16 އޮކްޓޯބަރު 2021 - 10:04 2
އަމަން ހަލީމް
ސ. ހަންކެޑެ: ދެކުނުގައި ހިންގާ ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓު ހިންގަނީ މި ރަށުގައި. -- ފޮޓޯ: ނާޖިހު ދީދީ/ ޓްވިޓާ
16 އޮކްޓޯބަރު 2021 - 10:04 2
ޓޫރިޒަމް ސިނާއަތު ސިންދަފާތުކުރުމުގެ ބޭނުމުގައި ރާއްޖެއަށް ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފުކުރަން ހއ. ދައްޕަރުގައި ހިންގަން އުޅުނު ޕްރޮޖެކްޓު އުތުރުގެ އެހެން ރަށެއްގައި ކުރިޔަށް ގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ދައްޕަރުގައި ހިންގަން އުޅުނު ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓު މަޑުޖައްސާލަން ޖެހުނީ، އެ ރަށާ އެއް ފަސްގަނޑެއްގައި އޮންނަ ފިއްލަދޫގެ އިހުތިސޯސުގެ ތެރެއިން އެ ރަށް ވަކިކުރުމުން އުފެދުނު މައްސަލަގަނޑުގެ ތެރޭގަ އެވެ.
އެކަމާ ދެކޮޅަށް އެ ރަށު ރައްޔިތުން ތެދުވުމާ ގުޅިގެން ސަރުކާރުން ވަނީ އެ ނިންމުން ބަދަލުކޮށް، ދައްޕަރު އަލުން ފިއްލަދޫގެ އިހުތިސޯސުގައި ހިމަނާފަ އެވެ. އެއާ އެކު ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓުގެ މުސްތަގުބަލާ މެދު ސުވާލު އުފެދުނެވެ.
އެކަމަކު މި ކަންބޮޑުވުންތަކާ ގުޅިގެން ޖަވާބު ދެމުން ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފުކުރަން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހައްސާން "އަދަދު" އަށް ވިދާޅުވީ، މިހާރު ކުރިޔަށް ދަނީ އެ ޕްރޮޖެކްޓް ހިންގާނެ ރަށެއް ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ. އަދި އަންނަ ހަފުތާއަށް އެކަމާ ގުޅޭ ޕްލޭނިން އެކްސަސައިޒެއް ރޭވިފައިވާ ކަމަށާއި މި މަހުގެ ނިޔަލަށް ޕްރޮޖެކްޓު ހިންގާނެ ރަށެއް ހާމަކުރާނެ ކަމަށް ވިދާޅުވި އެވެ.
މި ޕްރޮޖެކްޓު އުތުރުގެ އެހެން ރަށަކަށް ބަދަލު ކުރުމަށް މިނިސްޓްރީން ބޭނުންވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ތަރައްގީކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިންނެވެ. ދެކުނަށް ހާއްސަކޮށް ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރަނީ އައްޑޫ ސިޓީ ހަންކެޑެ ގަ އެވެ.
ފިއްލަދޫގެ އިހުތިސޯސުގެ ތެރޭގައި ދައްޕަރު ހިމެނުނަސް، އެ ރަށު ކައުންސިލާ ގުޅިގެން މި ޕްރޮޖެކްޓް ހިންގަން އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ރައީސް އޮފީހާ ކުރެވުނު މަޝްވަރާތަކުގައި ފިއްލަދޫ ކައުންސިލުން ބުންޏެވެ.
ދައްޕަރު އިހުތިސޯސުގެ މައްސަލަ ފެންމަތިވީ ދުވަސްވަރު މިގޮތަށް ޕްރޮޖެކްޓް ކުރިޔަށް ގެންދާނެތޯ ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، ޓޫރިޒަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް އެކަމަށް ޖާގަ ނުދޭ ކަމަށެވެ.
އެކަމަކު ސަރުކާރުން އެކުލަވާލާފައިވާ ގަވާއިދުތައް ބުނާ ގޮތުން އިންޓެގްރޭޓަޑް ޓޫރިޒަމް މޮޑެލްގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުގެ ސަރަހައްދުތައް ވެސް ޓޫރިޒަމްގެ ބޭނުންތަކަށް ހާއްސަ ކުރެވެ އެވެ.
ރިއަލް އެސްޓޭޓް ޓޫރިޒަމަކީ ރާއްޖޭގައި ދިރިއުޅެން ބޭނުންވާ ބިދޭސީންނަށް އަމާޒުކޮށް އިންޓަގްރޭޓަޑް ޓޫރިޒަމް މޮޑެލް އަދި ޕްރައިވެޓް އައިލެންޑް މޮޑެލްގެ ތެރެއިން ހިންގާ ސެކަންޑް ހޯމް ޕްރޮގްރާމްތަކެކެވެ. ރެޒިޑެންސީ ވިސާ ޕްރޮގްރާމަކާ ލާމެހިގެން ހިންގޭ މި ޕްރޮގްރާމުގެ ސަބަބުން ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
Comment