Advertisement

100 ކިލޯގެ ޑްރަގް މައްސަލަ: 8 މީހުންގެ ވަނަވަރު ހާމަކޮށްފި، ކޯޓުން ވަނީ ދެ މީހަކު ދޫކޮށްލާފައި

17 އޮކްޓޯބަރު 2021 - 13:53 1

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގަ ހައްޔަރުކުރި އަށް މީހުން. އޭގެ ތެރޭގައި ބަންގްލަދޭޝްގެ ދެ މީހަކު ވެސް ހިމެނޭ.-- ފޮޓޯ: ފުލުހުން


100 ކިލޯގެ ޑްރަގް މައްސަލަ: 8 މީހުންގެ ވަނަވަރު ހާމަކޮށްފި، ކޯޓުން ވަނީ ދެ މީހަކު ދޫކޮށްލާފައި

17 އޮކްޓޯބަރު 2021 - 13:53 1

މިދިޔަ ބުރަސްފަތި ދުވަހު 100 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ދޫކޮށްލި ދެ މީހުން ފިޔަވައި ބާކީ ތިބި އަށް މީހުންގެ ވަނަވަރު ފުލުހުން މިއަދު އާއްމު ކޮށްފި އެވެ.

އެ އަށް މީހުންގެ ތެރެއިން ހަ މީހުންނަކީ ދިވެހިންނެވެ. ދެން ތިބީ ބަންގްލަދޭޝް ދެ މީހުންނެވެ.

  • މިދުހަތު އިބްރާހިމް (26)، ދޭލިޔާގެ، ގއ. ދެއްވަދޫ
  • ޖުމްާން މުސްތަފާ (19) ބީވްހެވަން، ނ. ވެލިދޫ
  • އިބްރާހިމް ޒައިދު ހަބީބު (25)، ސޯސަންގެ، ގއ. ކޮލަމާފުށި
  • މުހައްމަދު އަހުމަދު (34)، ޖަނަވަރީމާގެ، ލ. ކަލައިދޫ
  • އިބްރާހިމް ސިނާން (24)، ދިއާފްރެންޑް، ހދ. ކުމުންދޫ
  • މުހައްމަދު ހުސެއިން (61) ޕޮލަރިސް، ދ. ބަނޑިދޫ
  • އެމްޑީ ރަފީގުލް އިސްލާމް (35)، ބަންގްލަދޭޝް
  • ޑީއެމް މޮބިން (24)، ބަންގްލަދޭޝް

އެ އޮޕަރޭޝަނުގައި ފުލުހުން 10 ތަނެއް ބަލާ ފާސްކޮށް 100 ކިލޯއާ ގާތްކުރާ އަދަދަކަށް ހެރޮއިން އަތުލައިގަނެފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.

ހަމީދު ވިދާޅުވި ގޮތުގައި, އެ އޮޕަރޭޝަނަކީ 24 ގަޑިއިރު ވަންދެން ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް، ޑްރަގް އިންޓެލިޖެންސް، މެރިން ޕޮލިސް އަދި ފޮރެންސިކްސް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެކެވެ.

ވަނަވަރު އާއްމުކުރުމުގެ އިތުރުން ފުލުހުން ވަނީ ހައްޔަރުކުރި އަށް މީހުންގެ ބަންދުގެ މުއްދަތުގެ ތަފްސީލު ވެސް ހާމަކޮށްފަ އެވެ. އެގޮތުން މިދުހަތު އިބްރާހިމް ފަސް ދުވަހަށް ބަންދަށް ޖަހާފައިވާއިރު، ބަންގްލަދޭޝްގެ ދެ ރައްޔިތުންގެ އިތުރުން މުހައްމަދު ހުސެއިން އަދި އިބްރާހިމް ސިނާން 15 ދުވަހަށް ބަންދުގެ މުއްދަތު ކޯޓުން ވަނީ ޖަހައިދީފަ އެވެ. އަދި މުހައްމަދު އަހުމަދު އާއި އިބްރާހިމް ޒައިދު ހަބީބުގެ އިތުރުން ޖުމާން މުސްތަފާގެ ބަންދަށް 10 ދުވަސް ޖަހައިދީފައިވާކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ އޮޕަރޭޝަނުގައި މަސްތުވާތަކެތ ހޯދާއިފައި ވަނީ އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ރަށެއްގައި ފިރުވާފައި ހުއްޓާކަމަށް ފުލުހުން ބުނެ އެވެ. އަދި އެ އޮޕަރޭޝަނުގައި މާލޭގެ ބައެއް ގޭގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލާފާސްކުރިކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނާގޮތުގައި އެ މައްސަލައިގަ ކޯޓުން ދޫކޮށްލާފައިވަނީ އެ މައްސަލައިގަ އިސްކޮށް ހިމެނޭ ދެ މީހުންނެވެ. އެ ދެ މީހުން ދޫކޮށްލި ނިންމުން އިސްތިއުނާފްކުރުމަށް ފުލުހުން ވަނީ ޕީޖީގައި އެދިފަ އެވެ.

އޭގެ ފަހުން ރ. އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވެސް ވަނީ 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފަ އެވެ.

އެ އޮޕަރޭޝަނުގައި އިންޑިއާ ސަރުކާރާއި ސްރީ ލަންކާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މައްސަލައިގަ ހައްޔަރުކޮށްފައި ވަނީ ދެ މީހެކެވެ.