Advertisement

ޔޫޓީއެފް އެއްބަސްވުން ހާމަކުރަން ޑިފެންސަށް ހަތް ދުވަހުގެ މުހުލަތެއް

14 އޮކްޓޯބަރު 2021 - 12:43 0

އަމަން ހަލީމް

އަމަން ހަލީމް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، އަރިހުގައި ސިފައިންގެ ވެރިން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ޔޫޓީއެފް އެއްބަސްވުން ހާމަކުރަން ޑިފެންސަށް ހަތް ދުވަހުގެ މުހުލަތެއް

14 އޮކްޓޯބަރު 2021 - 12:43 0

އުތުރުތިލަފަޅު އެއްބަސްވުމުގައި ހުރި ބައެއް މައުލޫމާތުތަކަކީ އޭގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތުތަކެއް ނޫންކަމަށް ނިންމައި، ހަތް ދުވަހުގެ ތެރޭގައި އެ މައުލޫމާތުތައް ހިއްސާކުރަން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މިއަދު ޑިފެންސް މިނިސްޓްރީއަށް އަންގަވައިފި އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ މައުލޫމާތުތައް ހޯދަން ޑިފެންސަށް ހުށަހެޅީ "ދިޔަރެސް" ނޫހުގެެ ނޫސްވެރިޔާ އަހުމަދު އަޒާން އެވެ.

އެކަމަކު އެ މައުލޫމާތުތައް އާންމުކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ވަނީ އެދިފައިވާ މައުލޫމާތުތައް ހިއްސާކުރަން އިންކާރުކޮށްފަ އެވެ.

އެއާއެކު އެ މައުލޫމާތު ހޯދަން އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅުމުން މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ކޮމިޝަނަރު އާހިދު ވިދާޅުވީ އެދިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އޭގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތުތަކެއް ނެތް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ގާނޫނު އަސާސީގައި ބުނާ ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތުތަކެއް ހޯދަން ހުށަހަޅާފައި ނެތް ކަމަށް އާހިދު ނިންމެވި އެވެ.

އަދި އޭގެ ތެރެއިން ބައެއް މައުލޫމާތުތަކަކީ މީގެ ކުރިން އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއްސާކޮށްފައި ހުރި މައުލޫމާތުތަކެއް ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫޓީއެފް އެއްބަސްވުމާ ގުޅިގެން ހޯދަން ހުށަހެޅި މައުލޫމާތު

  • އެއްބަސްވުމުގެ ދަށުން ތިބޭ ޓެކްނިކަލް މީހުން ނިސްބަތްވާ މުއައްސަސާ
  • އެ މީހުން ރާއްޖޭގައި ތިބޭނެ މުއްދަތު
  • އެއްބަސްވުމުގެ ދަށުން ތިބޭ ޓެކްނިކަލް މީހުންގެ އަދަދު
  • އެއްބަސްވުމުގެ ދަށުން ދީފައިވާ ލޯނުގެ އިންޓްރެސްޓާއި، އަނބުރާ ދައްކަން ޖެހޭ މުއްދަތުގެ ތަފުސީލު
  • އެތެނުގައި ތިބޭ ޓެކްނިކަލް މީހުންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭ ނަމަ އޭގެ ތަފުސީލު
  • ޓެކްނިކަލް މީހުންގެ ހުރުމާއި، ކެއިން ބުއިމުގެ ހަރަދުތަކާ ގުޅޭ ތަފުސީލުތައް

ޔޫޓީއެފް އެއްބަސްވުމުގެ ލޯނާ ގުޅޭ ތަފުސީލުތައް ޑިފެންސް މިނިސްޓްރީން ހިއްސާނުކުރީ އެއީ އެ ވުޒާރާއިން ސޮއިކުރި އެއްބަސްވުމަކަށް ނުވާތީ އެ ތަފުސީލުތައް ނެތް ކަމަށް ބުނެ އެވެ.

އެކަމަކު އެއީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނާ ހިލާފަށް މިނިސްޓްރީން ކޮށްފައިވާ ކަމެއް އާހިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ކަމާގުޅޭ އިދާރާއަކުން އެ މައުލޫމާތު ހޯދުމަކީ ގާނޫނުގައި ބުނާ ގޮތް ކަމަށެވެ.

މި މައްސަލައިގައި ޑިފެންސް މިނިސްޓްރީން ގާނޫނުގައި ބުނާ ގޮތަށް އަމަލުކޮށްފައި ނުވާތީ އިންފޮމޭޝަން ކޮމިޝަނަރު ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅޭ ހުށަހެޅުންތަކާ ގުޅިގެން އެ ގާނޫނުގައި ބުނާ ގޮތަށް އަމަލުކުރަން ޑިފެންސަށް އަންގާފަ އެވެ. އަދި ލޯނާ ގުޅޭ މައުލޫމާތުތައް ފިނޭންސުން ހޯދައިގެން ހިއްސާކުރަން އެންގި އެވެ.

އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ޑޮކްޔާޑަކާއި ބަނދަރެއް އެޅުމަށް އިންޑިއާ ސަރުކާރާއެކު ހެދިފައިވާ އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީގަ އެވެ. އޭރުން ފެށިގެން އިދިކޮޅުން އަންނަނީ އެއްބަސްވުމުގެ ތަފްސީލެއް ހާމަނުކުރާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިހާރު ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ން ވަނީ މި އެއްބަސްވުން އެ ކޮމިޓީއާ ހިއްސާކުރަން އެދިފަ އެވެ.