުކުރައްވައި އެކަމުގެ މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.

މިއަދުގެ ބައްދަލުވުމަށް ފަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ރައީސަށް ޝުކުުރުއަދާކުރައްވައި ވިދާޅުވީ "އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް" ކަމަށެވެ.

ނަޝީދު ބޭނުން ވަނީ 2023 ގެ އިންތިހާބު ނުބާއްވައި ބަރުލަމާނީ ނިޒާމަކުން ވެރިކަން ހިންގަން ފެށުމަށެވެ. އެ ނިޒާމުގައި އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރަސްމީކޮށް ރައީސް ސޯލިހުގެ އަރިހުން އޮތީ އެދިވަޑައިގެންފަ އެވެ.

ރައީސަށް ފޮނުއްވި މެސެޖުގައި ނަޝީދު ކުރިން އެދިވަޑައިގެންގައި އޮތީ 2023 ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ. ޖެހިގެން އަންނަ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްދާއިރު, ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ. އެކަމަކު ރައީސް ސޯލިހް މިހާތަނަށް ތަކުރާރުކޮށް ދެއްވި ޖަވާބަކީ ނިޒާމުގެ ވޯޓުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ.

ދެ ބޭފުޅުންގެ ގުޅުން ރަނގަޅުވުމާ އެކު، ދެ ބޭފުޅުންގެ ފެކްޝަނުގެ މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުންގެ މެދުގައި ބަދަލުކުރެވެމުން ދިޔަ ބަހުގެ ހަމަލާތަކަށް ވެސް ވަނީ މިވަގުތު ނިމުމެއް އައިސްފަ އެވެ.

އަނެއްކޮޅުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ނޮވެމްބަރު 12 އަށް ބާއްވާ އދ. ގެ 26 ވަނަ ކްލައިމެޓް ޗޭންޖް ސަމިޓަށް ދެ ބޭފުޅުން އެކުގައި ވަޑައިގަތުމަކީ ތިމާވެށި ހިމާޔަތްކުރަން ރާއްޖޭން ގޮވާލާ ގޮވުންތަކަށް ދެވޭނެ އިތުރު ބާރެކެވެ.

ނަޝީދަކީ ކުރީއްސުރެ ތިމާވެށީގެ ހައްގުގައި ވަރަށް ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. މޫސުމީ ބަދަލުގެ އަސަރުތައް އެންމެ ބޮޑަށް ކުރާ ގައުމުތައް ހިމެނޭ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ އެމްބިޝަން އެމްބެސެޑަރުގެ ދައުރު ވެސް އަދާ ކުރައްވާ ނަޝީދަކީ، އެމަނިކުފާނުގެ ވެރިކަމުގައި، ޑެންމާކުގެ ވެރިރަށް ކޯޕެންހޭގަންގައި އޮތް ކޮޕް ސަމިޓުގައި ވެސް ވަރަށް ބޮޑަށް އަޑުއުފުލެއްވި ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ތިމާވެށީގެ މައްސަލަތަކަށް ސަމާލުކަން ހޯއްދެއްވުމަށް ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުމެއް ވެސް ބާއްވަވައިފަ އެވެ.

ދާދި ފަހުން އިންޑިއާގެ "ދަ ހިންދޫ" އަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ މޫސުމީ ބަދަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ގައުމުތަކުގެ ވިސްނުމަކީ ދަރަނި އަލުން ސްޓްރަކްޗާ ކުރުން ކަމަށާއި އެކަމާ ގުޅޭ އުފާވެރި ހަބަރުތަކެއް ކުރިއަށް އޮތް ކޮޕް26 ސަމިޓުގެ ތެރެއިން ލިބުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ކޮޕް އަށް ދާނީ އެއް ވިސްނުމެއްގައި. އެ ވިސްނުމުގައި ހަމަ ޔަގީނުން ވެސް ދަރަނި ރީސްޓްރަކްޗާ ކުރުން ހިމެނޭނެ،" ސީވީއެފް ގައުމުތަކުގެ ވިސްނުން ހާމަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތު ބަޔާންކުރައްވަމުން ނަޝީދު ވިދާޅުވީ ރާއްޖެ ވަނީ ވަރަށް ބޮޑެތި އަދަދުތަކުން ޗައިނާ އަށް ދަރާފައި ކަމަށާއި ނަމަވެސް މޫސުމީ ބަދަލުގެ އަސަރާއެކު ރާއްޖެ ނެތިގެން ހިނގައްޖެ ނަމަ އެ ފައިސާ އަނބުރާ ޗައިނާ އަށް ދެއްކޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.