Advertisement

އިންޑިއާގެ ކަޝްމީރުގައި ހަމަނުޖެހުން ބޮޑުވެ ގިނަ ބަޔަކު މަރުވަނީ

17 އޮކްޓޯބަރު 2021 - 09:43 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކަޝްމީރުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަނީ.


އިންޑިއާގެ ކަޝްމީރުގައި ހަމަނުޖެހުން ބޮޑުވެ ގިނަ ބަޔަކު މަރުވަނީ

17 އޮކްޓޯބަރު 2021 - 09:43 0

ސްރީނަގަރް، އިންޑިއާ (އޮކްޓޯބަރު 16) - އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިތުރު ހަ މީހުން މަރުވެއްޖެ އެވެ.

ފާއިތުވި ދެ ހަފުތާގައި ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 28 މީހުން މަރުވެފައި ވެ އެވެ. މުސްލިމުންގެ މެޖޯރިޓީ ބޮޑު އިންޑިއާގެ ކަޝްމީރުގެ ހަނގުރާމަވެރިން ޕާކިސްތާނުގެ ދަށަށް ދާން ބޭނުންވެ، ހަމަލާދެމުންދާތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ފުލުހުންގެ އިންސްޕެކްޓަރު ޖެނެރަލް ވިޖޭ ކުމާރް ވިދާޅުވީ ދަ ރިޒިޒްޓަންސް ފްރަންޓްގެ ދެ ހަނގުރާމަވެރިއަކު މަރާލީ ސްރީނަގަރްގައި މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

އޭގެ ތެރެއިން އެކަކަކީ ދަ ރިޒިޒްޓަންސް ފްރަންޓުގެ އިސް ކޮމާންޑަރު އުމަރު މުޝްތާގް ހާންޑޭ އެވެ. އޭގެ ފަހުން މަގުމަތީގައި އެއްޗެހި ވިއްކާ މީހަކާއި ލޭބާ މަސައްކަތް ކުރާ މީހެއްގެ ގަޔަށް ވެސް ބަޑި ޖަހައި މަރާލި އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކަޝްމީރު ފަޅިކުރަން ގާއިމްކޮށްފައިވާ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ކައިރީގައި ވެސް ހަމަލާ ބަދަލުކޮށް ދެ ސިފައިންގެ މީހުން މަރުވި އެވެ.

ފުލުހުން ބުނީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ހަނގުރާމަވެރި ގްރޫޕުތަކާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ 1،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަވާރަ ސަތޭކަ ސާޅީސް ހަތް ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާން މިނިވަންވުމާއެކު ދެ ގައުމުގެ މެދުގައި ކަޝްމީރު އޮންނަނީ ފަޅިކޮށްލާފަ އެވެ. ނަމަވެސް ދެ ގައުމުން ވެސް މުޅި އެ ސަރަހައްދަށް އެއްކޮށް ދައުވާ ކުރެ އެވެ.

އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ހަތިޔާރު ހިފައިގެން އުޅޭ ގްރޫޕުތަކުން ބޭނުން ވަނީ ޕާކިސްތާނުގެ ދަށަށް ކަޝްމީރު އެއްކޮށް ބަދަލު ކުރުމަށެވެ. އެކަން ހާސިލް ކުރުމަށް އިންޑިއާ ސިފައިންނަށް އެ މީހުން ހަމަލާދޭތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

އެ ހަމަނުޖެހުމުގައި އެތައް ހާސް ބަޔަކު މިއަދާ ހަމައަށް މަރުވެފައި ވާއިރު، އިންޑިއާ އިން ތުހުމަތު ކުރަނީ ހަތިޔާރު ހިފައިގެން އުޅޭ ގްރޫޕުތަކަށް ޕާކިސްތާނުން އެހީވާ ކަމަށެވެ.