Advertisement

ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބާއްވަން ދެކުނު އެމެރިކާ އިން ދެކޮޅު

28 އޮކްޓޯބަރު 2021 - 10:29 0


ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބާއްވަން ދެކުނު އެމެރިކާ އިން ދެކޮޅު

28 އޮކްޓޯބަރު 2021 - 10:29 0

އަސުންސިއޯން (28 އޮކްޓޫބަރު) - ދެ އަހަރުން އެއް އަހަރު ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ދެކުނު އެމެރިކާގެ ގައުމުތަކުން ދެކޮޅު ކަމަށް އެ ސަރަހައްދުގެ ފުޓްބޯޅައިގެ މައި އިދާރާ ކޮންމެބޯލް އިން ބުނެފި އެވެ.

ފުޓްބޯޅައިގެ ކަލަންޑަރަށް ގެންނަ ބޮޑެތި ބަދަލުތަކުގެ ތެރެއިން، ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބޭއްވުމަށް ފީފާ އިން ވަނީ ހުށަހަޅައިފަ އެވެ. ފީފާ ވޯލްޑް ކަޕް މިހާރު ބާއްވަމުންދަނީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރެވެ.

ކޮންމެބޯލްގެ ކައުންސިލް ބައްދަލުވުމަކަށް ފަހު، ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބޭއްވުމާ ދެކޮޅު ކަމަށާއި ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބާއްވާނަމަ، ދެކުނު އެމެރިކާގެެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށެވެ.

"މިކަމުގައި އެއްވެސް ފައިދާއެއް، އަދި އެކަށީގެންވާ ސަބަބެއް ވެސް ނެތް،" ކޮންމެބޯލް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. "ދެ އަހަރުން އެއް އަހަރު ބާއްވާ ވޯލްޑް ކަޕެއްގައި ކޮންމެބޯލްގައި ހިމެނޭ 10 ގައުމުން ވެސް ބައިވެރިނުވާނެ."

ފީފާ ވޯލްޑް ކަޕް 1930 ވަނަ އަހަރުން ފެށިގެން ބާއްވަމުން ދަނީ ކޮންމެ ހަތަރު އަހަރުން އެއް އަހަރެވެ. ވޯލްޑް ކަޕްގެ ތާރީހަށް މިހާތަނަށް ބަދަލެއް އައީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރެއިން އެކަންޏެވެ.

ކޮންމެބޯލް އިން ބުނީ ފީފާ އިން ހުށަހަޅާފައިވާ ބަދަލަކީ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ތާރީހަށް ވިސްނާލުމެއް ނެތި، ފީފާ އިން ހުށަހަޅައިފައިވާ ކަމެއް ކަމަށެވެ.

"މިހާރު ވޯލްޑް ކަޕް ބާއްވަމުންދަނީ ކާމިޔާބު މޮޑެލްއެއްގެ ދަށުން،" ކޮންމެބޯލް އިން ބުންޏެވެ.

ފީފާ އިން ހުށަހަޅާފައިވާ ގޮތަށް ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބޭއްވުމަށް އެފްރިކާ ފުޓްބޯޅައިގެ މައި އިދާރާ އިންނާއި އޭޝިއާ އަށް ނިސްބަތްވާ ގިނަ ގައުމުތަކުން ތާއީދު ކުރެ އެވެ. އެކަމަކު ޔޫރަޕް ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާ އަދި ޔޫރަޕްގެ ބޮޑެތި ލީގުތަކުން ވެސް މިކަމާ ދެކޮޅެވެ. އަދި ބައެއް ގައުމުތަކުން ވަނީ އާ ހުށަހެޅުމާ އެއްގޮތަށް ވޯލްޑް ކަޕް ބާއްވާނަމަ ފީފާ އިން ވަކިވާނެ ކަމަށް ބުނެފަ އެވެ.

ފީފާ އިން ޑިސެމްބަރު މަހު ބާއްވާ ބައްދަލުވުމުގައި، ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބޭއްވުމާމެދު ފުޓްބޯޅައިގެ ސަރަހައްދީ އިދާރާތަކާ މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ. -- ބީބީސީ