Advertisement

އަންނަ އަހަރުގެ ބަޖެޓަށް އެމްޑީޕީ މެމްބަރުންގެ ހިޔާލު ރައީސް ހޯއްދަވައިފި

20 އޮކްޓޯބަރު 2021 - 08:37 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އަންނަ އަހަރުގެ ބަޖެޓުގެ ތަފްސީލް ހިއްސާކުރަން ރައީސް ސޯލިހު ބައެއް ވަޒީރުންނާއެކު އެމްޑީޕީގެ މަޖިލިސް މެމްބަރުންނާ ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން: ބޭނުމަކީ ބަޖެޓު ހުށަހެޅުމުގެ ކުރިން ހިޔާލު އެއްގޮތް ކުރުން ކަމަށް ރައީސް އޮފީހުން ބުނޭ -- ފޮޓޯ: ރައީސް އޮފީސް


އަންނަ އަހަރުގެ ބަޖެޓަށް އެމްޑީޕީ މެމްބަރުންގެ ހިޔާލު ރައީސް ހޯއްދަވައިފި

20 އޮކްޓޯބަރު 2021 - 08:37 0

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ދައުލަތުގެ ބަޖެޓަށް ވެރިކަން ހިންގާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީ މެމްބަރުންގެ ހިޔާލާއި މަޝްވަރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯއްދަވައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވާ ގޮތުން އަންނަ އަހަރު ހުށަހަޅަން ނިންމާފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މި މަހުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ތައްޔާރުވަމުން އަންނައިރު، ރައީސް ސޯލިހު ވަނީ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ މެމްބަރުންނާ މި ވެއެތުވެދިޔަ ދުވަސްތަކުގައި އެކިފަހަރު މަތިން ބައްދަލު ކުރައްވައިފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރޭ ބޭއްވި ބައްދަލުވުމަކީ އެމްޑީޕީ މެމްބަރުންނާއެކު ރައީސް ބޭއްވެވި އެންމެ ފަހު ބައްދަލުވުން ކަމަށެވެ.

އެގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މުހިންމު ޕީއެސްއައިޕީ މަޝްރޫއުތަކާއި އާމްދަނީ އާއި ހަރަދުގެ ބައެއް ތަފްސީލުތައް އެ ބައްދަލުވުންތަކުގައި އެމްޑީޕީ މެމްބަރުންނާ ހިއްސާކުރެއްވި ކަމަށް މަބްރޫކު ވިދާޅުވި އެވެ.

"މައިގަނޑު ގޮތެއްގައި އެ ބައްދަލުވުންތަކުގެ ބޭނުމަކީ، ބަޖެޓަށް މެމްބަރުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން، ބަޖެޓު މަޖިލީހަށް ހުށަހެޅުމުގެ ކުރިން ހިޔާލު އެއްގޮތް ކުރުން،" އޭނާ ވިދާޅުވި އެވެ.

މަބްރޫކު ވިދާޅުވި ގޮތުގައި އަންނަ އަހަރު ސަރުކާރުގެ ވިސްނުމަކީ އާ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގައި ހިމެނޭ ކަންކަމަށް އިސްކަން ދިނުން ކަމަށެވެ.

ނަމަވެސް، އުމްރާނީ އަދި އިޖުތިމާއީ ގޮތުން މެމްބަރުން ގެންގުޅުއްވާ ވިސްނުމާއި ހިޔާލުތައް ބަޖެޓުގައި ހިމެނުމަށް އެ ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވުނު ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

13 ބިލިއަން ރުފިޔާގެ ދަރަނި ނަގަން ޖެހޭ

ފިނޭންސް މިނިސްޓްރީގެ "ފިސްކަލް އެންޑް ޑެޓް ސްޓްރެޓަޖީ" ރިޕޯޓު ބުނާގޮތުން އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ، 23.6 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން، 37 ބިލިއަން ރުފިޔާގެ ބަޖެޓު ހަމަޖައްސަން 15.4 ބިލިއަން ރުފިޔާ ބޭނުންވެ އެވެ.

ބަޖެޓަށް ބޭނުންވާ ފައިސާގެ ބޮޑު ޕަސަންޓެއް ހަމަޖައްސަން ފިނޭންސުން ވިސްނަނީ ދަރަނި ނަގައިގެންނެވެ. މި ފައިސާ ހޯދާނީ އެތެރޭގެ ބާޒާރުގައި ޓީ-ބިލާއި ޓީ-ބޮންޑު ވިއްކައިގެންނާއި ބޭރުގެ ބާޒާރުގައި ސޮވަރިން ބޮންޑާއި ސުކޫކް ވިއްކައިގެންނާއި ބޭރުގެ ލޯނުގެ އެހީގެ އިތުރުން ސީދާ ޕްރޮޖެކްޓްތަކަށް ލޯނު ނަގައިގެންނެވެ.

ބަޖެޓުގެ ބާކީ ގެޕް ހަމަޖައްސަން ފިނޭންސުން ވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ން 771 މިލިއަން ރުފިޔާ ބޭނުންކުރަން ހަމަޖައްސާފަ އެވެ. ފިނޭންސުން އެންމެ ފަހުން އާންމުކުރި ފިސްކަލް ރިޕޯޓުގައި ބުނާ ގޮތުން އެސްޑީއެފް ފަންޑު ޖުމްލަ އަދަދަކީ 3.5 ބިލިއަން ރުފިޔާ އެވެ. އެކަމަކު ބޭންކު ބެލެންސްގައި ހުރީ 860 މިލިއަން ރުފިޔާ އެވެ.

ބާކީ ފައިނޭންސިން ހަމަޖައްސަނީ ސަރުކާރު ކުންފުނިތައް ޕްރިވެޓައިޒްކޮށްގެން ނޫނީ އެ ކުންފުނިތަކުގެ ހިއްސާ ވިއްކައިގެންނެވެ. މިގޮތަށް ޕްރައިވެޓައިޒްކޮށްގެން ވެސް 771 މިލިއަން ރުފިޔާ ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ. މިއި މި އަހަރުގެ ބަޖެޓުގައި ވެސް އާމްދަނީ ހޯދަން ހިމެނި ކަމެކެވެ. އެކަމަކު މިހާތަނަށް ކުންފުންޏެއް ނޫނީ ކުންފުންޏެއްގެ ހިއްސާއެއް ވިއްކައިގެން ސަރުކާރަށް އެއްވެސް އާމްދަނީއެއް ނުލިބެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނަނީ މިހާރުވެސް އަންނަ އަހަރަށް ބޭނުންވާ ފައިނޭންސިންގެ ތެރެއިން 5.1 ބިލިއަން ރުފިޔާ ހަމަޖެހިފައިވާ ކަމަށެވެ. މީގެ ބޮޑު އިންސައްތައަކީ، އަންނަ އަހަރު ބަޖެޓު ކުރެވިފައިވާ މަޝްރޫއުތަކަށް ހަމަޖެހިފައިވާ ފައިސާ އެވެ.