17 އޮކްޓޯބަރު 2021 - 08:14 3
އައްޒާމް އަލިފުޅު
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
17 އޮކްޓޯބަރު 2021 - 08:14 3
މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ފުޓްބޯޅަ ޓީމަށް ދިވެހި ސަޕޯޓަރުން އެ ދިން ސަޕޯޓް ރާއްޖޭގެ ކްލަބް ފުޓްބޯޅައިގައި ވެސް ބޭނުންވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ބައްސާމް، މި ގޮތަށް ވިދާޅުވީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ފަހު ރޭ ދިން އިންޓަވިއުގަ އެވެ. ރޭގެ ފައިނަލުގައި ނޭޕާލް 3-0 އިން ބަލިކޮށް އިންޑިއާ ވަނީ މުބާރާތުގެ ޗެމްޕިއަންކަން އަށް ވަނަ ފަހަރަށް ހޯދައިފަ އެވެ.
ބައްސާމް ވިދާޅުވީ ގައުމީ ޓީމަށް އެ ދެވިގެންދާ ތަރުހީބު ރާއްޖޭހެ ކްލަބްތަކަށް ދެވޭ ނަމަ މިހާރު މިއޮތް ވަރަށް ވުރެ ފުރިހަމަ އަށް ގައުމީ ޓީމުގެ ހަރަކާތްތައް ވެސް ކުރިއަށްދާނެ ކަމަށެެވެ.
"ގައުމީ ޓީމަށް އެ ދޭ ހިތްވަރު އެ ދޭ ޖޯޝުގައި އެ ދޭ ފޯރީގައި ހަމަ އަޅުގަނޑު ދަންނަވާނީ ކްލަބްތަކަށް ވެސް ސަޕޯޓް ދޭށޭ. ރާއްޖޭގެ ލީގު ކުރިއަށްދާއިރު ހަމަ ދަނޑަށް ވަޑައިގަންނަވާށޭ. އަދި މި ޒުވާން ކުޅުންތެރިންނަށް ހިތްވަރުދީފިނަމަ މާ ދުރަކުންނެއް ނޫން އަޅުގަނޑުމެންނަށް ކާމިޔާބު ލިބިގެންދާ ތަން ފެނިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.
ސާފްގެ މެޗެއްގެ ތެރެއިން ދިވެހި ސަޕޯޓަރުންތަކެއް ޓީމަށް ތަރުހީބު ދެނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދިން ދިވެހި ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ވަނީ ގައުމީ ޓީމުން ބައިނަލްއަގުވާމީ މެޗުތައް ވީހާވެސް ގިނައިން ކުޅުމުގެ މުހިއްމު ކަމަށް އަލިއަޅުވާލައި ވާހަކަ ދައްކައިފަ އެވެ.
ބައްސާމް ވިދާޅުވީ ގައުމީ ޓީމުން ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތައް ވެސް ކުޅެން ޖެހޭ ކަމަށާއި އިންޓަނޭޝަނަލް މުބާރާތް ވެސް ބާއްވަން ޖެހޭ ކަމަށެވެ.
މިނިސްޓަރު މަހުލޫފް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާ އެކު ކޮންމެ އަހަރަކު ރާއްޖޭގައި އިންވިޓޭޝަނަލް ފުޓްބޯޅަ މުބާާރާތެއް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ބައްސާމް ވެސް ވަނީ އެއީ ވަރަށް އުފާވެރި ކަމެއް ގޮތުގައި ފާހަގަކުރައްވައިފަ އެވެ.
"ކޮންމެ އަހަރަކު އިންޓަނޭޝަނަލް ޓޯނަމެންޓެއް ރާއްޖޭގައި ހަމަ ބޭއްވޭތޯ މަސައްކަތް ކުރާނަން. އެއީ އަޅުގަނޑުމެންގެ މި ޒުވާން ޓީމުތައް އިތުރަށް ބިލްޑް ކުރަން ވަރަށް މުހިއްމު ކަމަކަށް ވެގެންދާނީ،" ބައްސާމް ވިދާޅުވި އެވެ.
އުނދަގޫ ހާލަތެއްގައި އޮވެފައި މުޅި ދިވެހިރާއްޖޭގައި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުނީތީ ހިތްހަމަޖެހޭ ކަމަށް ބައްސާމް ވިދާޅުވި އެވެ.
މުބާރާތުގެ ކަންކަން ރޭވިފައި ހުރި ގޮތްތަކުގެ ތެރެއިން ވަރަށް ހަރުކަށި ޕްރޮޓޮކޯލްތަކެއް ހުރި ކަމުގައި ވިޔަސް މުބާރާތުގެ އިންތިޒާމްތައް ދިޔައީ ވަރަށް ރަނގަޅަށް ކަން ބައްސާމް ފާހަގަކުރެއްވި އެވެ. ސާފް ޗެމްޕިއަންޝިޕް އިންތިޒާމްތަކުގެ ތެރެއިން ރަނގަޅަށް ކުރިއަށް ދިއުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބިފައިވާތީ އެ ކަމަށް ބައްސާމް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment