Advertisement

ސާފްގެ ކާމިޔާބީއާ އެކު އިންޑިއާ ކޯޗު ސްޓިމަކަށް އޮތް ޕްރެޝަރަށް ލުޔެއް

20 އޮކްޓޯބަރު 2021 - 09:52 0

އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ސާފްގެ ކާމިޔާބީއާ އެކު އިންޑިއާ ކޯޗު ސްޓިމަކަށް އޮތް ޕްރެޝަރަށް ލުޔެއް

20 އޮކްޓޯބަރު 2021 - 09:52 0

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އިންޑިއާ އިން ހޯދުމާ އެކު އެ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކަށް ކުރިމަތިވެފައި އޮތް ޕްރެޝަރަށް ލުޔެއް ލިބިއްޖެ އެވެ.

އުމުރުން 54 އަހަރުގެ ސްޓިމަކް އިންޑިއާގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރުގެ މެއި މަހު އެވެ. މަގާމާ ހަވާލުވިތާ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ސްޓިމަކް ވަނީ އިންޑިއާ ގޮވައިގެން ދެ މުބާރާތުގައި ވާދަކޮށްފަ އެވެ. އެއީ 2019 ވަނަ އަހަރުގެ ޖޫން މަހު ތައިލެންޑްގައި ބޭއްވި ކިންގްސް ކަޕާއި ހަމަ އެ އަހަރު ޖުލައި މަހު އިންޑިއާގައި ބޭއްވި އިންޓަ ކޮންޓިނެންޓަލް ކަޕްގަ އެވެ.

ތައިލެންޑްގެ ކިންގްސް ކަޕްގައި އިންޑިއާ ދިޔައީ ތިން ވަަނަ އެވެ. އަމިއްލަ ގައުމުގައި ބޭއްވި އިންޓަ ކޮންޓިނެންޓަލް ކަޕްގެ ލީގު ބުރުގައި އިންޑިއާ ދިޔައީ އެންމެ ފުލަށެވެ. އެ މުބާރާތުގައި ކުޅުނީ އުތުރު ކޮރެއާ، ތަޖިކިސްތާން އަދި ސީރިއާ އެވެ. އޭގެ ފަހުން މި އަހަރު ޖުލައި މަހު ނިމުނު ވޯލްޑް ކަޕް ކޮލިފައިންގައި އިންޑިއާ ގޮވައިގެން ސްޓިމަކް ނުކުތް އަށް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. މި ހުރިހާ ކަމަކާ ހުރެ ސާފް ޗެމްޕިއަންޝިޕަށް މި ފަހަރު ނުކުތްއިރު، ސްޓިމަކަށް އޮތީ މަގާމު ދެމެހެއްޓުމުގައި ވަރަށް ޕްރެޝަރު ބޮޑުވެފަ އެވެ. އެކަންކަމާ ހުރެ އޭނާ ސާފަށް ނެގީ ވެސް އިންޑިއާގެ އެންމެ ވަރުގަދަ ޓީމެވެ.

މި ފަހަރުގެ ސާފްގައި ފުރަތަމަ ދެ މެޗުން އިންޑިއާ އަށް މޮޅެއް ނުލިބެ އެވެ. ބަންގްލަދޭޝާ 1-1 އިން އެއްވަރުވިއިރު، ސްރީ ލަންކާ އިން ވަނީ އިންޑިއާ ލަނޑެއް ޖެހިޔަނުދީ 0-0 އިން އެއްވަރުކޮށްފަ އެވެ. އޭގެ ފަހުން ލީގު ބުރުގައި ނޭޕާލް އަތުން 1-0 އިން އަދި ރާއްޖެ އަތުން 3-1 އިން މޮޅުވެ، އިންޑިއާ ފައިނަލަށް ދަތުރުކުރި އެވެ. އަދި ފައިނަލުގައި 3-0 އިން ނޭޕާލް ބަލިކޮށް އަށް ވަނަ ފަހަރަށް ސަރަހައްދުގެ ތަށި އުފުލާލި އެވެ.

އިންޑިއާގެ ކޯޗު ސްޓިމަކް ރާއްޖެ އަށް ސާފް ޗެމްޕިއަންޝިޕްގައި އިރުޝާދުދިން ކޯޗު ސުޒޭންއާ އެކު.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


"ވަރަށް ގިނަ އުނދަގޫ ކަންތައްތަކާ ތަޖުރިބާ ކޮށްފިން މި މަގާމުގައި ހުރެ. އަހަންނަށް އެނގޭ އިންޑިއާގެ މި އޮތް ބޮޑު އާބާދީގެ އެންމެން ރުހޭ ގޮތަށް އަހަންނަށް ކަންކަން ނުކުރެވޭނެކަން. އެކަމަކު ތަށްޓެއް ލިބުނީމަ އެންމެން ވެސް ހިތްހަމަޖެހޭނެ. ހަމަ ގައިމު އަހަރެން މި ހުރީ ފުރަތަމަ ކާމިޔާބީއާ އެކު ވަރަށް އުފަލުން. މިއީ ރަނގަޅު މިސްރާބަށް ދިއުމުގެ ފެށުމަކަށް ހެދިދާނެ،" ސްޓިމަކް ބުންޏެވެ.

ސްޓިމަކް ބުނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އަންނަ އަހަރު އޮތް އޭޝިއަން ކަޕް ކޮލިފައިން އަށް ދާން ވާއިރަަށް އިންޑިއާ އަށް ލިބުނު ރަނގަޅު މެޗުތަކެއް ކަމަށް ބުނެފަ އެވެ. އަދި މި މުބާރާތް އިންޑިއާ އަށް ކާމިޔާބު ކޮށްދިނުމުގައި ސުނިލް ޗެތުރީގެ ލީޑަޝިޕްގެ ދަށުން ޒުވާން ކުޅުންތެރިން ކުރި ހިތްވަރު ފާހަގަކުރާ ކަމަށް ސްޓިމަކް ވަނީ ބުނެފަ އެވެ.

"ޗެތުރީ އަށް އަބަދު ބަރޯސާވުމަކީ ރަނގަޅު ކަމެއް ނޫން. އެ ކުޅުންތެރިން ޗެތުރީގެ ކިބައިން ދަސްކޮށްގެން ކުރިއަށް ނުކުމެ އިންޑިއާ ލީޑުކުރަން އެބަޖެހޭ،" ސްޓިމަކް ބުންޏެވެ.

ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބާއްވަން ފީފާ އިން ވެސް ތާއީދުކުރަމުން އަންނައިރު، އެކަމާ ބެހޭގޮތުން ސްޓިމަކް ބުނީ މިއީ ގިނަ ގައުމުތަކަށް ވޯލްޑް ކަޕްގައި ކުޅެލަން ފުރުސަތު ލިބޭނެ ކަމެއް ކަމަށްވާތީ އެ ޕްރޮޕޯސަލަށް ތާއީދުކުރާ ކަމަށެވެ. އެއީ އިންޑިއާ އަށް ވެސް ފައިދާވާ ގޮތަށް އޮތުމުންނެވެ.

އެކަމަކު، މި ގޮތަށް ވޯލްޑް ކަޕް ބަދަލުކުރަން އުޅުމުގެ މުޅި ޖުމްލަ ގައުމުތަކަށް އޮތް ފައިދާ އާއި އަސްލު ސަބަބު ވަރަށް ފުޅާކޮށް އެންމެނަށް އަންގައިދޭން ޖެހޭ ކަމަށް ސްޓިމަކް ގަބޫލުކުރެ އެވެ،